އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް އެބަދޭ

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން މާލެ އާއި އަތޮޅުތަކުގައި ކުރިޔަށް އެބަދެއެވެ.

މިއަދު ހެނދުނު 9 ން ހަވީރު 4 އަށް ކުރިޔަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ވޯޓުލުން މާލޭގައި ކުރިޔަށް ދަނީ މާލެ ސިޓީ ހޯލުގައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕީ ފިކުރުގެ 533 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށާއި، އަދި 28 ސެޕްޓެމްބަރުން ފެށިގެން 9 އޮކްޓޯބަރުގެ ނިޔަލަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މާލޭގެ 6 ދާއިރާއަކާ އެކު އެމްޑީޕީގެ 46 މެންބަރުން އިންތިޚާބަކާ ނުލައި، ހޮވިފައިވާ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަޙުމަދު ވަނީ ވިދާޅުވެފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މާލެ ސިޓީން ކުރިމަތިލާފައިވާ އެމްޑީޕީ މެންބަރުން ތައާރަފްކޮށް، އެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ފިކުރުގެ މެންބަރުންނަށް ތާޢީދު ހޯދުމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ވަނީ އޮކްޓޯބަރު 31 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ.