ފުލުހުންގެ ތެރޭގައި ހިމެނޭ މަދު ބޭކަލުން، ބައެއް ގައިދީންނާމެދު ރަހުމް ކުޑަކޮށް އަމަލު ކުރާކަމުގެ ޝަކުވާ ޕާޓީއަށް ލިބެމުންދާކަމަށް އެމްޑީޕީން ބުނެފިއެވެ. ވީމާ، އެފަދަ ބޭކަލުންގެ ސަބަބުން މުޅި ފުލުހުންގެ ޚިދުމަތަށާއި ސަރުކާރަށް އިލްޒާމް އެޅުމަށް ފުރުސަތު ނުދެއްވާ އާންމުންގެ ޝަކުވާ ލިބޭ ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ ފަހަކަށް އައިސް ފުލުހުންގެ ބައެއް ބޭކަލުން ބައެއް ރައްޔިތުންނާމެދު އިހްތިރާމް ކުޑަކޮށް މުއާމަލާތު ކުރާ ކަމަށާއި ދޫނިދޫގައި ތިބޭ ބައެއް ގައިދީންނާމެދު ރަހުމް ކުޑަކޮށް އަމަލު ކުރާކަމުގެ ޝަކުވާ ޕާޓީއަށް ލިބެމުންދާ ކަމަށެވެ.
އަދި މިހާރު އޮތް ސަރުކާރު، ސަރުކާރު ހިންގެވުމާ ހަވާލުވުމަށްފަހު ކުށްކުރާ މީހުން މަދުވުމާއި މަސްތުވާ ތަކެތި މަދުވުމުން ފުލުހުންގެ މަސައްކަތަށް އާންމުންގެ ތަރުހީބާއި އިހްތިރާމް ލިބެމުންދާކަން އެމްޑީޕީން ފާހަގަ ކުރައްވާކަމަށްވެސް އެނޫސް ބަޔާނުގައި ވެއެވެ. ނަމަވެސް ފުލުހުންގެ މަދު ބޭކަލުންގެ އަމަލުތައް ރައްޔިތުންނާމެދު އަނިޔާވެރިކޮށް ބަހައްޓަމުންދާނަމަ މުޅި ފުލުސް ފޯސް އާމެދު އާންމުންގެ މަގްބޫލުކަން ގެއްލޭ ގޮތް ވާކަމަށްވެސް އެ ނޫސްބަޔާނުގައި ވެއެވެ.
ރައްޔިތުންނަށް އަނިޔާވެރިވާ ފުލުހުންގެ ބޭކަލުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލުން1