މިއަދު ނެގި ވޯޓަކީ އެމްޑީޕީއަށް ސިޔާސީ ގޮތުން މަޖިލީހުގައި ލިބުނު ރަގަޅު ކުރިއެރުމެއް – އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ރައްޔިތުންގެ މަޖިލީހުގެ ބައެއް އިތުބާރު ނެތް ކަމުގެ ވޯޓުތަކަކީ ސިއްރު ވޯޓުތަކެއް ކަމަށް ހެދުމަށްޓަކައި މަޖިލީހުގައި މިއަދު ނެގި ވޯޓަކީ އެމްޑީޕީއަށް ސިޔާސީ ގޮތުން މަޖިލީހުގައި ލިބުނު ވަރަށް ރަގަޅު ކުރިއެރުމެއް ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވެބަސައިޓަށް މިރޭ މޫސަ ވިދާޅުވީ ބަޣާވާތަކުން ވެރިކަން ވައްޓާލިއިރު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ތިބި އަދަދު ކަމަށްވާ 34 ވޯޓު މިކަހަލަ ޗެލެންޖިންގ އިޝޫއެއް ގައި އެމްޑީޕީއަށް ލިބުމަކީ ސިޔާސީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި 26 މެންބަރުންނާ އެކު 2009 ވަނަ އަހަރު އިންތިޚާބުވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މިއަހަރުގެ ފެބްރުއަރީއާ ހަމައަށް އައިއިރު، 34 މެންބަރުންނާ އެކީ ސާބިތުކަމާއެކު އޮތް އޮތުން އެއީ އެމްޑީޕީގެ މެންބަރުންނާއި، ޑިމޮކްރަސީއަށް ލޯބިކުރާ އެންމެން ރާއްޖޭގައި ޑިމޮކްރަސީ ފައްކާކުރުމަށް އެމްޑީޕީން ކުރާ ބުރަ މަސައްކަތް ބަލައިގަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އޮތްގޮތަށް ބަލާއިރު މަޖިލީހުގެ ސާފް އަޤްލަބިއްޔަތު ނެތި ވެރިކަން ކުރުމަކީ ހިންދަމާލައިގެން އެކަކަށް ވެސް ކުރެވޭނޭ ކަމެއް ނޫންކަން މިހާރު ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކަށް ވެސް މިހާރު އެނގިވަޑައިގެންފައިވާނޭ ކަމަށާއި، އަދި އެމަނިކުފާނު މީޑިއާތަކުގައި ދައްކާ ވާހަކަތަކުން ވެސް އެކަން ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި މިއަދުގެ ވޯޓުގެ ސަބަބުން ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި ޑރ. ވަހީދު ވަރަށް ބޮޑަށް ލަދުފުޅުގަންނަން ޖެހިވަޑައިގެންފައިވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

“ބަޣާވާތެއް ގެނައުމަށްޓަކައި ދިވެހި އަސްކަރިއްޔާ އާއި ފުލުހުން ބޭނުންކޮށްގެން 7 ފެބްރުއަރީގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާގައި އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ކޮޓަރިއެއްގެ ތެރޭގައި ހުރެގެން ހުވާކޮށްގެން، ދިވެހިރައްޔިތުންގެ ވެރިކަމުގައި ރައްޔިތުންނަށް އަނިޔާކުރުން މަތީ ދެމިހުރުމަށްޓަކައި ސިފައިންނާ ފުލުހުންގެ މަދަދުވެރިކަމަށް ކިތަންމެ ވަރަކަށް އެދިގެން ހުއްޓަސް، މި ވޯޓު ސިއްރުކުރުމަށްޓަކައި މަޖިލީހުގެ ގަވައިދަށް އިސްލާހް ގެންނަން ހުށަހެޅި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވަހީދު ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި، މަޖިލިސް މެންބަރުންނަށް ބިރުދައްކައި، އޭނާގެ އަމިއްލަ ކޯލިޝަންގައި ހިމެނޭ މެންބަރުންނަށް އަނިޔާކުރުމަށްފަހު ވަރަށް ހަނި އަޤްލަބިއްޔަތަކުން މިއަދު ސަލާމަތްވިއެއް ކަމަކު ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުގައާއި ބައިނަލްއަޤްވާމީ ފަރާތްތަކުގެ ކުރިމަތީގައި ވަހީދު ލަދުގަންނަން ޖެހުނު 2 ވަނަ ދުވަހަށް މިއަދު ވެގެންދާނެ.” މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް މުޙަންމަދު ނަޝީދު ފަދަ ރައްޔިތުންގެ ލޯބި ލިބިފައިވާ އިންތިޚާބީ ވެރިއެއް ކަމަށާއި، އެމްޑީޕީ ފަދަ ނުގުޑާ އަޒުމެއްގައި، އެއް ގޮތެއްގައި ސާބިތުވެ ތިބޭ ޕާލަމެންޓްރީ ގްރޫޕެއްގެ މަދަދާއެކު ނޫނީ ވެރިކަން ނުކުރެވޭނޭ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

“ވަހީދަށް ވިސްނެންވީ ރައްޔިތުން ބޭނުން ވަނީ އިންތިޚާބުވެފައިވާ ރައީސް ނަޝީދު ފަދަ ރައްޔިތުންގެ ލޯބި އޮތް ރައީސެއްކަން. އަދި އެމްޑީޕީ ފަދަ އެކުވެރިކަމާ ނުގުޑާ ފަދަ އަޒުމެއްގައި ތިބި ވަރުގަދަ ޕާލަމެންޓްރީ ގްރޫޕަކާ އެކު ނޫނީ ވެރިކަން ނުކުރެވޭނޭކަން. މިއަދު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެ ދެއްކި ނަމޫނާ އަށާއި، އެމްޑީޕީއާ އެއްކޮޅަށް ވޯޓުދެއްވި ބޭފުޅުން ޑިމޮކްރަސީއަށް ޓަކައި އެކުރެއްވި ހިއްވަރަށް އަޅުގަނޑު ހަމަ ސާބަސްދީ ޝޫކުރު ދަންނަވަން. އަޅުގަނޑު ވަރަށް ޔަގީން ކަމާއެކު މިދަންނަވަނީ، ދާދި އަވަހަށް، މިފަހަރު ހެދި ވަރަށްވުރެ ބޮޑަށް އަތުންފައިން ގޯސް ހަދައި، ތިމާއަށް އެ ވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރި މީހުން ތިމާގެ ޕަޕެޓް ވެރިކަމަށް އިތުރަށް ފިއްތުން ކުރިމަތިކޮށް، ތިޔަ މަގާމުން ދުރުކުރާ ދުވަސް މާ ދުރުނޫންކަން ވެސް ވަހީދު ދަންނަންޖެހޭނެ.” މޫސަ ވިދާޅުވިއެވެ.