ނޫސްބަޔާން: އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު ޢަލީ ގެ ގެކޮޅަށާއި ކާރުކޮޅަށް ގެއްލުންދިނުމަށް ހިންގި ޢަމަލުތައް ކުށްވެރިކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 125
ތާރީޚް: 6 ނޮވެމްބަރ 2012 (އަންގާރަ)

ސިޔާސީ ބޭނުންތަކާ ބާރުވެރިކަމުގެ ދަހިވެތިކަމުގައި ގާނޫނާ ޚިލާފް އިންޒާރުތައް ސިޔާސީ ލީޑަރުން ނުދެއްވުމަށް އިލްތިމާސްކުރުމާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު ޢަލީ ގެ ގެކޮޅަށާއި ކާރުކޮޅަށް ގެއްލުންދިނުމަށް ހިންގި ޢަމަލުތައް ކުށްވެރިކުރުން.

އައްޑޫ ސިޓީގެ ގަންއިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރެއްވުމަށްޓަކާ ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދަވަނިކޮށް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ގެ ގެކޮޅަށާއި ކާރުކޮޅަށް ބަޔަކުމީހުން ގެއްލުންތަކެއްދިނުމަށް ހިންގާފައިވާ އަމަލުތައް މި ޕާޓީއިން ވަރަށް ވަރުގަދަ ޢިބާރާތުން ކުށްވެރިކުރަމެވެ.

އައްޑޫސިޓީގެ ގަންއިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރެއްވުމަށްޓަކާ ހުށަހެޅިފައިވާ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިނަމަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އަށް މަގާމުގައިވެސް ނުހުންނެވޭނެ ކަމަށާ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިނަމަ ޝާހިދު ޢަލީ މާލެއިންވެސް ބާލުއްވާނެކަމަށް، މިގެއްލުންތައް ދެވުނުރޭ ސިޔާސީ ޕާޓީއެއްގެ އިސްލީޑަރަކު، އެމަނިކުފާނަކީ ޖޭއެސްސީގެ މެމްބަރެއްގެގޮތުގައިވެސް ހުންނަވައި، އާންމުކޮށް ވިދާޅުވެފައިވާކަމީ މިޕާޓީ އިން ނުހަނު ކަންބޮޑުވުން ފާޅުކޮށް މަތީދަރަޖައަށް ކުށްވެރިކުރާކަމެކެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރިއެރުމާއި، ތަރައްގީ ހޯދައިދިނުމަށް އައްޑޫ ސިޓީގެ ގަންއިންޓަރނޭޝަނަލް އެއަރޕޯޓް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) ގެ ދަށުން ތަރައްގީ ކުރުމަކީ އެމްޑީޕީގެ ސަރުކާރުން ނުހަނުބޮޑު އަހަމިއްޔަތު ކަމެއްދީގެން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތެކެވެ. ޕަބްލިކްޕްރައިވެޓް ޕާޓްނާޝިޕް ގެ އުސޫލުން އެއެއަރޕޯޓް ތަރައްގީކުރުމުގެމަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ބޮޑުބައެއް، އެމްޑީޕީގެ ސަރުކާރުގެ ތިންއަހަރުތެރޭ އިރާދަފުޅާއެކު ވަނީ ނިންމިފައިކަމުން، އެކަންކަމުގައި މަޞައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކުގެ، ޚާއްޞަކޮށް އައްޑޫ ސިޓީގެ ރައްޔިތުންގެ މަތިވެރި އަދި ނަމޫނާ ގައުމީރޫހު މިޕާޓީގެ މެމްބަރުން ޝުކުރުވެރިކަމާއެކު ކުލަގަދަގޮތެއްގައި ފާހަގަކުރެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާއި، އާންމުކޮށް ދިވެހި އެންމެހާ ލޮބުވެތިރައްޔިތުންގެ ތަރައްގީ އާއި ގުޅިފައިވާ މިފަދަ މުހިންމު މަސައްކަތެއްގެތެރެއަށް ސިޔާސީ ކޯޅުމާ ސިޔާސީ ބޭނުންތަކާ ބާރުވެރިކަމުގެ ދަހިވެތިކަން ނުވައްދަވައި އައްޑޫ ރައްޔިތުންގެ ލާބައާއިމަންފާއަށް އިސްކަންދެއްވައިގެން ގަންއިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްގީ ކުރިއަށް ގެންދެވުމަށް މިޕާޓީ އިން ގޮވާލައިފާ ގޮވާލުން ތަކުރާރުކުރަމެވެ. އަދި ސިޔާސީ ބޭނުންތަކާ ބާރުވެރިކަމުގެ ދަހިވެތިކަމުގައި ގާނޫނާ ޚިލާފް އިންޒާރުތައް ސިޔާސީ ލީޑަރުން ނުދެއްވުމަށް މިޕާޓީއިން އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް