އެމްޑީޕީ ބާޒާރު ހުޅުވުން މާދަމާއަށް ފަސްކޮށްފި

އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން “އެމްޑީޕީ ބާޒާރުގެ ނަމުގައި” ބާއްވަން ހަމަޖެހިފައިވާ ނައިޓް މާކެޓް މިއަދު ހަވީރު 5 ޖަހާއިރު ފަށާގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަނުން އެ ބާޒާރު ހުޅުވުން މާދަމާއަށް ފަސްކޮށްފިއެވެ.

ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން އިންތިޒާމް ކުރާ ނައިޓް މާކެޓް ކޮންސެޕްޓަށް މޭޒު ވިއްކައިގެން ކުރިއަށް ގެންދާ އެމްޑީޕީ ބާޒާރު މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށްކުރިޔަށްދާނޭ ކަމަށް އެމްޑީޕީ ފަންޑް ރައިޒިންގ ކޮމެޓީން މަޢުލޫމާތުދެއްވައެވެ. ކޮންމެ ދުވަހެއްގެ ހަވީރު 5ން ފެށިގެން ރޭގަނޑު 11 ޖެހުމާއި ހަމައަށް ކުރިއަށް ގެންދާ މި ބާޒާރުގައި 26 މޭޒު ހުންނާނޭކަމަށް އެ ކޮމެޓީން މަޢުލޫމާތުދެއްވައެވެ.

މި ނައިޓް މާކެޓް ހިނގަމުންދާއިރު ލަވައަށް ރިކުއެސްޓް ކުރުމާއި، އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.

މި ނައިޓް މާކެޓް ހުޅުއްވައިދެއްވާނީ އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާއިބެހޭ ކޮމެޓީގެ މުގައްރިރު އަދި އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މަހުމޫދު ރާޒީ އެވެ.