އަޅުގަނޑުމެންގެ އަވައްޓެރިންނަކީ އިންޑިއާ. އަޅުގަނޑުމެން ތިބެންޖެހޭނީ އިންޑިއާ އާ ރަހުމަތްތެރިކަމާ އެކު – ރައީސް ނަޝީދު

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ސާފްވާންޖެހޭ ކަމަށާއި، އިންޑިއާ އާއި ޗައިނާ އާ ދެމެދު ދޭތެރެ ޖައްސައި، ދެ ބޯގެރި ދުއްވައިގެން ރާއްޖެއަށް ލިބޭނޭ ފައިދާއެއް ނޯންނާނޭ ކަމަށާއި، އަދި އަޅުގަނޑުމެންގެ އަވައްޓެރިންނަކީ އިންޑިއާ ކަމުން އަޅުގަނޑުމެން ތިބެންޖެހޭނީ އިންޑިއާ އާ ރަހުމަތްތެރިކަމާ އެކު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާ ގައި ރައީސް ނަޝީދު ވިދާޅުވީ ދޭތެރެ ޖައްސައި ދެބޯގެރި ދުއްވުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ވެރިކަމުގެ ފަރާތުން ކުރަމުން އައި ކަމެއް ކަމަށާއި، ދެ ރަށެއްގެ ދެމެދުގައި، ދެ ދެ އަވަށުގެ ދެމެދުގައި އަދި ދެ އާއިލާގެ މެދުގައި، ދޭތެރެ ޖައްސައި ދެ ބޯގެރިދުއްވައިގެން ސިޔާސީ ފައިދާ ހޯދުމަށް ޒަމަނުއްސުރެ ރާއްޖޭގެ ވެރިކަމުގެ ފަރާތުން މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

ރާއްޖޭގެ ބައެއް ސިޔާސީ ވެރިންނާއި ދަންނަ ބޭކަލުން މިވަނީ ބަޣާވާތްކުރުމަށްޓަކައި، ދިވެހިރައްޔިތުންގެ ތެރެއިން ބައެއްގެ ހިތުގައި ބޭރު މީހުންގެ މައްޗަށް ނަފްރަތު އުފައްދާފައި ކަމަށާއި، އެ ރޫހާއި، އެ ނާތަހުޒީބު ވިސްނުން ބައެއް މީހުންގެ ހިތުގައި އުފައްދާފައި ކަމަށް ވެސް ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބަޣާވާތުގެ ސަރުކާރުގެ ވެރިން މަސައްކަތް ކުރަމުން ދަނީ މާޒީ އަލުން އަނބުރައި އިޔާދަކުރުމަށް ކަމަށް ވިދާޅުވެ، “އަޅުގަނޑުމެންގެ މާމައިން ނިކުމެ ދޭވީ ރާއްޖެއިން ބޭރުކުރި ގޮތަށް، ވޯރާ ވިޔަފާރިވެރިން ބޭރުކުރި ގޮތަށް މިއަދަކު އެކަމެއް ނުކުރެވޭނެ” ކަމަށާއި، ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމަކީ ދިވެހިރައްޔިތުންނަށް އެކަމުން ނުހަނު ފައިދާކުރާނޭ އެއްބަސްވުމެއް ކަމަށާއި، ޖީއެމްއާރު ރާއްޖެއިން ބޭރު ނުކުރެވޭނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

