އައިޖީއެމްއެޗްގެ އިހުމާލުން ތިނަދޫ އަންހެނަކު ނިޔާވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އަށް ތިނަދޫ ދާއިރާގެ މެންބަރު ގަސަމް ހުށަހަޅުއްވައިފި

ލިޔެ އަޕްޑޭޓް ކުރީ: ރާމިޒް

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިހުމާލުން ގދ. ތިނަދޫ އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އަށް ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމް ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމުގެ ނައިބުކަން ވެސް އަދާކުރައްވާ ގަސަމް މިއަދު އެ ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގދ.ތިނަދޫ ޑްރާމާ، އާމިނަތު އަލީ (62)، ތައިރޮއިޑް ދުޅަވެގެން ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން 5 ދުވަސްވަންދެން ހޯދުނު ފަރުވާއިން ހައްލެއް ނުލިބި، 2 ދުވަސްތެރޭގައި އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން އިރުޝާދު ދެއްވުމުންނާއި، ފަރުވާދެވޭނެ ވަސީލަތްތައް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ނެތުމުން އިމަޖެންސީކޮށް ނަރުހަކާއެކު 18 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ އާމިނަތު އަލީ މާލެ ފޮނުވި ކަމަށެވެ. އަދި އައިޖީއެމްއެޗްގެ އީއެންޓީ ޑޮކްޓަރު ބެއްލެވުމަށްފަހު ތައިރޮޑް ދުޅަވުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ހޮޅި ފިތި، ނޭވާލާން އުދަނގޫވަނީ ކަމަށް ވިދާޅުވިކަމަށާއި، އަދި އެމަޖެންސީ ރޫމުގައި ފަރުވާދެމުންދަނިކޮށް އެރޭ ފަތިހު 3 ޖަހާކަށްހާއިރު އެހެން ޑޮކްޓަރަކު އާމިނަތު އަލީ ބެއްލެވުމަށްފަހު މާބޮޑު މައްސަލައެއް ނެތް ކަމަށާއި، އިތުރު ޓެސްޓުތަކެއް ހަދައިގެން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދެއް ދެއްވައި، ބަލިމީހާއެކު މާލެއައި ނަރުހާއި އާއިލާގެ މީހުންގެ ނުރުހުމުގައި ބަލިމީހާ ޑިސްޗާޖު ކޮށްފައިވާ ކަމަށް ގަސަމްގެ ސިޓީ ގައި ވިދާޅުވެފައިވެއެވެ.

“ޑޮކްޓަރުގެ އިރުޝާދުގެ މަތިން އާމިނަތު އަލީ ވަނީ ޓެސްޓުތައް ހެދުމަށް 20 ވަނަ ދުވަހު ވެސް އައިޖީއެމްއެޗަށް ގޮސްފައެވެ. އެދުވަހު ޓެސްޓުގެ ނަތީޖާ ފަހަރެއްގައި ނުލިބިދާނެ ކަމަށާއި ޓެސްޓް ހަދާ ބޭފުޅާ ޗުއްޓީއެއްގައި ހުންނެވި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެދުވަހު ވެސް ނޭވާލާން އުނދަގޫ ކަމަށް ޓެސްޓުތައް ހެއްދެވުމަށް ހުންނެވި ޑޮކްޓަރުގެ ގާތުގައި ބުނުމުން ޓެސްޓުގެ ނަތީޖާއާއެކު އޮޕްރޭޝަން ޑޮކްޓަރަކަށް ދެއްކުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި އެދުވަހު އެނބުރި ގެއަށް ގޮސް އުޅެނިކޮށް އެރޭގެ ދަންވަރު ނޭވާ ހާސްވުމުން އެމްބިއުލާންސަށް ގުޅައި، އެމްބިއުލާންސް އައުން ލަސްވެގެން ކާރެއްގައި އައިޖީއެމްއެޗަށް ދިޔަ މަގުމަތީގައި ވަނީ ނިޔާވެފައެވެ.” ގަސަމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން ހެލްތު ކޯޕަރޭޝަންގެ ބޯޑަކީ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރުން ކަމަށް ވުމާއި މި ބޯޑު ޒިންމާދާރު ކުރުވުމުގެ ޒިންމާދާރު ފަރާތަކީ ހެލްތު މިނިސްޓަރު ކަމުގައި ވީއިރު، މި ހާދިސާ ހިނގާފައި ވަނީ ހެލްތު މިނިސްޓްރީން އައިޖީއެމްއެޗްގެ ކަންކަން އިންތިޒާމް ކުރުމުގައި އިހްމާލުވެ، ބަލަންވާވަރަށް ނުބަލައި ބަޔަކު މީހުންގެ އަތްމައްޗަށް ދޫކޮށްލާފައި އޮތުމުން ކަމަށް އާއިލާގެ ފަރާތުން ދެކޭތީ މި މައްސަލާގައި ކަންހިނގާދިޔަ ގޮތް ބައްލަވައި ދެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ގަސަމް އެދިވަޑައިގެންފައިވެއެވެ.