ނޫސް ބަޔާން: ރައީސް ނަޝީދުގެ އޮފީހުން ނެރުއްވާ ނޫސް ބަޔާން


ރައީސް މުޙައްމަދު ނަޝީދުގެ އޮފީސް
ގ. ނިލާވެލި،
މާލެ، ދިވެހިރާއްޖެ

ނޫސް ބަޔާން

ޕްރޮސެކިއުޓަރ ޖެނަރަލް ރައީސް ނަޝީދުގެ މައްޗަށް ކުރައްވާ ދަޢްވާ އުފުލާފައިވަނީ ހުޅުމާލޭ ކޯޓްގައިކަމުން، މިމައްސަލައިގައި އުޅުއްވާ ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން މިކޯޓުގެ ޤާނޫނީ ޞައްޙަކަމާއި މެދު ސުވާލު އުފައްދަވާފައިވެއެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ދިވެހިރާއްޖޭގެ ހައި ކޯޓްއަށް ހުޅުމާލޭ ކޯޓްގެ ޤާނޫނީ ޞައްޙަ ކަމާމެދު ސުވާލު އުފައްދާ ދަޢްވާ އުފުލުމުން އެމައްސަލާގައި ތަދުއްޚުލްވީ އެއްފަރާތް ކަމަށްވާ ޖުޑީޝަލް ސާރވިސް ކޮމިޝަން އިން ހުށަހެޅި ލިއުން ތަކުގެ ތެރޭގައި ހިމެނޭ ޖުޑީޝަލް ކައުންސިލްގެ ބައްދަލު ވުމެއްގެ ޔައުމިއްޔާގައި، އެކައުންސިލްގައި ހިމެނިވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރު އަލްޢުސްތާޛް އަޙްމަދު ފާއިޒު އާއި ހައި ކޯޓްގެ އިސް ފަޑިޔާރު އަލްޢުސްތާޛް އަބްދުލް ޣަނީ އާއި ޖުވެނައިލް ކޯޓްގެ އިސް ޤާޟީ ޝުއައިބް ހުސެން ޒަކަރިއްޔާ އާއި އުތުރު ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް އަލްޢުސްތާޛް މުޙައްމަދު ނިޔާޒް އަދި ދެކުނުގެ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް އަލީ ޝަރީފް، މިހުރިހާ ބޭފުޅުން ގެ ވާހަކަ ފުޅުންވެސް، ހުޅުމާލޭ ކޯޓްގެ ޞައްޙަ ކަމާމެދު ސުވާލު އެފައްދާފައި ވެއެވެ.

މިގޮތުން މިމައްސަލަ ހުށަހަޅުއްވަމުން އުއްތަމަ ފަޑިޔާރު ވިދާޅުވީ ކޯޓްތަކުގެ ޤާނޫން އައުމާ ގުޅިގެން ޝަރުޢީ ދާއިރާގެ ބޭފުޅުން އަދި ޤާނޫނީ ވަކީލުންވެސް މިހާރު ހުޅުމާލޭގައި އެހުރި ކޯޓްއަކީ މިޤާނޫން ގެ ދަށުން އެގޮތަށް ހިންގޭނެ ކޯޓެއްކަމަށް ނުފެންނަ ކަމަށް ވިދާޅުވާ ކަމަށް އަދި މިޤާނޫން (ޤާނޫން ނަންބަރު:2010/22) ފާސްވުމާއި ގުޅިގެން ހުޅުމާލޭ ކޯޓް ހުއްޓާ ލެވުނު ކަމަށް ފާހަގަ ކުރައްވައެވެ. އަދި އެކޯޓްގައި މައިގަޑު ގޮތެއްގައި ކުރަމުން އައިސްފައިވަނީ މަދަނީ ކޯޓްއާއި ޢާއިލާއާއި ބެހޭ ކޯޓްގެ ބައެއް މަސަތްކަތްތަށް ކަމަށް ވިދާޅުވެފައި ވެއެވެ.

ހުޅުމާލޭ ކޯޓްއާއި ގުޅޭ ގޮތުން 3 ނިންމެވުމެއް ނިންމަވާފައި ވާކަމާއި އަދި މިގޮތުން ނިންމި ތިންވަނަ ނިންމުމުގައި މިކޯޓްގައި ބެލެވޭ މައްސަލަ ތަކުގެ އިޙްތިޞާޞް އަކީ އަތޮޅުތަކުގެ ކޯޓްތަކުން ބެލޭ މައްސަލަތަކުގެ އިޙްތިޞާޞް ކަމަށާއި ޖިނާއީ މައްސަލަތައް ނޫން މައްސަލަތައް އެކޯޓުން ބެލޭނެ ކަމަށް ހަމަޖައްސަވާފައިވެއެވެ. އަދި ޖުޑީޝަލް ސާރވިސް ކޮމިޝަން އުފެއްދުމުންވެސް ނިންމުން ތަކެއް ނިއްމަވާފައި ވާކަމާއި ނަމަވެސް މާބޮޑު ބަދަލު ތަކެއް އައިސްފައި ނުވާކަމަށް ފާހަގަ ކުރައްވައެވެ.

ޖުޑީޝަލް ކައުންސިލްގެ މިބައްދަލުވުމުގައި ހުރިހާ ފަޑިޔާރުން ދެއްވާފައިވާ ރަޢޫޔުއަށް ބަލާއިރު، ޤާނޫން ނަންބަރު: 2010/22 ކޯޓްތަކާއި ބެހޭ ޤާނޫން އައުމާއި ގުޅިގެން ހުޅުމާލޭ ކޯޓް ވަކި ކޯޓްއެއްގެ ގޮތުގައި ބެހެއްޓިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރަޢުޔު ދެއްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައި ކޯޓްގައި ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ހުޅުމާލޭ ކޯޓްގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފެއްދެވުމުން، ދިވެހިރާއްޖޭގެ ހައި ކޯޓުން ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން މި ނެގި މައްސަލަ ބަލާ ނިމެންދެން ހުޅުމާލޭ ކޯޓުން ރައީސް ނަޝީދުގެ މައްސަލަ ބެލުން ފަސްކުރުމަށް ވަގުތީ ޢަމުރެއް ނެރެފައިވެއެވެ.
އަދި މިނިންމުމާއި ގުޅިގެން ހުޅުމާލޭ ކޯޓުން ބަލަމުން ދިޔަ އެހެނިހެން މައްސަލަތައް ބެލުން ހުއްޓާލުމުން، އެމައްސަލަތައް ކުރިއަށް ގެންދިއުމަށް އަންގާ ސިވިލް ކޯޓްގައި އަމިއްލަ ފަރާތަކުން ހުޅުމާލޭ ކޯޓްގެ ޤާނޫނީ ޞައްޙަ ކަމާމެދު ބަލަމުން ދިޔަ މައްސަލައެއް ސުޕްރީމް ކޯޓަށް ގެންދެވުނު ވާހަކަ މީޑިޔާއިން ޚަބަރު ލިބެއެވެ.

ޖުޑީޝަލް ކައުންސިލް ގައި ހިމެނިވަޑައިގަންނަވާ ހުރިހާ ފަޑިޔާރުންނާއި އަދި ޤާނޫނީ ވަކީލުން ހުޅުމާލޭ ކޯޓްގެ ޤާނޫނީ ޞައްޙަ ކަމާމެދު ސުވާލު އުފައްދާފައިވާ ދަޑިވަޅެއްގައި އެކޯޓުން ބަލަމުން ދިޔަ އެހެނިހެން މައްސަލަ ކުރިޔަށް ގެންދަވަން އަންގަވާ، އަދި ސިވިލް ކޯޓްގައި އަމިއްލަ ފަރާތަކުން ހުޅުމާލޭ ކޯޓްގެ ޞައްޙަކަމާމެދު އުފުލާފައިވާ ދަޢްވާ ސުޕްރީމް ކޯޓަށް ގެންދަވާ، އަދި މިހާރު ހައި ކޯޓުން ބައްލަވަމުން އެގެންދަވާ ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ނަގާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަން ނިންމަވާފިނަމަ ރައީސް ނަޝީދަށް އިސްތިއުނާފްގެ އެއްމަރުހަލާ ގެއްލިގެން ދާނެތީ ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ކަން ބޮޑުވުން ފާޅުކުރައްވައެވެ.

ޤާނޫނު އަސާސީ އެކުލަވާލެވުނު ޙާއްޞަ މަޖިލީހުގެ މެންބަރު، ރައީސް ނަޝީދުގެ ތަރުޖަމާނު އަދި މިހާރު ރައްޔިތުން މަޖްލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު ޢަލްޢުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވަނީ ޤާނޫނު އަސާސީ އިޞްލާޙު ކުރެވުނު އިރު ސުޕްރީމް ކޯޓް ހެދިފައި ވަނީވެސް އިސްތިއުނާފް ގެ ދެމަރުޙަލާ އޮންނަން ޖެހޭނެ ކަމަށް ދެކިގެން ކަމަށެވެ. ވީމާ، ޖުޑީޝަލް ކައުންސިލްގައި ތިއްބަވާ ހުޅުމާލޭގައި ވަކި ކޯޓްއެއް ނެހެދޭނެކަމަށް ރަޢުޔު ދެއްވާ، ނަމަވެސް ސިވިލް ކޯޓްގައި އޮތް މައްސަލަ ސުޕްރީމް ކޯޓްއަށް ގެންދަވާ، އަދި ހައި ކޯޓްގައި ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން އުފުއްލަވައިގެން އުޅުއްވާ މައްސަލަ، ހައި ކޯޓްއިން ނިންމުމަށް ފުރުޞަތު ނުދެއްވާ، ރައީސް ނަޝީދުއަށް އިސްތިއުނާފްގެ އެއްމަރުޙަލާ ގެއްލޭ ގޮތަށް އެކަން ސުޕްރީމް ކޯޓުން ކުރައްވައިފިނަމަ، ސުޕްރީމްކޯޓްގައި ސިޔާސީ ކުލަވަރު ޖެހެނީކަމަށް ގިނަ ބަޔަކު މިދައްކަވަމުންދާ ވާހަކަޔަށް ރައްޔިތުންގެ ހިތުގައި އިތުރު ބާރުވެރިކަމެއް ލިބޭނޭކަމަށް ފެންނަކަމަށް ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވަނީ “މީގައި އެންމެ ރަގަޅުވާނެ ގޮތެއްކަމަށް އަޅުގަނޑަށް ފެންނަނީ މި މިސައްސަލަ ދިވެހިރާއްޖޭގެ ހައި ކޯޓްއިން ނިންމުމަށް، ސުޕްރީމް ކޯޓުން ފުރުޞަތު ދެއްވުން. ހައި ކޯޓްގެ ނިންމުން ކަމު ނުދާ ކަމަށްވާނަމަ އެނިން މުން އިސްތިއުނާފް ކުރަން ހިތްހަމަ ނުޖެހޭފަރާތަކަށް ލިބޭނެ.”

މިމައްސަލައަކީ މުޅިދުނިޔެ ވަރަށް ގާތުން ބަލަމުންދާ މައްސަލައެއްކަމަށާއި، އަދި ދުނީޔޭގެ އެތަށް ފަރާތްތަކަކުން ދިވެހިރާއްޖޭގެ ޢަދުލް އިންސާފުގެ ނިޒާމާއި ގުޅޭގޮތުން ފާޑު ކިޔަމުންދާ ދަޑިވަޅެއްގައި ސުޕްރީމްކޯޓްއަކީ ސިޔާސީ ކުލަވަރު ޖެހިފައިވާ ތަނެއްގެ ގޮތުގައި ހީވާ ގޮތަކަށް އެބޭފުޅުންގެ ޢަމަލުތަށް ނުބެހެއްޓެވުން މުޙިއްމުކަމަށް މާރިޔާ އިތުރަށް ވިދާޅުވިއެވެ.