އެމްޑީޕީ ބާޒާރު މާދަމާ ހަވީރު ފަށާނެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން “އެމްޑީޕީ ބާޒާރުގެ ނަމުގައި” ބާއްވަން ހަމަޖެހިފައިވާ ނައިޓް މާކެޓް މާދަމާ ހަވީރު 5 ޖަހާއިރު ފަށާނެއެވެ. މި ނައިޓް މާކެޓް ހުޅުއްވައިދެއްވާނީ އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާއިބެހޭ ކޮމެޓީގެ މުގައްރިރު އަދި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން މަހުމޫދު ރާޒީ އެވެ.

މާދަމާއިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 5 ން ރޭގަނޑު 11 ޖެހުމާ ހަމައަށް އުސްފަސްގަނޑުގައި ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މި ހަރަކާތަކީ ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން މާލޭގައި ބާއްވަމުން އަންނަ ނައިޓް މާކެޓްގެ ކޮންސެޕްޓަށް އާންމުންނަށް މޭޒު ވިއްކައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ އިވެންޓެއް ކަމަށް އެމްޑީޕީ ފަންޑް ރައިޒިންގ ކޮމިޓީން މައުލޫމާތު ދެއެވެ.

4 ރޭ ވަންދެން ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މި ނައިޓް މާކެޓް ގައި 26 މޭޒު ބަހައްޓާ ގޮތަށް ހަމަޖެހިފައިވާ އިރު، ކޮންމެ މޭޒެއް ވިއްކަނީ 2000 ރުފިޔާއަށް ކަމަށާއި، އަދިވެސް ބައެއް މޭޒު ނުވިކި ހުރި ކަމަށް އެމްޑީޕީ ފަންޑްރައިޒިންގ ކޮމިޓީން ބުނެއެވެ.

މި ނައިޓް މާކެޓް ހިނގަމުންދާއިރު ލަވައަށް ރިކުއެސްޓް ކުރުމާއި، އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ. އެ ގޮތުން މި އިވެންޓްގެ މެއިން ސްޕޮންސަރކަން 30،000 ރުފިޔާއަށް ހުޅުވާލާފައިވާ އިރު، ކޯ ސްޕޮންސަރުން ދައްކަން ޖެހެނީ 10،000 ރުފިޔާ އެވެ.