ނޫސްބަޔާން: ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ މެދު ކަންބޮޑުވުން ފާޅުކުރުން

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 131
ތާރީޚް: 18 ނޮވެމްބަރ 2012 (އާދީއްތަ)

ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ މެދު ކަންބޮޑުވުން ފާޅުކުރުން

ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި 2 މެންބަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސިވިލް ކޯޓަށް ހާޒިރުނުކުރެވިގެން ކަމަށް ބުނެ އެ ދެ ބޭފުޅުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް މިއަދު ސިވިލް ކޯޓުން ނެރުނު އަމުރު މިހާރު ބާތިލްކޮށްފައިވީ ނަމަވެސް އެ ކުއްލި އަމުރާ މެދު މި ޕާޓީން ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ކޯޓުން ކޮށްފައިމިވާ އަމުރަކީ ނުހަނު ބޮޑަށް ސިޔާސީ ކުލަޖެހިގެން ނެރެފައިވާ އަމުރެއްކަމަށް ވެސް މިޕާޓީން ދެކެމެވެ.

މި ދެ ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށުން މާދަމާ 30: 1 އަށް ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 2010 ގައި ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ ފައިސާ ހުކުމާ އެއްގޮތަށް ދައްކާފައިނުވާތީ، އެ ހުކުމް ތަންފީޒުކޮށްދިނުމަށް ބީއެމްއެލް އިން ހުށަހެޅުމާ ގުޅިގެން ކަމަށް މި ޕާޓީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސިވިލް ކޯޓުގެ އެ އަމުރު، ޝެޑިއުލްކުރުމުގެ މައްސަލައެއް ދިމާވެ، އެ މައްސަލަ އެހެން މައްސަލައެއް އޮތް ވަގުތާ ފުށުއަރާތީ އެ މައްސަލައިގެ އަޑުއެހުން ފަސްކުރަން ޖެހިގެން ކަމަށް ބުނެ، ހަމަ އެކޯޓުން މިހާރު ބާތިލްކޮށްފައިވީ ނަމަވެސް، 3 އަހަރު ދުވަސްވީ މި މައްސަލައާ ގުޅިގެން އިއްޒަތްތެރި 2 މެންބަރަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މިއަދު ކުއްލިއަކަށް އަމުރުކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކާއި، ނާއިބު ރައީސް ކަމުގައި ހުންނަވާ ބޭފުޅަކާއި، އަދި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވަނިކޮށް، ކަމަށްވީ ހިނދު މި ކުއްލި އަމުރަކީ އެ ވޯޓަށް ނުފޫޒް ފޯރުވުމަށް ބަޔަކު ގަސްދުގައި ރާވައިގެން ނެރެފައިވާ އަމުރެއް ކަމަށް ބެލެވޭނޭ ޖާގައޮތް ކަމަށް މި ޕާޓީން ދެކެމެވެ. އަދި ހަމއެއާއެކު ޝަރުއީ ދާއިރާ ފަދަ މިނިވަން މުސްތަގިއްލު ދާއިރާ އަކުން މިފަދަ އަމުރުތައް ނެރުމުގައި ދެއަތަށް ކިރެމުން ދިއުމަކީ އެދާއިރާގެ ނާގާބިލްކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް މި ޕާޓީން ދެކެމެވެ.

މީގެ އިތުރުން ސިޔާސީ ފަރާތްތަކާއިމެދު ފާޅުކަންބޮޑު ގޮތެއްގައި އިންސާފެއްނެތި ޝަރުއީ ނިޒާމުގެ ތެރޭގައި، ތަފާތު ކުރުންތައް ގެންގުޅެމުން ދާކަން މިޕާޓީން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ އެކިއެކި މިޝަންތަކުންނާއި އެކިއެކި މާހިރުން، ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައިވާ ކަންކަން ދިރާސާކޮށް އެފަރާތްތަކުގެ ރިޕޯޓްތަކުގައި ރާއްޖޭގެ ފަނޑިޔާރުގެތަކުން އަދުލު އިންސާފު ލިބުމުގެ ބަދަލުގައި ބޭއިންސާފު ލިބޭކަމަށް ފާހަގަކޮށް، ރާއްޖޭގެ ޝަރުއީ ނިޒާމު އިޞްލާޙް ކުރުމަށް ނުހަނު ބާރުއަޅާފައިވާ ހިނދުގައާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފަނޑިޔާރުގެ ތަކުން އިންސާފު ނުލިބޭކަމަށް ދިވެހި އެތައް ރައްޔިތުންނެއް އަބަދާއި އަބަދު އަޑު އުފުލަމުންދާއިރު، އެކަމުގެ ހަޤީޤަތް މިއަދު މިދަނީ ދިވެހިރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގި ސާބިތުވަމުންނެވެ.

ވީމާ ޝަރުއީ ދާއިރާއާއި އެނޫންވެސް ދާއިރާތަކުގައި ނާޖާއިޒް ގޮތުގައި ބާރާއި، ނުފޫޒު ބޭނުން ނުކުރުމަށް މި ޕާޓީގެ ސިޔާސީ ވާދަވެރިންނަށް ގޮވާލަމެވެ. އަދި އަދުލު އިންސާފްގެ ދާއިރާ ވެއްޓިފައިމިވާ ފުންވަޅުގަނޑުން އެ ދާއިރާ ސަލާމަތްކޮށް. އެދާއިރާ ސިޔާސީ ވާދަވެރި ފަރާތްތަކުގެ ކަސްތޮޅުން މިނިވަންކުރުމަށާއި، ރާއްޖޭގެ ފަނޑިޔާރުގެތަކުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އަދުލު އިންސާފު ހޯދައިދިނުމަށް އެމްޑީޕީން ފަށާފައިވާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް