ތަހުނިޔާ: އެމްޑީޕީގެ ޗެއަރޕާސަން ހިޖުރީ އާއަހަރުގެ ތަހުނިޔާ ވިދާޅުވުން

ޗެއަރޕާސަންގެ ތަހުނިޔާ

އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންނަށާއި، އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ހިޖުރީ އާއަހަރާއި ގުޅިގެން، މި އުފާވެރި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ނުހަނު މަތިވެރި އުފަލެކެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ހިޖުރީ އާ އަހަރަކީ މާތްﷲ މި އުންމަތަށް ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަ ކުރެއްވި ތާރީޚީ މަތިވެރި ހާދިސާ ހިނގި ދުވަހެވެ. އަދި އެ ހާދިސާއަކީ އެއްބައިވަންތަ ކަމާއި އަޚްވަންތަ ކަމުގެ ލާމަސީލު މިސާލެއް މައްކާ އާއި މަދީނާގެ އަހުލުވެރިން ދުނިޔެއަށް ދައްކައިދިން ދުވަހެކެވެ.

އެހެންކަމުން މިފެށޭ ހިޖުރީ އާއަހަރަކީ ވެސް ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއް ކަމުގައި ދެކި މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ފަދައިން އެއްބަޔަކު އަނެއް ބައެއްގެ މެދުގައި އަޚްވަންތަކަމުގެ ގުޅުން ގާއިމްކޮށް، އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ އެހީތެރިވުމަށް ގޮވާލަމެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ މި ހިޖުރީ އާ އަހަރަކީ ދިވެހި އެންމެހާ އަޚުންނާއި އުޚުތުންނަށް އުފަލާއި، ތަނަވަސްކަމާއި، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމުން ފުރިގެންވާ އަހަރަކަށް ވުމެވެ. ދިވެހި ޤައުމަށް އަދަށް ވުރެ މާ ފަހި، މާ އުފާވެރި މާދަމާއެއް ދެއްވުމެވެ.

މޫސާ މަނިކު
ޗެއަރޕާސަން