ނޫސްބަޔާން: ށ.ބިލެތްފަހިން ހައްޔަރުކޮށްފައިވާ އެމްޑީޕީ މެންބަރުން ދޫކޮށްލުމަށް ގޮވާލުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 126
ތާރީޚް: 6 ނޮވެމްބަރ 2012 (އަންގާރަ)

ށ.ބިލެތްފަހިން ހައްޔަރުކޮށްފައިވާ އެމްޑީޕީ މެންބަރުން ދޫކޮށްލުމަށް ގޮވާލުން

ށ.ބިލެތްފަހީގެ އެމްޑީޕީގެ ހަރަކާތްތަކަށް ހުރަސްއެޅުމަށްޓަކައި، އެރަށަށް އިއްޔެ ފުލުހުން އަރައި، އެރަށު ކައުންސިލުންދީފައިވާ ލިސްޓަކަށް ބަލައި، ހައްޔަރުކޮށްގެން ފުނަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ޤާނޫނާއި ގަވއިދާއި ޚިލާފަށް ހައްޔަރުކޮށްފައިވާ މި ޕާޓީގެ 6 މެންބަރުން ވަގުތުން ދޫކޮށްލުމަށް ގޮވާލަމެވެ.

ބިލެތްފަހީގައި ދަނީ މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ގޭގޭގެ ފުރާޅަށް ގާއުކައި ހަމަ ނުޖެހުން ހިނގަމުން ކަމަށާއި، އެހެން ނަމަވެސް މި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ރަށު ކައުންސިލުން އެއްވެސް ފިޔަވަޅެއް ނާޅައި، އިއްޔެ ހަވީރުގެ ވަގުތެއްގައި ރަށު ކައުންސިލުން 6 ވަރަކަށް ފުލުހުން އެރަށަށް ގެންގޮސް އެމްޑީޕީއަށް ތާއީދުކުރާ 6 މީހަކު ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށާއި، އެ މީހުން ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު ވެސް އެމްޑީޕީ ސަޕޯޓަރަކު ހިންގާ ހޮޓަލެއްގެ ފުރާޅުމައްޗަށް ކެނޑިނޭޅި ބަޔަކު ގާއުކަމުން ދިޔަ ކަމަށް އެރަށުން މައުލޫމާތުދެއެވެ. އަދި މިކަން ޕޮލިހުންނަށް ރިޕޯޓު ކުރުމުން “މިވަގުތު ވަރަށް ބިޒީ ކަމަށާއި، ތިކަމާ އުޅެވޭކަށް ނެތް” ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ވެސް ދީފައިނުވާ ކަމަށާއި، އެހެން ނަމަވެސް އެކި ގޮތްގޮތުން ހޯދި މައުލޫމާތުން އެމީހުން ގެންދިޔައީ ފުނަދޫ ޕޮލިސް ސްޓޭޝަނަށް ކަމަށް އެނގިފައިވާ ކަމަށާއި، އަދި މިއަދު މާއުނގޫދޫ ކޯޓަށް ގެންގޮސް މުއްދަތު އިތުރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރީ ކިހާ ދުވަހަކަށް ކަން އެނގިފައިނުވާ ކަމަށް ށ..ބިލެތްފަހީ އެމްޑީޕީ ހިނދޫ ގޮފިން މައުލޫމާތުދެއެވެ. އަދި މިއީ މި ޕާޓީން ނުހަނު ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. އަދި ބިލެތްފަހިން އެމްޑީޕީ މެންބަރުން ހައްޔަރުކުރި ކުރުމާއި، އެރަށުގައި ހިނގާ ހަމަނުޖެހުންތަކަކީ ސީދާ އެރަށު ކައުންސިލުން ހިންގާ ޖަރީމާ އެއް ކަމަށާއި، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތްތަކަށް ލިބޭ އެންމެހާ ގެއްލުމެއްގެ ޒިންމާ ބިލެތްފަހި ކައުންސިލުން ނަގަން ޖެހޭނޭ ކަމަށް ވެސް ބިލެތްފަހީ އެމްޑީޕީ ހިނދޫ ގޮފިން ބުނެއެވެ.

ފުލުހުން އިއްޔެ ބިލެތްފަހިން ހައްޔަރުކޮށްގެން ގެންދިޔަ 6 މީހުންނަކީ ވެސް އެމްޑީޕީން މި މަހުގެ 21 ވަނަ ދުވަހު ބޮޑު ތިލަދުން މައްޗަށް ފެށުމަށް ހަމަޖެހިފައިވާ ދަތުރަށް އެރަށް ޒީނަތްތެރިކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން ބައެއް ކަމަށާއި، މިއީ ސީދާ ޒާތީ ތައައްސުބުގައި ކޮށްފައިވާ ސިޔާސީ ހައްޔަރެއް ކަމަށް ބިލެތްފަހީ އެމްޑީޕީ ހިނދޫ ގޮފިން ބުނެއެވެ.

އެހެން ކަމުން ގާނޫނުތައް ނެގެހެއްޓުމުގެ ޒިންމާއަދާކުރަންޖެހޭ ފަރާތްތަކުން ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރުމަށާއި، ރާއްޖޭގެ ޤާނޫނު އަސާސީ އާއި ގާނޫނާއި ގަވއިދުތަކުގެ ބޭރުން އެއްވެސް މީހަކު ހިފައި ހައްޔަރުނުކުރުމަށާއި، ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ މިނިވަންކަން ހަނިކުރުމަށް ފުލުހުން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށާއި، މި މައްސަލައާއި ގުޅިގެން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، މިގޮތަށް ގާނޫނާއި ޚިލާފަށް މީހުން ހިފައިހައްޔަކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ފުލުހުންކުރާ މަސައްކަތްތައް ބަލައި، ގާނޫނީ ފިޔަވަޅުއަޅައިދިނުމަށް ހިއުމަންރައިޓްސް ކޮމިޝަނަށާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް