އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ތަފާތު ބޮޑު ގޮތަކަށް އެމްޑީޕީގެ މެންބަރުން ކާމިޔާބުކޮށްފި

ލިޔެ އަޕްޑޭޓް ކުރީ: ރާމިޒް

މިއަދު މާލެ އާއި އަތޮޅުތަކުގައި ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ތަފާތު ބޮޑު ގޮތަކަށް އެމްޑީޕީގެ މެންބަރުން ކާމިޔާބުކޮށްފައިވާ ކަމަށް އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބުރޭ) ވިދާޅުވެއްޖެ އެވެ.

އިބްރާހީމް ވަހީދު ވިދާޅުވީ މާލޭގެ 11 ގޮނޑި ވެސް އެމްޑީޕީގެ އަންހެން މެންބަރުން ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އަތޮޅުތަކުން މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ވެސް އެއިންތިޚާބުގައި ވާދަކުރި އެމްޑީޕީގެ 533 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ތަފާތު ބޮޑުކޮށް އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށެވެ. އެ ގޮތުން ގއ. ކޮލަމާފުށީގެ 5 ގޮނޑި ވެސް ކާމިޔާބުކުރީ އެމްޑީޕީ މެންބަރުންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕީ ފިކުރުގެ 533 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށާއި، އަދި މާލޭގެ 6 ދާއިރާއަކާ އެކު އެމްޑީޕީގެ 46 މެންބަރުން އިންތިޚާބަކާ ނުލައި، ހޮވިފައިވާ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަޙުމަދު ވަނީ ވިދާޅުވެފައެވެ.

މި އިންތިޚާބުގައި މާލޭގެ 11 ދާއިރާގެ ތެރެއިން ހުޅުހެންވޭރު ދާއިރާގެ ގޮނޑި ފަރީޝާ އަހުމަދު ކާމިޔާބުކުރި އިރު، މެދު ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އާއިޝަތު މޫސާ އެވެ. ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ޒުހުދާ އެވެ. ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޝެހެނާޒް ވާފިރު އެވެ. ގަލޮޅު ދެކުނު ދާއިރާ ކާމިޔާބުކުރެއްވީ އާއިޝަތު ޝާޒްލީ އެވެ. މައްޗަންގޮޅި އުތުރު ދާއިރާ އަމީނާ އިބްރާހީމް ކާމިޔާބުކުރެއްވި އިރު، މައްޗަންގޮޅި ދެކުނު ދާއިރާ ކާމިޔާބުކުރެއްވީ އަސްޤަރީ މުހައްމަދު އެވެ. މާފަންނު އުތުރު ދާއިރާގެ އިންތިޚާބު އާމިނަތު ޖަމީލް ކާމިޔާބުކުރެއްވި އިރު، މާފަންނު ހުޅަނގު ދާއިރާއިން ހޮވިފައިވަނީ ފާތުމަތު ޝަހީދާ އެވެ. އަދި މާފަންނު ދެކުނު ދާއިރާ އަޒްލިފާ ކާމިޔާބުކުރެއްވި އިރު، ވިލިމާފަންނު ދާއިރާ ކާމިޔާބުކުރައްވާފައި ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހުމަދު އެވެ.

މިއަދު ހެނދުނު 9 ން ހަވީރު 4 އަށް ކުރިޔަށްގެންދިޔަ މި އިންތިޚާބުގެ ވޯޓުލުން މާލޭގައި ކުރިޔަށް ދިޔައީ މާލެ ސިޓީ ހޯލުގައެވެ.