އެމްޑީޕީން މެމްބަރޝިޕް ފޯރމްތައް އިލެކްޝަނަށް ވެއްދިއިރު ގަޑިއެއްނުޖެހޭ – އަކްރަމް

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަކުރަމް، ޓްރެކް ސަރަހައްދުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ގައި ވާހަކަދައްކަވަނީ

ސިޔާސީ ޕާޓީތަކަށް މިއަހަރުގެ ދަފްތަރަށް މީހުން އިތުރުކުރެވޭނެ އެންމެ ފަހު ވަގުތަކީ އިއްޔެގެ މެންދުރުފަހު 3.30 ނަމަވެސް އެ ވަގުތުގެ ކުރިން އެމްޑީޕީގެ ފޯރމްތައް އިލެކްޝަންސް ކޮމިޝަނާ ވައްދާފައިވާނޭކަމަށް އެމްޑީޕީގެ އަމީން އާއްމުގެ ނާއިބު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ، އެމްޑީޕީގެ ފޯރމްތައް އިލެކްޝަނަށްވެއްދީ ގަޑިޖެހުނުފަހުންކަމަށް އިލެކްޝަން ކަމިޝަނުން ބުނެފައިވާކަމަށް ބައެއް މީޑީއާތަކުން ރިޕޯޓުކޮށްފައިވާތީ އެކަން ހިނގާދިޔަކޮށް އޮޅުންފިލުވައިދިނުމަށް އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެމުންނެވެ.

” އަޅުގަނޑުމެންނާއި ޕީޕީއެމްގެ ފޯރމްތައް ގެންދިޔައީ އެއްވަގުތެއްގައި، އެއިރު އަދި ގަޑިއެއްނުޖެހޭ، ނަމަވެސް އެތަނުގައި ކިޔު އޮތުމުގެ ސަބަބުން އަޅުގަނޑުމެންގެ ފޯރމްތައް ބަލައިގަތްއިރު 3.30 ވެއްޖެ. އޭގެ މާނައަކީ އަޅުގަނޑުމެން ފޯރމްތައް ގެނައީ ގަޑިޖެހިގެންނެކޭ ނޫން. އަޅުގަނޑުމެން ގަޑިޖެހުމުގެ ކުރިން ފޯރމްތައް ހިފައިގެން އައިތަން ފެންނާނެ ކޮމިޝަނުގެ މެމްބަރަކަށްވެސް، އަދި ކަމިޝަނުން އެފޯރމްތައް ބަލައިގަތުމަށްފަހު ފޮތުގައި ސޮއިވެސްކުރި، ފަހުން ވެރިޔަކު ވިދާޅުވި ކަމަށްބުނެ ފޮތުން އެކަނޑާލީ.” އަކުރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވިގޮތުގައި އެމްޑީޕީ އިއްޔެ ހުށަހެޅި މެމްބަރޝިޕް ފޯރމްތަކާ މެދު ވަކިގޮތެއް ނިންމުމަށް ފަހު އަންގާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އަދި މިހާތަނަށް ވެސް އިލެކަޝަނުން ވަކިގޮތެއް އަންގާފައިނުވާކަމަށެވެ.

‘ އިލެކްޝަންސް ކަމިޝަނުގެ ނައިބު ރައީސް ފަޔާޒް ބައްދަލުކުރެއްވި ޕީޕީއެމް އާއި އެމްޑީޕީ އާ ވަކިވަކިން، އެބައްދަލުވުމަށްފަހު އަޅުގަނޑަށް ދެންނެވި ވަކިގޮތެއް އަންގާނެކަމަށް، އަޅުގަނޑު ދެންނެވިން ފޯރމްތައް އަނބުރާ ނުގެންދާނެކަމަށް، އަދި އެ ފޯރމްތައް ގެނައި އިރު ގަޑި ނުޖެހޭނެކަމަށް، އަދި އަޅުގަނޑުމެންގެ ފޯރމްތައް ފޮނުވާލާނަމަ ޕީޕީއެމްގެ ފޯރމްތައް ވެސް ފޮނުވާލަންޖެހޭނެ ކަމަށް، އެއީ އަޅުގަނޑުމެން ފޯރމްތައް ގެނައީ އެއްކޮން ކަމަށް ވާތީ، ހަވާލުވިކަމުގެ ލިޔުމެއްދިނުމުން އަޅުގަނޑުމެން އައީ ފޯރމްތައް ބަހައްޓާފަ، އަދި ޖަވާބެއް ނުލިބޭ އެކޮޅުން ރަސްމީކޮށެއް.” އަކްރަމް ވިދާޅުވިއެވެ.