އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ނައިފަރަށް ވަޑައިގެންފި

ލިޔެ އަޕްޑޭޓް ކުރީ: ރާމިޒް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ޅ.ނައިފަރަށް ވަޑައިގެންފިއެވެ.

މިއަދު މެންދުރު ފަހު ރައީސް ނަޝީދު ނައިފަރަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ އެމްޑީޕީއަށް ތާއީދު ހޯއްދެވުމަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅެކެވެ. އެ ގޮތުން މިރޭ ނައިފަރު މަލްޓި ޕާޕޯސް ހޯލުގައި ބާއްވާ އެމްޑީޕީގެ ޖަލްސާ ގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ ކެބިނެޓްގެ ޔޫތު މިނިސްޓަރ ހަސަން ލަތީފާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި، އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ އިތުރުން އެމްޑީޕީ އުތުރު ޕްރޮވިންސްގެ ރައީސް އަލީ ނިޔާޒް އާއި، އެމްޑީޕީ ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއަރޒް މުހައްމަދު މާހިރު އީސާ އާއި އެންޑީ އަޒީޒް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިރޭ ނައިފަރުގައި ބާއްވާ ޖަލްސާ ރާއްޖެޓީވީން ވަގުތުން ދުރަށްދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.