މޫސުން ގޯސްވެ ގެއްލުން ލިބުނު ރަށްތަކަށް އެހީވުމަށް އެމްޑީޕީން އަނެއްކާ ވެސް ގޮވާލައިފި

ލިޔެ އަޕްޑޭޓް ކުރީ: ރާމިޒް

ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް އެހީވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ގޮވާލައްވާފައި ވާތީ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްރަށަށް އެހީ ހޯދުމުގެ މަސައްކަތް އެމްޑީޕީން ފަށައިފިއެވެ.

ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހއ.ހޯރަފުއްޓާއި، ހއ.ބާރަށް އަދި ހދ.ހަނިމާދޫގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައި އެ ޕާޓީގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާތީ އެ ޕާޓީން މިއަދުވަނީ އެރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އެކައުންޓް މެދުވެރިކޮށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުގެ ނޭދެވޭ އަސަރާއި އިންތިހާއަށް ކުރިމަތިލުމަށް މަޖުބޫރުވެފައިވާ މި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ގެއްލުން ކުރިމަތިވެ، ދަތުރުފަތުރާއި މުޢާސަލާތާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ހިންގުންތަކަށް ބުރޫއަރާފައިވާ ކަމަށާއި، މިއެންމެހާ ގެއްލުންތަކަށްވުރެ ބޮޑު ގެއްލުމަކީ ރައްޔިތުންގެ ނަފްސާ ގެދޮރާއި މުދަލަށް މީގެ އަސަރު ނިހާޔަތަށް ފޯރާފައިވުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަދި، މިދަނޑިވަޅުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ރައްޔިތުން ދައްކާ ރިވެތި މިސާލާއި އިސްލާމީ އުޞޫލު އުފަލާއިއެކު ފާހަގަކުރައްވާ ކަމަށާއި، ރައްޔިތުންނަށް ލިބިގެންދާ މި ހިތާމައިގާ ރާއްޖޭގެ ރައްޔިތުންނާއި އެކު ވެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހއ. ހޯރަފުއްޓާއި، ހއ.ބާރަށް އަދި ހދ.ހަނިމާދޫގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައި އެބޭފުޅަކަށް ވެވެން އޮތް ވަރަކުން އެހީތެރިވުމަށާއި، އެ ގޮތުން ހޯރަފުށީގެ ރައްޔިތުންނަށް އެހީވުމަށް ހއ.ހޯރަފުށީ ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 7714-700377-004 އަދި ހަނިމާދޫގެ ރައްޔިތުންނަށް އެހީވުމަށް އެ ރަށު ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 7706-700320-004 އަށް ފައިސާގެ އެހީވެދެއްވުމަށް އެމްޑީޕީން އެދެއެވެ. އަދި ބާރަށު ކައުންސިލް އިދާރާގެ އެކައުންޓް ފްރީޒްކޮށްފައިވާތީ އެ އެކައުންޓް މެދުވެރިކޮށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭ ކަމަށް ބާރަށު ކައުންސިލްގެ ނައިބު ރައީސް ހުސައިން ފަހުމީ ވިދާޅުވެފައިވާތީ ބާރަށު ކައުންސިލް އިދާރާ އާއި ގުޅައިގެން އެރަށަށް އެހީތެރިވުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެމްޑީޕީން އެދެއެވެ.