އެމްޑީޕީ ބާޒާރު ހުޅުވައިފި

ލިޔެ އެޑިޓްކުރީ: ރާމިޒް

އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން އުސްފަސްގަނޑުގައި “އެމްޑީޕީ ބާޒާރު”ގެ ނަމުގައި ނައިޓްމާކެޓެއް ހުޅުވައިފިއެވެ.

މިއަދު ހަވީރު މި ބާޒާރު ހުޅުއްވައިދެއްވީ އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާއިބެހޭ ކޮމެޓީގެ މުގައްރިރު އަދި އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މަހުމޫދު ރާޒީ އެވެ.
ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވާ ނައިޓް މާކެޓް ކޮންސެޕްޓަށް މޭޒު ވިއްކައިގެން ކުރިއަށް ގެންދާ އެމްޑީޕީ ބާޒާރު ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްޑީޕީ ފަންޑް ރައިޒިންގ ކޮމެޓީން މަޢުލޫމާތުދެއްވައެވެ. ކޮންމެ ދުވަހެއްގެ ހަވީރު 5ން ފެށިގެން ރޭގަނޑު 11 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދާއި، އެ ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކުވެސް ބައިވެރިވެވަޑައިގެންނެވި މި ބާޒާރު ހުޅުއްވައި ދެއްވަމުން ރާޒީ ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަކީ ވަރަށް މުރާލި، ކެރޭ، ހީވާގި ބައެއް ކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އަވަސް އިންތިޚާބަކަށް ކުރިމަތިލާއިރު އެ އިންތިޚާބުގެ ކެމްޕެއިނަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށާއި، މީގެ އިތުރުން މިމަހު ފަހުކޮޅު އުތުރަށް ފެށުމަށް ހަމަޖެހިފައިވާ ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރަށް ވެސް ވަރަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށެވެ. އެހެން ކަމުން މިފަދަ އިވެންޓްތަކަށް މެންބަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު މި ހުޅުވި އެމްޑީޕީ ބާޒާރު ހިނގަމުންދާއިރު ލަވައަށް ރިކުއެސްޓް ކުރުމާއި، އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.