30 އަހަރުގެ ޚުދުމުޚްތާރު ވެރިކަން ބަދަލުކުރުމަށް ރައްޔިތުން ބޭނުންވި އެންމެ ބޮޑު ސަބަބަކީ ވެސް ފުލުހުންގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ދިއުންކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

30 އަހަރުގެ ޚުދުމުޚްތާރު ވެރިކަން ބަދަލުކުރުމަށް ރައްޔިތުން ބޭނުންވި އެންމެ ބޮޑު ސަބަބަކީ ވެސް ފުލުހުންގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ދިއުންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ށ.މިލަންދޫގައި ބޭއްވި އެމްޑީޕީގެ “ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރު” ގެ އިފްތިތާހީ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން ފުލުހުންގެ އަނިޔާވެރިކަމަށް ބައްލަވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ އާއި މަޖިލިސްގެ 2 މެންބަރެއްގެ އިތުރުން ރައީސް ނަޝީދުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރަށް އަނިޔާވެރިނުވާ ކަމަށް ދެއްކި ފޮޓޯއިން ގިނަ ބަޔަކު ސިހިގެން ދިޔަ ކަމަށާއި، ކޮމިޝަނަރ އޮފް ޕޮލިސް ކަމާއި ހަވާލުވެވަޑައިގެން ހުންނެވި ޢަބްދުﷲ ރިޔާޒް އެ ފޮޓޯ އާންމުކުރެއްވީ އޭނާ ހިތުގެ އަޑީން އެ އަނިޔާ ކުރާން ހުރި ކަމުގެ ދަލީލެއްގެ ގޮތުން ކަމަށެވެ. މީގެ އިތުރުން ވެސް ރައީސް ނަޝީދު ވިދާޅުވީ ފެބްރުއަރީ 7 އަށް ފަހު ފުލުސް އޮފީސް ހިސާރުކޮށްފައިވާ ކަމަށާއި، އެމްޑީޕީން ކުރަމުން މިދާ މަސައްކަތަކީ ފުލުހުންގެ މުވައްސަސާ ވެސް މިނިވަންކުރުން ކަމަށް ވިދާޅުވިއެވެ. އަދި އިރާދަފުޅުން އަވަސް އިންތިޚާބެއް ބޭއްވޭނޭ ކަމަށާއި، އެއިންތިޚާބު އެމްޑީޕީން ކާމިޔާބުކުރާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތް ރޭވިގެން އައި އިރު ފުރަތަމަ ރާވާފައި އޮތީ އެމަނިކުފާނު އަވަހާރަކޮށްލަން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެގޮތަށް އަމަލުނުކުރެވުނީ ބައިނަލްއަޤްވާމީ ޖިނާއީ ހުކުމެއް އައުމުގެ ބިރު އޮތުމުން ކަމަށާއި، ފަހުން މަސައްކަތްކުރެއްވީ އެމަނިކުފާނު ހަވަރަށް ދެއްވަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ހިތާމަ އަކީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ އަކު ނެތުން ކަމަށް މިރޭ ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީން “ނިކުމެ އުޅެނީ” ރާއްޖޭގެ ރައްޔިތުންނަށް ރައީސުލް ޖުމްހޫރިއްޔާ އަކު ހޯދުމަށް ކަމަށާއި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަލުން އެނބުރި ވަޑައިގަންނަވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޮޑު ތިލަދުންމަތީގެ ތަރައްގީއަށް އެމްޑީޕީން ގެންގުޅޭ ތަސައްވަރާއި ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު މިރޭ ވިދާޅުވީ އެމްޑީޕީ ސަރުކާރުން އެސަރަހައްދުގެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމްކުރައްވާނޭ ކަމަށާއި، ބައެއް ރަށްރަށުގެ މަގު ހައްދަވައި، ބަނދަރުމަތި ތަރައްގީކުރައްވާނޭ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ އެންމެ ބޮޑު އެއް އަމާޒަކީ ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލައި، އެސަރައްދުގައި 10000 މީހުންނަށް ދިރިއުޅެވޭނޭ ގޮތް ހައްދަވައިދެއްވުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާގައި މިލަންދޫ ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވައި، އެކަށީގެންވާ ނަތީޖާ ނުހޯދޭ ކުދިންނަކީ ހެނދުނުގެ ނާސްތާ ރަގަޅަށް ނުކޮށް ސްކޫލަށްދާ ކުދިން ކަމަށް ފާހަގަކުރެއްވޭ ކަމަށާއި، ސްކޫލަށްދާ ކޮންމެ ކުއްޖަކަށް ވެސް އެމްޑީޕީގެ ސަރުކާރެއްގައި “ކިރުތައްޓަކާއި، 2 ވަށް ދޮންކެޔޮ ދިނުމަށް” ވައުދުވެވަޑައިގެންނެވީ ކުދިންނަށް ރަގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ރަގަޅުކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.