އެމްޑީޕީ ފޭދޫ ދާއިރާ އާއި ކަނޑިތީމް ދާއިރާ އިންތިޚާބުގެ ބައި އިލެކްޝަން މާދަމާ އޮންނާނެ

ލިޔެ އަޕްޑޭޓް ކުރީ: ރާމިޒް

އެމްޑީޕީ ފޭދޫ ދާއިރާ އާއި ކަނޑިތީމް ދާއިރާއިން ހުސްވެފައިވާ މަގާމްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން މާދަމާ އޮންނާނެއެވެ.

މާދަމާ މެންދުރުފަހު 2 ން 4 އަށް އޮންނަ މި ބައި އިލެކްޝަންތަކުގެ ވޯޓުލުން މާލޭގައި ކުރިޔަށް ދާނީ އެމްޑީޕީ އޮފީހުގެ ގްރައުންޑް ފްލޯރގައެވެ. ރަށްރަށުގައި ވޯޓުލުން ކުރިޔަށްދާނީ އެ ދާއިރާއެއްގެ އެމްޑީޕީ ދާއިރާ އޮފީހުން ކަނޑައަޅާ މަރުކަޒެއްގައެވެ.

މި ބައި އިލެކްޝަންތަކު ގައި އިންތިޚާބު ކުރުމަށް ހަމަޖެހިފައި ވަނީ ފޭދޫ ދާއިރާގެ ރައީސް، ނާއިބު ރައީސް، ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު އަދި ށ. ކަނޑިތީމު ދައިރާގެ ސެކްރެޓަރީ އެވެ.

ވޯޓުލާ މަރުކަޒުގައި، ވޯޓު ގުނައި އެ މަރުކަޒުގައި ވަގުތީ ނަތީޖާ އިއުލާންކުރާ ގޮތަށް ހަމަޖެހިފައިވާ މި ބައި އިލެކްޝަންތަކުގައި ފޭދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އައްޑޫ ސިޓީ ފޭދޫ ވިލުފުށި ޢަބްދުﷲ ސައީދު އެވެ. އެދާއިރާގެ ނާއިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ފޭދޫ މަގުމަތީގޭ މުހައްމަދު މިރުޒާދު އެވެ. އެ ދާއިރާގެ ސެކްރެޓަރީ ކަމަށް ފޭދޫ ހަޒާރުމާގޭ ފާތުމަތު ސައީދު ކުރިމަތިލައްވާފައިވާއިރު، ސެކްރެޓަރީގެ ނައިބު ކަމަށް ކުރިމަތިލައްވާފައި ވަނީ ފޭދޫ މޫންލައިޓްގޭ އައިޝަތު ހަސިނާ އެވެ. އަދި ށ. ކަނޑިތީމު ދާއިރާގެ ސެކްރެޓަރީ ކަމަށް ކުރިމަތިލައްވާފައިވަނީ ށ.ކަނޑިތީމް އަސަރީގޭ ޢަބްދުލް މަޖީދު އަލީ އެވެ.