ނަންބަރު: MDP –PG-2012-PR-0014
ތާރީޚް: 16 ނޮވެމްބަރ 2012
މިޕާޓީގެ ކުރީގެ ރައީސް އިބުރާހިމް ހުސެއިން ޒަކީއާއި، މިޕާޓީގެ ޕާލިމެންޓްރީ ޤްރޫޕްގެ މެންބަރ އަދި ބައިނަލްއަޤުވާމީ ސްޕޯކްސްމަން ހާމިދު އަބުދުލްޣަފޫރުއާއި ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބުދުﷲ ޖާބިރުއާއި، ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ހދ. ހޮނޑައިދޫގައި ތިއްބާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު އަމަލަކީ މިގްރޫޕުން ކަންބޮޑުވާ ކަމެކެވެ.
މިކަމަކީ އެބޭފުޅުންގެ އަގުވައްޓާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ވަހީދު ހަސަންމަނިކުގެ އިތުބާރުނެތް މައްސަލަ ކާމިޔާބު ވެދާނެތީ އޭނާ އަޑީގައި ހުރެގެން ރާވައިގެން ހިންގާފައިވާ ބިރުދެއްކުމުގެ އަމަލެއް ކަމަށްވެސް އަޅުގަނޑުމެންދެކެމެވެ. ފުލުހުން ހިންގި މިދަށުދަރަޖައިގެ ރޭވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރުން ހައްޔަރު ކުރެވިފައިވަނީ މަޖިލީހުގެ ޤަވާއިދާއި ހިލާފަށް ކަންވެސް ހިތާމައާއެކު ފާހަގަ ކުރަމެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޓެރެރިޒަމްއާއި ސީރިއަސް އެންޑް އޮގަނައިޒް ކުރައިމްތައްހުއްޓުމަށް ދައުލަތުން ހޯދާފައިވާ ޒަމާނުގެ ޓެކްނޮލެޖީގެ ބޭނުންކޮށްގެން ފުލުހުން ހިންގާ ސިޔާސީވެރިންނަށް ފާރުލުމާއި ބިރުދެއްކުމުގެ އަމަލުތައް މިހިނދުން މިހިނދަށް ހުއްޓާލުމަށްވެސް މިގްރޫޕުން ގޮވާލަމެވެ.
މަޖިލީހަށް ހުށަހެޅިފައިވާ ވަހީދު ހަސަން މަނިކުގެ އިތުބާރުނެތް މައްސަލައާއި، އިތުބާރުނެތް މައްސަލަތަކުގައި ނަގާވޯޓް ސިއްރުކުރުމުގެ މަސައްކަތާ ގުޅުވައިގެން ބިރުދެއްކެވުމަށް ހިންގާ ދަށުދަރަޖައިގެ ނާތަހުޒީބު އަމަލުތައް މިހިނދުން ހުއްޓާލުމަށްވެސް ގޮވާލަމެވެ.
މިފުރުސަތުގައި ޕާޓީގެ ލޮބުވެތި އާންމު މެންބަރުންނާއި އާންމު ދިވެހިރައްޔިތުންނަށް އަޅުގަނޑުމެން ޔަޤީންކޮށް މިއަރުވަނީ ވަހީދު ހަސަންމަނިކާއި ބާޣީ ފުލުހުންގެ ބިރަށް މިޕާޓީ ފަހަތަށް އެންމެ ފިޔަވަޅެއްވެސް ނާޅާނެކަމެވެ.
މިފުރުސަތުގައި ފުލުހުންގެ ޤައެރުޤާނޫނީ ގޮތުން ހައްޔަރުކުރި މަޖިލިސް މެންބަރުންނާއި މިޕާޓީގެ އިސްވެރިން އެއްވެސް ޝަރުތަކާއިނުލައި މިހިނދުން މިހިނދަށް ދޫކޮށްލުމަށް ގޮވާލަމެވެ.
—
ބަޔާން ނެރުނީ: އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް