ޖީއެމްއާރްގެ ސަބަބުން ރާއްޖެއަށް ގެއްލުންވާނޭކަމުގެ ޒައްރެއްގެ މިންވަރު ދެއްކިޔަސް އެމްޑީޕީން އެކަމާ ވިސްނާނެ

ލިޔުނީ: ލުޝާން

އިންޑިއާގެ ޖީއެމްއާރްއާއި އިބްރާހިމް ނާސިރް އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހިންގުން ހަވާލުކުރުމުން ދިވެހިރާއްޖެއަށް ލިބޭނޭ އެއްވެސް ގެއްލުމެއް ނެތްކަމަށާއި، އެފަދަ ކަމެއްގެ ޒައްރެއްގެ މިންވަރު ދެއްކިޔަސް އެމްޑީޕީން އެކަމާއި ފުންކޮށް ވިސްނާނޭކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުއްޖެއެވެ.

ރޭ އެމްޑީޕީން އުސްފަސްގަނޑުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖީއެމްއާރް އަތުން އެއަރ ޕޯޓް އަތުލުމަށް މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ، ޒިންމާދާރު ކުޑަގޮތެއްގައި ދައްކަވަމުން ގެންދަވާ ވާހަކަތަކެއް ކަމަށާއި، އެވާހަކަތަކުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ދެރައާއި ގެއްލުން ރާއްޖެއަށް ލިބިގެން ހިނގައިދާނޭކަމުގެ ބިރު އެބައޮތްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެއަރ ޕޯޓް ތަރައްޤީއަށް ޖީއެމްއާރުން އިންވެސްކުރުމަށް ނިންމާފައިވަނީ، 4.8 ބިލިއަން ރުފިޔާކަމަށް ސަރުކާރުން ވިދާޅުވި ބުނެފައިވީ ނަމަވެސް، ކޮންޓްރެޓްގައި އޮތްގޮތުން ނަމަ އެއަރ ޕޯޓް ތަރައްޤީއަށް ޖީއެމްއާރުން 8.9 ބިލިއަން ރުފިޔާ ޚަރަދުކުރައްވާނޭ ކަމަށެވެ. އަދި ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރާއިރު އެކަން ކުރާނީ ސީދާ ލޯނަކުން ކަމަށް ބުނެފައިވީ ނަމަވެސް އެލޯނުގެ އިންޓްރެސްޓުގެ އަދަދުވެސް ހިމަނާފައި ނެތް ކަމަށް ރައީސް ނަޝީދުގެ ވާހަކާގައި ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މާލޭގެ އެކި ހިސާބު ތަކުގައި އިންޑިއާ އާ ދެކޮޅަށް ލިޔުންތައް ހަރުކޮށް އަޑު އުފުލައިގެން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި، މިއަދު އެކަމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ވެސް ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން މަސައްކަތް ނުކުރާ ކަމަށެވެ.