ނޫސްބަޔާން: ފުވައްމުލަކުގައި ފެންބޮޑުވެ އެރަށަށް ނުހަނު ބޮޑަށް ގެއްލުންވުމާ ގުޅިގެން އެމްޑީޕީން ނެރޭ ނޫސް ބަޔާން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 127
ތާރީޚް: 6 ނޮވެމްބަރ 2012 (ބުދަ)

ފުވައްމުލަކުގައި ފެންބޮޑުވެ އެރަށަށް ނުހަނު ބޮޑަށް ގެއްލުންވުމާ ގުޅިގެން އެމްޑީޕީން ނެރޭ ނޫސް ބަޔާން

ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ ހުރިހާ ސަރަހައްދުތަކެއްގައި ފެން ބޮޑުވެ ގެތަކަށް ފެންވަދެ ބައެއް ގެ ތަކުން މީހުން ބަދަލުކުރަންޖެހި، ހިފާގެންގުޅޭ ސާމާނާއި، ފަރުނީޗަރާއި، އިލެކްޓްރޯނިކް ސާމާނަށް ނުހަނު ބޮޑެތި ގެއްލުންވެފައިވާ ކަމުގެ ޚަބަރު އެމްޑީޕީން އެހީ ނުހަނު ކަންބޮޑުވުމާ ހިތާމައާ އެކުގައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އެމްޑީޕީގެ ލީޑަރޝިޕާއި، މި ޕާޓީގެ އެންމެހާ މެންބަރުން ފުވައްމުލަކުގެ ރައްޔިތުންނާއެކުވާ ވާހަކަ ދަންނަވަމެވެ.

ޗަސްބިންތަކާއި، އޮޅުތަކުގެ އިތުރުން ބޮޑު 2 ކުޅި އޮންނަ ފުވައްމުލަކަކީ މެދަށް އަޑި ރަށަކަށް ވުމުން އެރަށަށް ވިއްސާރައިގެ ގެއްލުން ނުހަނު ބޮޑުވުމުގެ ބިރު އަބަދުވެސް އޮންނަ އިރު، އިއްޔެ ހެނދުނުން ފެށިގެން މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގެ ދަނޑުބިންތަކާއި، ގެތަކާއި، ހިފާގެންގުޅޭ ސާމާނާއި، ފަރުނީޗަރާއި، އިލެކްޓްރޯނިކް ސާމާނަށް ނުހަނު ބޮޑަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު މިޕާޓީއަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން ރަށުގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ވުރެ ވެސް ފެންގަނޑު ބޮޑުވެ، އަދި ޣާޒީމަގުގެ ބޮޑު ސަރަހައްދެއްގައި ވެސް ފެން ބޮޑުވެ ބަނޑާރަ ކިޅިން މަގުމައްޗަށް ގިނަ އަދަދެއްގެ މަސްތައް ގޮސް، ބައެއް ގޭގޭގެ ނަޖިސްވަޅާއި، ޖަންކްޝަންތައް ފުރި ރަށުތެރެއަށް ނަޖިސް ބޭރުވާން ފަށާފައި ވުމުން އެ ރަށުގައި ބަލިމަޑުކަމެއް ފެތުރުމަކީ ވަރަށް ކައިރި ކަމަކަށް ވާތީ ވީހާވެސް އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެރަށުގެ ރައްޔިތުންނާއި މުދަލާއި، ގެދޮރު ސަލާމަތްކުރުމުގައި ހަރަކާތްތެރިވުމަށް ޑިސާސްޓަރ މެނޭޖްމެންޓް ސެންޓަރަށާއި، ހެލްތު މިނިސްޓްރީ ޢާއި ކަމާއި ބެހޭ އެންމެހާ މުޥައްސަސާތަކަށް މި ޕާޓީން ގޮވާލަމެވެ.

އަދި މި ދަނޑިވަޅުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ފުވައްމުލަކުގެ ކައުންސިލްތަކުންނާއި، އެރަށުގެ ކުދި ބޮޑު އެންމެހާ ރައްޔިތުން ދައްކާފައިވާ ރިވެތި ނަމޫނާ ފާހަގަކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް