ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރު މާދަމާ ހަވީރު ފަށާނެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާ އެކު އެޕާޓީން އެންމެ އުތުރުގެ 3 އަތޮޅަށް ކުރުމަށް ހަމަޖެހިފައިވާ “ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރު” މާދަމާ ހަވީރު ފަށާނެއެވެ.

މާދަމާ ހަވީރު 4 ޖަހާއިރު ޓީޖެޓީ ސަރަހައްދުން ފަށާ މި ޚާއްސަ ދަތުރުގައި ބޮޑު ތިލަދުންމަތީ (ހއ.، ހދ. އަދި ށ. އަތޮޅު) ގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރާނެއެވެ.

21 ނޮވެމްބަރ 2012 ން 7 ޑިސެމްބަރ 2012 އަށް ކުރާ މި ދަތުރަކީ މިދިޔަ މަހު އެމްޑީޕީން ބޮޑު ދެކުނަށް ކުރި ކާމިޔާބު ދަތުރެކޭ އެއްފަދައިން، ރައްޔިތުންގެ ތަނަވަސްކަމާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމް.ޑީ.ޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީ ވަޢުދުތައް ދިވެހި ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކުރެވޭ ދަތުރެކެވެ.

މި ދަތުރުގައި އެމްޑީޕީގެ ލީޑާރޝިޕާއި، ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނާއި، އެމްޑީޕީގެ އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ބޮޑުދެކުނުގެ ވައުދުގެ ދަތުރެކޭ އެއްފަދައިން މިދަތުރަކީ ވެސް ތަފާތު ރެލީތަކާ، ޚާއްސަ ޖަލްސާތަކާ، މައުލޫމާތު ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ އެކު ރަށްރަށުގެ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެކެވެ.