ލިޔެ އެޑިޓް ކުރީ: ރާމިޒް
މިއީ ފޮތް ލިޔެ ބިނާ ހަދަންވީ ވަގުތު ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރުފަހު މާލެ ސިޓީ ހޯލުގައި އެމަނިކުފާނު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ މި ވަގުތަކީ ދައުލަތަށް ފައިސާ ބޭނުންވެފައިވާ ވަގުތެއް ކަމަށާއި، ބޭކާރު ގޮތުގައި ފައިސާ ހޭދަކުރަން ވީ ވަގުތު ނޫންކަމަށެވެ. އަދި ފޮތް ނެރުމާއި ބިނާ ހެދުމަށްވުރެ މާ މުހިންމު ކަންތައްތައް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
1966ވަނަ އަހަރުން ފެށިގެން ދައުލަތަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވާ ޒަކީ ވިދާޅުވީ ބަޣާވާތް ނުގެނައިނަމަ މިހާރު އެމަނިކުފާނުގެ ސިޔާސީ ހަޔާތް މިހާރު ހުރީހީ ނިމިފައި ކަމަށެވެ. އަދި ސިޔާސީ މަސްއޫލިއްޔަތަށް ވުރެ ބޮޑު ވާޖިބެއް އޮންނަކަން އަބަދުވެސް ގަބޫލުކުރައްވާ ކަމަށާއި، އެއީ ގައުމީ ވާޖިބު ކަމަށް ވެސް ޒަކީ ވިދާޅުވިއެވެ.
ނޮވެމްބަރު 3 ގެ ހާދިސާ އެންމެ ކައިރިން ތަޖުރިބާ ކުރެއްވި އަދި އެ ދުވަހުގެ ބޭރުގެ އެހީ ހޯއްދެވުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ޒަކީ ވިދާޅުވީ އެ ދުވަހުގެ ވާހަކަތަކާ މަންޒަރުތަކާއި، އެ ދުވަހުގެ ތަޖުރިބާތައް އެކި މީހުން އެކި ގޮތަށް ސިފަކުރާ ކަމަށެވެ. އަދި އެ ދުވަހަކީ ވަރަށް ގާތުން ތަޖުރިބާކޮށްފައިވާ ދުވަހަކަށް ވެފައި، ބައެއް ކަންކަން އެކިގޮތްގޮތަށް ގޯޅިއަޅައިގެން ދާކަމަށްފެންނާތީ މިއަދު މިވާހަކަ ދައްކަންޖެހޭ ކަމަށެވެ.
އެކަން ހިނގިގޮތާއި މެދު ބައެއް މީހުން ވާހަކަ ދައްކާއިރު ނުވަތަ ލިޔުންތައް ލިޔާއިރު “ދިވެހިންގެ ޚާއިނުންތަކެއް ބޭރުގެ ބަޔަކު ގޮވައިގެން އައިސް ރާއްޖެއަށް އަރާ” މި އިބާރާތަކީ ގަބޫލުކުރައްވާ އިބާރާތެއް ނޫންކަމަށާއި މި އިބާރާތް މިގޮތަށް އޮވެގެން ނުވާނެކަމަށް ވެސް ޒަކީ މިއަދު ވިދާޅުވިއެވެ.
މިއަދުގެ ނޫސް ކޮންފަރެންސް ގައި ޖީއެމްއާރު ގެ މައްސަލައަށް އަލިއަޅުވާލަމުން ޒަކީ ވިދާޅުވީ ގައުމެއް ތަރައްގީވެ ކުރިއަރައިގެން ދާނީ ޕަބްލިކް ޕުރައިވެޓް ޕާޓްނަރޝިޕްގެ ދަށުންކަމަށާއި، އެއީ ދުނިޔެ ދައްކާ ހަގީގަތް ކަމަށެވެ. މީގެ އިތުރުން ޖީއެމްއާރު ބޭރުކުރުމުގެ ނަމުގައި މިހާރު ސަރުކާރާ ހަވާލުވެގެން ތިބި މީހުން މަސައްކަތް އެކުރަނީ ސިޔާސީ ވަކިބޭނުމަކަށް ޓަކައި ކަމަށާއި، އެއީ ސިޔާސީ ފައިދާއެއް ހޯދުމަށް ކުރާކަމެއްކަމަށް ވެސް ޒަކީ ވިދާޅުވިއެވެ.
އިންޑިޔާއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެންމެ ގާތް އެއް ރަހްމަތްތެރިޔާ ކަމަށާއި، އެހެން ނަމަވެސް ނޮވެމްބަރު 3 ގެ ހާދިސާ އިންޑިޔާގެ ބޮލުގައި އެޅުވުމަށް އައްބާސް އިބްރާހީމް ވަރަށް މަސައްކަތް ކުރެއްވި ކަމަށް ވެސް މިއަދުގެ ނޫސް ކޮންފަރެންސް ގައި ޒަކީ ވިދާޅުވިއެވެ.