ލިޔެ އަޕްޑޭޓްކުރީ: ރާމިޒް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާ އެކު އެޕާޓީން އެންމެ އުތުރުގެ 3 އަތޮޅަށް ކުރާ “ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރު” މިއަދު ހަވީރު ފަށައިފިއެވެ.
މި ޚާއްސަ ދަތުރުގައި ބޮޑު ތިލަދުންމަތީ (ހއ.، ހދ. އަދި ށ. އަތޮޅު) ގެ މީހުން ދިރިއުޅޭ 44 ރަށަށް ވެސް ޒިޔާރަތް ކުރާނެއެވެ.
މިއަދުން ފެށިގެން 7 ޑިސެމްބަރ 2012 އަށް ކުރާ މި ދަތުރަކީ މިދިޔަ މަހު އެމްޑީޕީން ބޮޑު ދެކުނަށް ކުރި ކާމިޔާބު ދަތުރެކޭ އެއްފަދައިން، ރައްޔިތުންގެ ތަނަވަސްކަމާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމް.ޑީ.ޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީ ވަޢުދުތައް ދިވެހި ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކުރެވޭ ދަތުރެކެވެ.
މި ދަތުރުގައި އެމްޑީޕީގެ ލީޑާރޝިޕާއި، ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނާއި، އެމްޑީޕީގެ އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި މިދަތުރުގެ ބައިވެރިން ފުރުވާލުމަށް އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކުން މިއަދު ހަވީރު ޓީޖެޓީ ސަރަހައްދަށް ހާޒިރުވިއެވެ.
މި ދަތުރަށް ފުރާވަޑައިގެންނެވުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންގެ ޕާޓީއެއް ކަމަށާއި، ރައްޔިތުންގެ ވިންދާއި އިހްސާސްތައް ދެނެގަތުމަކީ އެމްޑީޕީން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް ކަމުގައެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ މިހާރު މިވަނީ ވެރިއަކު ނެތި، ރައީސަކު ނެތިފައި ކަމަށާއި، މިއީ އިންތިޚާބަކާ ހަމައަށް ދާންދެން ވެސް ރައްޔިތުންނަށް އުފުލަންޖެހިފައިވާ ވަރަށް ބޮޑު ތަކްލީފެއް ކަމަށެވެ. އަދި ބައެއް އެހެން ސިޔާސީ ޕާޓީތަކަށް ވެސް ރާއްޖޭގައި ވެރިއަކު ނެތްކަން ވިސްނި، އެ ޕާޓީތަކުން ވެސް އެމްޑީޕީއާ އެކު އަވަސް އިންތިޚާބަކަށް ދިއުމަށް އެމްޑީޕީން ގެންގުޅޭ ވިސްނުމާއި ފިކުރު އަންނަމުންދާ ކަމަށެވެ.
މި ދަތުރަށް ޚާއްސަ އެނަރޖީ ޑްރިންކް ކަމަށްވާ “ވިގަރ” ޑްރިންކް ވެސް ރައީސް ނަޝީދު ވަނީ ޓީޖެޓީ ސަރަހައްދުގައި މިއަދުގެ ދަތުރަށް ފެއްޓެވުމުގެ ކުރިން ތައާރަފްކޮށްދެއްވާފައެވެ.
ބޮޑުދެކުނުގެ ވައުދުގެ ދަތުރެކޭ އެއްފަދައިން މިދަތުރަކީ ވެސް ތަފާތު ރެލީތަކާ، ޚާއްސަ ޖަލްސާތަކާ، މައުލޫމާތު ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ އެކު ރަށްރަށުގެ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެކެވެ.