ރައީސް ނަޝީދުގެ ޝަރީޢަތުގައި ތަދައްޚުލް ވުމާމެދު ގޮތެއް ނިންމުމަށް އެމްޑީޕީން 4 މެންބަރުންގެ ކޮމިޓީއެއް ނަގައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެންއީސީގެ ބައްދަލުވުމެއްގެ ތެރެއިން .. މިއަދުގެ ބައްދަލުވުމުގައި ވެސް މުހިންމު މަޝްވަރާތަކެއް ކުރި. ފޮޓޯ: އައިވީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ ޝަރީޢަތުގައި ތަދައްޚުލް ވާން ފެންނަ ކަންކަމުގައި ތަދައްޚުލް ވުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން 4 މެންބަރުންގެ މައްޗަށް އެކުލެވޭ ކުޑަ ކޮމިޓީއެއް ނަގައިފިއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީ އޮފީހުގައި ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ 131 ވަނަ ބައްދަލުވުމުގައި ނަގާފައިވާ ކުޑަ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މަޝްހޫރު ގާނޫނީ ވަކީލުން ކަމަށްވާ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ އާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަހުމަދު ހަމްޒާގެ އިތުރުން އަލްއުސްތާޛް މުހައްމަދު ފަރީދު އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި މި ކޮމިޓީ ނަގާފައި ވަނީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުންނާއި ސެކްރެޓޭރިއަޓްގެ ފަރާތުން ވެސް ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް މައުލޫމާތުއެރުވިއެވެ. އެގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ބެހޭ ގޮތުން ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް މައުލޫމާތުދެއްވީ އެ ގްރޫޕްގެ ނައިބު ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އަދި ސެކްރެޓޭރިއަޓްގެ ފަރާތުން މައުލޫމާތުދެއްވީ އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ އަލީ ޝިޔާމް އެވެ.