ރައީސް ނަޝީދުގެ ޝަރީޢަތް ހުއްޓުވުމަށް އެމްޑީޕީން ކުރާ ސިލްސިލާ މުޒާހަރާ މިރޭ 9 ޖަހާއިރު އުސްފަސްގަނޑުން

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލުމަށާއި، ހުޅުމާލެ ކޯޓު ކަމަށް ބުނާތަނުގައި ކުރިޔަށް ގެންދާ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ ޝަރީޢަތް ހުއްޓުވުމަށް އެމްޑީޕީން ބާއްވާ މުޒާހަރާ މިރޭ 9 ޖަހާއިރު އުސްފަސްގަނޑުން ފެށޭނެއެވެ.

މި މުޒާހަރާ ގައި އެމްޑީޕީގެ ވީހާ ވެސް ގިނަ މެންބަރުންނާއި، އެ ޕާޓީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވެދެއްވުމަށް އެމްޑީޕީން އެދެއެވެ.

“ފަނޑިޔާރުގެ ވެސް މިނިވަން ކުރެވޭނެ! މަޖިލީހަށް އެންމެ ވެސް ހާޒިރުކުރެވޭނެ!” މި ޝިއާރުގެ ދަށުން 30 އޮކްޓޯބަރ 2012 ވީ އަންގާރަ ދުވަހުގެރޭ އެމްޑީޕީން ބާއްވަން ފެށި ހިމޭން މުޒާހަރާ އޭގެ ފަހުން މެދުކެނޑުމެއް ނެތި ކޮންމެ ރެއަކުހެން އެމްޑީޕީން ދަނީ މާލޭގެ ބޮޑެތި މަގުތަކުގައި ބާއްވަމުންނެވެ.

މި މުޒާހަރާއަށް ހާޒިރުވާ ފަރާތްތަކުން، މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވާތީ މޫސުމާއި އެއްގޮތަށް ތައްޔާރުވެގެން، ކުޑަ އާއި ވިއްސާރަ ކޯޓު ގެންދިއުމަށް އެމްޑީޕީން އިލްތިމާސްކުރެއެވެ.