44 ވަނަ މިނިވަން ދުވަހާ ދިވެހިން ބައްދަލުކުރާއިރު ރާއްޖެ މިވަނީ ނާޒުކު ފައްތަރެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ނަމަވެސް އެވެރިކަން މިވަނީ ބަޣާވާތަކުން ބަދަލުކޮށްފައި ކަމަށާއި، ރާއްޖޭގައި މި ވަގުތު ވެރިކަމުގައި އެތިއްބެވީ ބާޣީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ރައްޔިތުން އެދެނީ ޖުމްހޫރީ ވެރިކަމެއް ކުރުމަށް. ރާއްޖޭގައި ހިނގަމުން އަންނަނީ ގާނޫނީ ވެރިކަމެއް ނޫން. އަސޭމިރުސް ދުމާއި މުގުރުގެ ބާރުން ބަދަލުކޮށްފައިވާ ވެރިކަމެއް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ބާޣީން ވެރިކަން ކުރަމުންދާއިރު ދައުލަތަށް އާމްދަނީ ލިބޭ މަގުތައް ބަންދުވެ، ދުވަހެއް ދުވަހަކަށް އިޤްތިޞާދު ހަލާކުވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. “މަދު ވިޔަފާރިވެރިންނަށް ޓަކައި އިގްތިސާދު މިވަނީ ދިޔަދޮވިކޮށްފައި، ބާޣީންގެ އަމާޒަކީ ދިވެހިރައްޔިތުންނަކީ ފައިސާގެ ހާސްކަމުގައި ތިބޭ ބަޔަކަށް ހެދުން. އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމް މިވަނީ ރޫޅާލާފަ. ދިވެހި ރައްޔިތުންނަކީ ދިގު 30 އަހަރުގެ ވެރިކަމުގައި ކަންހިނގައިދިޔަ ގޮތަށް ސަލާންޖަހަން ޖެހޭ، ވިޔަފާރިވެރިންނަށް ބަރޯސާވާ ބަޔަކަށް ހަދައި އެ ރައްޔިތުންގެ ގަދަރާއި އިއްޒަތް މިވަނީ ނަގާލާފައި”، ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޣާވާތުގެ ވެރިކަން ބަދަލުކުރަންޖެހެނީ ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމަށާއި، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމް ގާއިމްކޮށް، ދިރިއުޅުމުގެ އަގުތައް ތިރިކުރުމަށް ކަމަށް ވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޯ ވާރޭ ތެރޭގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ދަންނަ ބޭކަލުން ބަޣާވާތަށް ގޮވުމުގައި އިސްލާމް ދީނުގެ ނަން ބޭނުން ކުރީތީ އާއި މާތްވެގެންވާ އިސްލާމް ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ހެދުމުގެ ސަބަބުން ޒުވާނުން ދަނީ މަގުއޮޅެމުން ކަމަށެވެ. އަދި ބަޣާވާތުގެ ވެރިކަން ވައްޓާލުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑރ.އަފްރާޝީމް ގަތުލުކޮށް އަވަހާރަކޮށްލިތާ އެތައް ދުވަހެއް ވެފައިވާ އިރު ވެސް އެ މަރުހޫމްގެ ގާތިލުން ހޯދައި، ހާމަކޮށްފައި ނުވާތީ އެކަމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ޑރ.އަފްރާޝީމުގެ މަރަށް އިހުމާލުވެފައިވާ ކަމަށެވެ. އަދި، އަފްރާޝީމުގެ ގާތިލު ފޮރުވަން ނޫޅެ ހަމަ މިހާރުން މިހާރަށް އަފްރާޝީމްގެ ގާތިލް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ސަރުކާރެއްގައި ޑރ.އަފްރާޝީމްގެ ގާތިލް ހޯދައި، އެ އާއިލާއަށް އިންސާފް ހޯއްދަވައިދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

އިންތިޚާބު އަވަސް ކުރުމަށް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު ތަކުރާރުކޮށް ގޮވާލެއްވިއެވެ. އަދި އެމަނިކުފާނުގެ ފަހަތްޕުޅުން ޖަލްސާގެ ބައިވެރިން ވެސް އެއް އަޑަކުން އިންތިޚާބު އަވަސްކުރުމަށް ގޮވަމުން ގެންދިޔައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ވެރިކަން ހަވާލުކުރެއްވުމަށާއި، އެއަށް ފަހު ދެ މަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ގޮވާލައްވައި، އެ އިންތިޚާބު ސާދާކަމާއެކު ކާމިޔާބުކުރައްވާނޭ ކަމަށް ވެސް ރޭގެ ޖަލްސާގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ޖަލްސާ ގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ޙުސައިން ޒަކީ އާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ ވެސް ވާހަކަފުޅު ދެއްކެވިއެވެ.