ދެންނެވުން: ވައުދުގެ ދަތުރު – ބޮޑުތިިލަދުންމަތި

ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރާއި ބެހޭ

ވައުދުގެ ދަތުރު – ބޮޑުތިލަދުންމަތި
21 ނޮވެމްބަރ – 7 ޑިސެމްބަރ 2012

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް މުޙަންމަދު ނަޝީދު، ގިނަޕާޓީ ވާދަ ކުރި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ، އެއިންތިހާބީ ކާމިޔާބު ލިބިވަޑައިގަތުމުން، ރާއްޖޭގެ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. 2012 ވަނަ އަހަރުގެ ފެބްރުވަރީ މަހުގައި، އެމް.ޑީ.ޕީގެ ވެރިކަން ބާރުގެ ބޭނުންކޮށްގެން ބަދަލުކުރެވުނުއިރު، 2008 ވަނަ އަހަރު ރައްޔިތުން އެމް.ޑީ.ޕީ ސަރުކާރަށް ކަށަވަރު ކޮށްދީފައިވާ ފަސް އަހަރުގެ މުއްދަތު ހަމައެއް ނުވެއެވެ. ބާކީ އަހަރަކާއި ނުވަމަސް ދުވަސް އޮތެވެ. އެމް.ޑީ.ޕީގެ ވައުދުތައް ފުއްދުމަށް މަދުވި އަހަރާއި ނުވަމަސް ދުވަހެވެ.

އެމް.ޑީ،ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އާއިއެކު، މިފެށޭ ޙާއްސަ ދަތުރަކީ ރާއްޖޭގެ ބޮޑު ތިލަދުންމަތީ (ހއ.، ހދ. އަދި ށ. އަތޮޅު) ގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށް ކުރެވޭ ދަތުރެކެވެ. ދަތުރުގެ ބޭނުމަކީ ޕާޓީގެ ފަރާތުން ވީ ވައުދު ފުއްދުނު މިންވަރު ދެނެގަތުމެވެ.

21 ނޮވެމްބަރ 2012 ން 7 ޑިސެމްބަރ 2012 އަށް ކުރާ މި ދަތުރަކީ އެމްޑީޕީން ބޮޑު ދެކުނަށް ކުރި ކާމިޔާބު ދަތުރެކޭ އެއްފަދައިން ރައްޔިތުންގެ ތަނަވަސްކަމާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމް.ޑީ.ޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީ ވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކުރެވޭ ދަތުރެކެވެ.

ވައުދުގެ ދަތުރުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި، ޕާޓީގެ ލީޑާރޝިޕާއި، އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އަމިއްލަފުޅަށް މިދަތުރުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ރެޖިސްޓްރީކޮށް މަޢުލޫމާތު އެރުވުން 6 ނޮވެމްބަރ 2012 ވާ އަންގާރަ ދުވަހުން ފެށިގެން 15 ނޮވެމްބަރު 2012 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10.00 އިން 16.00 އަށް ސޯސަން މަގުގައި ހުންނަ އެމް.ޑީ.ޕީގެ މައި ސެކެރެޓޭރިއަޓް ގައި އަދި ރޭގަނޑު 9 ން 11 އަށް އުސްފަސްގަނޑުގައި އޮންނާނެއެވެ. އަމިއްލަފުޅަށް މި ދަތުރުގައި ބައިވެރިވާ ފަރާތްތަކުން ރަމްޒީ ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިއީ ތަފާތު ރެލީތަކާ، ޚާއްސަ ޖަލްސާތަކާ، މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެކެވެ. މިތާރީޚީ ދަތުރާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އާއްމު ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

5 ނޮވެމްބަރ 2012