ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދަނީ އިންސާފްވެރިކަމާއި އެކުގައިކަން ކަށަވަރުކޮށް، އެކަން ބައްލަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި އެދެފި

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުޤީޤު ކުރައަށްދަނީ އިންސާފްވެރިކަމާއި އެކުގައިކަން ކަށަވަރުކުރުމަށްޓަކައި އެމައްސަލައިގެ ތަހުޤީޤް ކުރިއަށްދާގޮތް ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީތައް މެދުވެރިކޮށް، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ގުޅުއްވައިގެން ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ކިބައިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)ން އެދިވަޑައިގެންފިއެވެ.

މިކަމަށް އެދި އަބްދުﷲ ޝާހިދަށް އެމްޑީޕީން މިއަދު ފޮނުވި ސިޓީގައި ވަނީ، އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޑރ. އަފްރާޝީމް ޢަލީ މަރާލިތާ މިހާރު އެއްމަހާއި 15 ދުވަސް ފާއިތުވެ ދާއިރު، އަދިވެސް ޑރ. އަފްރާޝިމް މަރާލިކަމަށް ތުޙުމަތުކުރެވޭ މީހެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދުނުކަމެއް އެނގިފައިނުވާކަމީ އެމްޑީޕީން ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ. އަދި އިންސާފްވެރިކަމާއި އެކު ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ތަހްޤީޤް ކުރިއަށް ގެންދާނޭކަމުގެ ޔަޤީންކަން ޢާންމު ރައްޔިތުންނަށާއި އަދި ވަކިން ޚާއްސަކޮށް އުނގޫފާރު ދާއިރާގެ ރައްޔިތުންނަށް ލިބުމަކީ މުހިއްމު ކަމެއް ކަމުގައި އެމްޑީޕީން ދެކޭކަމަށް ވެސް އެ ސިޓީގައި ވެއެވެ.

ޑރ. އަފްރާޝީމް ގެ މަރާއި ގުޅޭގޮތުން ސޯޝަލް މީޑިއާތަކުގައާއި އަދި ޢާންމު ރައްޔިތުންގެ މެދުގައި ދަނީ ތަފާތު އެކިގޮތްގޮތަށް ދަނީ ވާހަކަދައްކަމުންނެވެ. އަދި ދީނީ ކަންކަމާއި ގުޅޭގޮތުން ޑރ. އަފްރާޝީމްގެ ރައުޔުތަކާއި ވާހަކަފުޅުތައް، ދީނީ އެހެން ބައެއް ޢިލްމުވެރިންނާއި ތަފާތުކަން ފާހަގަކޮށް ވެސް ސޯޝަލް ފޯރަމްތަކުގައި ވާހަކަދެކެވުމުންދެއެވެ.