ލިޔެ އަޕްޑޭޓްކުރީ: ރާމިޒް
ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 132
ތާރީޚް: 19 ނޮވެމްބަރ 2012 (ހޯމަ)
ފަލަސްތީންގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރިކުރުން
ފަލަސްތީނުގެ ގާޒާ އިން އިޒްރޭލަށް ދޭ ރޮކެޓް ހަމަލާތައް ހުއްޓުވުމަށް ކަމަށް ބުނެ ގާޒާ ސްޓްރިޕަށް މެދު ނުކެނޑި އިޒްރޭލުން ހަމަލާ ދެމުންދާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރަމެވެ.
އިޒްރޭލުން ވަޔާއި ކަނޑުމަގުން ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިސް މެންބަރުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށް ކަމަށް ބުނެ ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 50 އާ ގާތްކުރާއިރު، ޒަޚަމްވި މީހުންގެ އަދަދު ވަނީ 500 އަށް އަރާފައެވެ. އަދި އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ވެސް ހިމެނޭކަން މި ޕާޓީން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ.
މީގެ އިތުރުން މިނިވަން މީޑިއާތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާދެމުން ގެންދާކަން ވެސް މި ޕާޓީން އިންތިހާއަށް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެގޮތުން އިއްޔެ އިޒްރޭލުގެ ހަމަލާތައް ގާޒާ ސިޓީގެ މީޑިއާ އިމާރަތާކަށް އަމާޒުކޮށްފައިވާއިރު، މި ހަމަލާގައި ނޫސްވެރިން ޒަޚަމްވެ، ހޮސްޕިޓާތަކުން ފަރުވާ ދޭން ޖެހި، އަދި އެއް ނޫސްވެރިއެއްގެ ފައި ބުރިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
“އޮޕަރޭޝަން ޕިލަ އޮފް ޑިފެންސް”ގެ ނަމުގައި އިޒްރޭލުން ކުރިއަށް ގެންދާ މި އަސްކަރީ ހަރަކާތުގައި ގާޒާގެ 900 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީ، އިޒްރޭލުގެ އަސްކަރީ ހަރަކާތް އިތުރަށް ވަރުގަދަކޮށް ފުޅާކުރަމުން އަންނައިރު އެއްގަމު މަގުން އިޒްރޭލް ސިފައިން ގާޒާ އަށް އަރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވުމަކީ ވެސް މި ޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ.
އެހެންކަމުން ފަލްސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު ރަހުމުކުޑަ އަމަލުތައް ވަގުތުން ހުއްޓާލައި، އިންސާނީ ކަރާމަތާއި، ޝަރަފަށް އިހުތިރާމްކުރުމަށް އިޒްރޭލް ސަރުކާރަށް މި ޕާޓީން ގޮވާލަމެވެ. އަދި މި އިންސާނިއްޔަތާޚިލާފު ރަޙުމުކުޑަ އަމަލުތައް ބަލައި ތަހުގީގުކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށާއި، ކަމާއި ބެހޭ ބައިނަލްއަޤްވާމީ އެންމެހާ މުޥައްސަސާތަކަށް މި ގޮވާލަނީ އަދިވެސް ފަލަސްތީނާއި އިޒްރޭލުގެ ދެމެދުގައި ހިނގަމުންމިދާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ދެގައުމުން މަޝްވަރާކޮށްގެން ކުރިޔަށް ދިއުމަށް އެމްޑީޕީ ސަރުކާރުން ގޮވާލާފައިވާ ގޮވާލުން ތަކުރާރުކުރަމުންނެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް