އެމްޑީޕީ ބާޒާރު މިމަހުގެ 14 ވަނަ ދުވަހަށް ފަސްކޮށްފި

އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން “އެމްޑީޕީ ބާޒާރުގެ ނަމުގައި” ބާއްވަން ހަމަޖެހިފައިވާ ނައިޓް މާކެޓް މި މަހުގެ 14 ވާ ބުދަ ދުވަހަށް ފަސްކޮށްފިއެވެ.

މި ނައިޓް މާކެޓް ފަސްކުރީ ޖުމްހޫރީ ދުވަހާ ގުޅިގެން ދަރުބާރުގޭގައި ސިފައިންނާއި، ފުލުހުން ބައެއް ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައި ވާތީ އެވެ.

މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 5 ން ރޭގަނޑު 11 ޖެހުމާ ހަމައަށް އުސްފަސްގަނޑުގައި ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މި ހަރަކާތަކީ ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން މާލޭގައި ބާއްވަމުން އަންނަ ނައިޓް މާކެޓްގެ ކޮންސެޕްޓަށް އާންމުންނަށް މޭޒު ވިއްކައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ އިވެންޓެއް ކަމަށް އެމްޑީޕީ ފަންޑް ރައިޒިންގ ކޮމިޓީން މައުލޫމާތު ދެއެވެ.

4 ރޭ ވަންދެން ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މި ނައިޓް މާކެޓް ގައި 26 މޭޒު ބަހައްޓާ ގޮތަށް ހަމަޖެހިފައިވާ އިރު، ކޮންމެ މޭޒެއް ވިއްކަނީ 2000 ރުފިޔާއަށް ކަމަށާއި، މި ނައިޓް މާކެޓް ހިނގަމުންދާއިރު ލަވައަށް ރިކުއެސްޓް ކުރުމާއި، އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާ ކަމަށް އެމްޑީޕީ ފަންޑްރައިޒިންގ ކޮމިޓީން ބުނެއެވެ. އެ ގޮތުން މި އިވެންޓްގެ މެއިން ސްޕޮންސަރކަން 30،000 ރުފިޔާއަށް ހުޅުވާލާފައިވާ އިރު، ކޯ ސްޕޮންސަރުން ދައްކަން ޖެހެނީ 10،000 ރުފިޔާ އެވެ.

މި ނައިޓް މާކެޓް ކުރިން މި މަހުގެ 12 އިން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

“އެމްޑީޕީ ބާޒާރު” ގެ ނަމުގައި އެ ޕާޓީން ނައިޓް މާކެޓެއް ބޭއްވުމަށް ތައްޔާރުވަމުންދާ އިރު، އެމްޑީޕީ އަންހެނުންގެ ރޫޙުން އިސްނަގައިގެން، އެ ޕާޓީއަށް 7 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަހަރުގެ ޖޫން 30 ވަނަ ދުވަހު އެމްޑީޕީން ވަނީ ޖަމްބަލް ސޭލް އެއް ވެސް ބާއްވާފައެވެ.