ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 130
ތާރީޚް: 18 ނޮވެމްބަރ 2012 (އާދީއްތަ)
ސްޕްރީމް ކޯޓުގައި ހިނގާ މައްސަލައިގައި ތަދައްޚުލްވުމަށް އެމްޑީޕީގެ ފަރާތުން އެދެފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ހިންގާ ކޮމިޓީން ނިންމާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން، “ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު”ގެ ސައްހަ ކަމާމެދު ސްޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ތަދައްޚުލްވުމަށް އެމްޑީޕީން ސްޕްރީމް ކޯޓުގައި އެދެފިއެވެ.
އެމްޑީޕީން އެ މައްސަލައިގައި ތަދައްޚުލްވުމަށް އެދިފައިވަނީ އެ މައްސަލައަކީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ވެފައި، އަދި އެގޮތުން މި ޕާޓީއާ ގުޅުންހުރި މި ޕާޓީގެ މަސްލަހަތު ވެސް ހިމެނޭ މައްސަލައަކަށްވެފައި، އެ މައްސަލައިގައި ސިޔާސީ ކުލަވަރުޖެހިފައިވާ ކަމަށް މި ޕާޓީއަށް ގަބޫލުކުރެވޭތީ، އެ މައްސަލައިގައި މި ޕާޓީގެ ފަރާތުން ތަދައްޚުލްވެ، ވަކާލާތުކުރުމުގެ ފުރުސަތު ނުލިބިއްޖެނަމަ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި މި ޕާޓީއަށް ހައްޤު ނޫން ގެއްލުން ލިބިދާނޭ ކަމަށް ގަބޫލުކުރެވޭތީއެވެ.
އެ މައްސަލައިގައި ސިޔާސީ ކުލަވަރުޖެހިފައިވާ ކަމަށް މި ޕާޓީއަށް ގަބޫލުކުރެވޭ އެއް ސަބަބަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައި ވަނީ 31 އޮކްޓޯބަރ 2012 ވަނަ ދުވަހު ކަމަށްވާ އިރު، އެ ހިނދަކީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ފަރާތުން “ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު”ގެ ސައްހަކަމާއި މެދު ހުށަހެޅި ނުކުތާއެއް ހައިކޯޓުގައި އޮތް ހިނދަކަށްވެފައި، ޖުޑީޝަލް ކައުންސިލުން ހުޅުމާލޭގައި ވަކި ކޯޓެއް ހުންނާތީ، އެކަމާ ކަންބޮޑުވުންފާޅުކޮށްފައިވާ ކަން އޭގެ މާކުރިން އެނގެން އޮތް ހިނދު، އެކަމާ އަޅާނުލައި އެހާ ދުވަހު ހުރުމަށް ފަހު، ކުއްލި ގޮތެއްގައި ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާތީ އެވެ.
ހަމައެއާ އެކު، “ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް” ހުށަހެޅިފައިވާ މައްސަލައަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ކެންޑިޑެންސީ ބާތިލްވެދާނޭ މައްސަލައަކަށްވެފައި، ޖޭއެސްސީ އިން އެތަކެއް ދުވަހަށްފަހު އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ނިންމުމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގެންފައިވުމުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުގައި ސިޔާސީ ކުލަވަރު ޖެހިފައިވާ ކަމަށް އިތުރަށް ބާރުލިބިދޭތީއެވެ.
ހަމައެފަދައިން، ޖޭއެސްސީގެ މި ނިންމުމުގެ ސަބަބުން ހައިކޯޓުން ބައްލަވަމުންގެންދެވި މައްސަލަ ހުއްޓުމަކަށް އައިސް، އެ މައްސަލަ ހަމައެކަނި ސްޕްރީމް ކޯޓުން ބައްލަވަން ފެއްޓެވުމުގެ ނަތީޖާއެއްގެ ގޮތުން މިޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އިސްތިއުނާފްގެ ފުރުސަތު އެއްކޮށް ގެއްލިދެއެވެ. އަދި އެކަމަކީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށާއި، މި ޕާޓީއަށް ގެއްލުންދިނުމުގެ ގޮތުން ސިޔާސީ ކުލަވަރު ޖެހިގެން ކޮށްފައިވާ ކަމެއް ކަމުގައި ގަބޫލުކުރެވޭތީ، އެ ނުކުތާ ވެސް ތަދައްޚުލްވުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި މި ޕާޓީން ފާހަގަކޮށްފައިވެއެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް