އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުން ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާނެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުން ވެސް ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި އެ ގްރޫޕްގެ ބައްދަލުވުމުގައެވެ.

މިދިޔަ އޮކްޓޯބަރު 1 ން 15 އަށް ބޭއްވި ބޮޑުދެކުނުގެ ވައުދުގެ ދަތުރުގައި ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމް.ޑީ،ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އާއިއެކު، މިފެށޭ ޙާއްސަ ދަތުރަކީ ރާއްޖޭގެ ބޮޑު ތިލަދުންމަތީ (ހއ.، ހދ. އަދި ށ. އަތޮޅު) ގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށް ކުރެވޭ ދަތުރެކެވެ. ދަތުރުގެ ބޭނުމަކީ ޕާޓީގެ ފަރާތުން ވީ ވައުދު ފުއްދުނު މިންވަރު ދެނެގަތުމެވެ. އަދި މިއީ ތަފާތު ރެލީތަކާ، ޚާއްސަ ޖަލްސާތަކާ، ދޮރުންދޮރަށް ހިނގުމާއި، މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެކެވެ.