އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 132 ވަނަ ބައްދަލުވުން ބާއްވައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެންއީސީގެ ބައްދަލުވުމެއްގެ ތެރެއިން .. މިއަދުގެ ބައްދަލުވުމުގައި ވެސް މުހިންމު މަޝްވަރާތަކެއް ކުރި. ފޮޓޯ: އައިވީ

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 132 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ މިހާރު ތައްޔާރުކުރަމުންދާ އެމްޑީޕީގެ މެނިފެސްޓޯ އާ ބެހޭ ގޮތުންނެވެ. ދެމެހެއްޓެނިވި ތަރައްގީއާއި، ފުދުންތެރި، އުފެއްދުންތެރި ރައްޔިތެއް ބިނާކުރުމާއި، ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބުކުރުމާއި، މަޖިލިސް އިންތިޚާބުގެ ސާފުސާދާ އަޤްލަބިއްޔަތެއް ހޯދުމަށް އަމާޒުކޮށް އެމްޑީޕީން އެކުލަވާލަމުންދާ މި މެނިފެސްޓޯ އާ ބެހޭ މައުލޫމާތު މެންބަރުންނަށް ދެއްވީ އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީގެ މުޤައްރިރު، އަދި ރައީސް ނަޝީދުގެ ކެބިނެޓްގެ އިކޮނޮމިކް މިނިސްޓަރ މަހުމޫދު ރާޒީ އެވެ.

މިއަދުގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުންނާއި ސެކްރެޓޭރިއަޓްގެ ފަރާތުން ވެސް ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް މައުލޫމާތުއެރުވިއެވެ. އެގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ބެހޭ ގޮތުން ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް މައުލޫމާތުދެއްވީ އެ ގްރޫޕްގެ ނައިބު ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އަދި ސެކްރެޓޭރިއަޓްގެ ފަރާތުން މައުލޫމާތުދެއްވީ އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ އަލީ ޝިޔާމް އެވެ.

މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދާއި، އެޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކެވެ.