ނޫސްބަޔާން: ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި އެކުވެރި ދައުލަތެއްގެ އިސް ޑިޕްލޮމޭޓަކާ މުޚާތަބު ކުރެއްވުމުގެ ރަސްމީ އަޚްލާގާއި މުޅީން ޚިލާފް، ހަޑިހުތުރު، އަޚްލާގް ދަށް، އަދި ޒިންމާދާރު ކަމެއްނެތް ވާހަކަތަކެއް ދިވެހި ރިޔާސަތަށް ނިޞްބަތްވާ ބޭފުޅަކު އާންމުއެއްވުމެއްގައި ދެއްކެވި ދެއްކެވުން ކުށްވެރިކުރުން

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކަމިޝަނަރ ހިޒް އެކްސެލެންސީ މިސްޓަރ ޏިޔާނޭސްވަރު މުލޭ އަކީ ރިޝްވަތު ހިއްޕަވާ ބޭފުޅެއް ކަމުގައި ވިދާޅުވެ އެމަނިކުފާނުގެ މަޤާމުގެ ޙައިސިއްޔަތާއި އަދި ޒާތީ ޝަޙްޝީ ވަނަވަރާމެދު ކުޑައިމިސް ބަސްތައް ވިދާޅުވެ ރާއްޖޭގެ ވެރިކަމަށް އަރާވަޑައިގެން ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ތަރުޖަމާނު އަލްފާޞިލް އައްބާސް އާދިލް ރިޒާ އާންމު އެއްވުމެއްގައި ވާހަކަދެއްކެވި ދެއްކެވުން މިޕާޓީން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރަމެވެ.
ސަރުކާރުގައި ބައިވެރިވެލައްވައިގެން ތިއްބެވި ސިޔާސީ ފާޓީ ތަކުން 2012 ނޮވެމްބަރ 09 ވަނަ ދުވަހު ބޭއްވެވި އާންމު އެއްވުމެއްގައި، އެކުވެރި ދައުލަތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރަކަށް ނިސްބަތްކުރައްވާ އެއްވެސް އަސާސެއް ނެތް ޖިނާޢީ ތުހުމަތުތަކެއް ކުރެއްވުމަށް އިސްނަންގަވާފައި މިވަނީ މި ދަޢުލަތުގައި އެންމެ މަތިވެރި މަޤާމަށް އަރާވަޑައިގެން ހުންނެވި ބޭފުޅެއްގެ ތަރުޖަމާނު ކަމީ މިޕާޓީގެ މެމްބަރުން އެކަމާ ނުހަނު ކަންބޮޑުވުން ފާޅުކުރައްވާ ކަމެކެވެ.

މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މުޅި ރާއްޖެއަށް ދެއްކުނު މިއާންމު އެއްވުމުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި އެކުވެރި ދައުލަތެއްގެ އިސް ޑިޕްލޮމޭޓަކާ މުޚާތަބު ކުރެއްވުމުގެ ރަސްމީ އަޚްލާގާއި މުޅީން ޚިލާފް، ހަޑިހުތުރު، އަޚްލާގް ދަށް، އަދި ޒިންމާދާރު ކަމެއްނެތް ވާހަކަ ތަކެއް ދެއްކެވުމުގައި އިސްނަންގަވާފައިވަނީ ދިވެހި ރިޔާސަތަށް ނިސްބަތްކުރެވޭ ބޭފުޅަކުކަމީ މިކަމުގެ ސީރިއަސް ކަން އިތުރުވާ ކަމެކެވެ. އަދި އެއަށްްފަހު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ރައީސް އާއި ސިޔާސީ އިސް އެހެން ބޭފުޅުންވެސް ވަނީ އެ މޭރުމުން އެ އެއްވުމުގައި ވާހަކަދައްކަވާފަކަމީ މި ޕާޓީގެ މެމްބަރުން އެކަންކަން އެންމެ ވަރުގަދަ އިބާރާތުން ކުށްވެރިކުރާ ކަންކަމެވެ.

އިންޑިޔާގެ ރައީސްގެ ފަތްކޮޅަކުން މަގާމް ދެއްވާފައި ހުންނެވި ބޭފުޅަކާއިމެދު ދިވެހި ރިޔާސަތަށް ނިސްބަތްކުރެވޭ ބޭފުޅަކު އެކަންކަން ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ވެރިކަމަށް އަރާވަޑައިގެން ހުންނެވި ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އަންގަވައިގެން ކަމަށް ބެލެވޭނެ ޖާގަ އޮންނާތީ މިއީ މިޕާޓީއިން ނުހަނު ކަންބޮޑުވެ، ނުރުހުން ފާޅުކޮށް ވަރުގަދަ އިބާރާތުން ކުށްވެރިކުރާ ކަންކަމެވެ.
އެކުވެރި އިންޑިޔާއާއި ދިވެހި ދަޢުލަތަކީ ޒަމާންވީ ގުޅުން އޮތް ވަރަށް ގާތް ދެޤައުމަށް ވާއިރު، ޒަމާނުއްސުރެ ދިވެހީންނާއި ރާއްޖެއަށް ހުރިހާ ރޮނގެއްގާމެ އެހީތެރިވަމުން އަންނަ ޤައުމަކަށް ވެފައި ސިޔާސީ ވެރިން އެބައި މީހުންގެ ޒާތީ މަސްލަހަތު ހިމާޔަތްކުރުމުގެ މަޤުޞަދުގައި މުޅި ދިވެހީންގެ ނަން ޚަރާބުކޮށް އެކުވެރި އިންޑިޔާއަށް ހުތުރު ބަސް ބުނެ އެދަޢުލަތުގެ ޒިންމާދާރު ވެރީންނަށް ހުތުރު ބަހުން މުޚާތަބުކޮށްފައިވާ މުޚާތަބުކުރުމާއި އެދަޢުލަތުގެ ޤަދަރާއި ޢިއްޒަތަށް އަރައިގަންނަމުންދާ ފަރާތްތައް ހުއްޓުވުމަށްވެސް މިޕާޓީން ގޮވާލަމެވެ.