ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 128
ތާރީޚް: 9 ނޮވެމްބަރ 2012 (ހުކުރު)
އިސްލާމިކް އެފެއަރޒް އިން ބޭއްވި ނޫސްވެރިންގެ ކޮންފަރެންސުން ރާއްޖެ ޓީވީ ބޭރުކޮށްފައި ވާތީ އެކަން ކުށްވެރިކުރުން
މީޑިއާ އަކީ ޑިމޮކްރަސީގެ 4 ވަނަ ބާރު ކަމަށްވާ އިރު، އަދި ޤާނޫނު އަސާސީން މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދީފައިވީ ހިނދު، މީޑިއާގެ މިނިވަންކަން ނަގާލައި، ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ގަސްދުގައި ހުރަސްއަޅައި، މި ސަރުކާރުން ގޯނާކުރުމުގެ ތެރެއިން ރާއްޖެ ޓީވީ އާ މެދު އަމަލުކުރާ ބޭއިންސާފް ގޮތްތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.
ރާއްޖެޓީވީގެ ކުރޫ އިއްޔެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބޭއްވި ނިއުސް ކޮންފަރެންސަށް ހާޒިރުވުމުން، އެ ތަނުން ބޭރުކޮށްލިކަމީ މި ސަރުކާރުގެ ނާތަހުޒީބުކަމާއި، މީޑިއާގެ މިނިވަންކަން ނަގާލުމަށް ހިންގާ އަމަލުތައް ސާބިތުވެގެންދާ ކަމެކެވެ. އަދި މީގެ ކުރިން ރައީސް އޮފީހުން ވެސް ރާއްޖެޓީވީއަށް އެއްބާރުލުން ނުދޭން ނިންމައި، އެ ގޮތަށް އަމަލުކުރިކުރުމާއި، އަދި ރާއްޖެޓީވީއަށް ފުލުހުންގެ ހިމާޔަތާއި، އެއްބާރުލުން ނުދޭނޭ ކަމަށް ފުލުހުން އާންމުކޮށް އިއުލާންކޮށް، އެ ގޮތަށް އަމަލުކުރި ކުރުމަކީ ވެސް މީޑިއާގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރުން ހިންގާފައިވާ ޖަރީމާތަކެއްކަން ފާހަގަކުރަމެވެ.
7 ފެބްރުއަރީ އަށް ފަހު ރާއްޖޭގެ މީޑިއާގެ މިނިވަންކަން ނިގުޅައިގަންނަމުންދާކަން އެމްޑީޕީން ފާހަގަކުރަމުންދާ އިރު، ބައިނަލް އަޤްވާމީ އެކިއެކި ޖަމާއަތްތައް ކަމަށްވާ ރިޕޯޓަރސް ވިތުއައުޓް ބޯރޑާރސް އާއި ފްރީޑަމް ހައުސް އާއި، އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ ޖަމާއަތްތަކުން ވެސް ވަނީ ވަރަށް ކަންބޮޑުވުމާއެކު އެކަންތައް ފާހަގަކޮށް ބަޔާންތައް ނެރިފައެވެ.
ރާއްޖޭގެ މީޑިއާގެ މިނިވަންކަން މިފަދަ ހާލަތަކަށް ގޮސްފައިވާތީ އާއި އަދި ޚާއްސަކޮށް ރާއްޖެޓީވީ އާއި މެދުގައި މިހާރު މި އޮތް ސަރުކާރުން ތަކުރާރުކޮށް ޤާނޫނާއި ޚިލާފް އަމަލުކުރަމުން ދާތީ މިކަންކަން މިހާރުން މިހާރަށް ހުއްޓާލައި، މޯލްޑިވްސް މީޑިއާ ކައުންސިލް އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިކަންކަން ބެއްލެވުމަށް މި ޕާޓީން ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް