ރައީސް ނަޝީދުގެ ޝަރީޢަތް ހުއްޓާލަން ހައި ކޯޓުން އަމުރުކޮށްފި

ލިޔުނީ: ލުޝާން
އެޑިޓްކޮށް އަޕްލޯޑް ކުރީ: ރާމިޒް

ރައީސް ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓު ކަމަށް ބުނާ ތަނުގައި ދަޢުލަތުން ކޮށްފައިވާ ޖިނާޢީ ދަޢުވާ ވަގުތީގޮތުން ހުއްޓާލުމަށް ހުޅުމާލެ ކޯޓު ކަމަށް ބުނާ ތަނުގެ މައްޗަށް ހައި ކޯޓުން މީގެ އިރުކޮޅެއް ކުރިން ޙުކުމްކޮށްފިއެވެ.

ހައި ކޯޓުން މިގޮތަށް ޙުކުމް ކުރީ ހުޅުމާލޭ ކޯޓު ކަމަށް ބުނާ ތަނުގައި ދަޢުލަތުން ކުރާ ދައުވާގެ ޝަރީއަތުގައި ރައީސް ނަޝީދުގެ ފަރާތުން ނެގި އިޖްރާއީ ނުކުތާތަކާ މެދު އެ ކޯޓުން ނިންމި ގޮތާ މެދު ހިތްހަމަނުޖެހިގެން އެ ނުކުތާތައް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު ބޭއްވެވި އަޑު އެހުމުގައެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކަކީ ހުޅުމާލޭ ކޯޓު ކަމަށް ބުޏާ ތަނުގެ ގާނޫނީ ހައިސިއްޔަތުގެ މައްސަލަ އާއި ހުޅުމާލޭ ކޯޓުގެ ޝަރީއަތެއް މާލޭގައި ކުރިއަށް ގެންދެވިދާނެތޯ ބެލުމަށް ހުށަހެޅި ނުކުތާގެ އިތުރުން ކޯޓަށް ހާޒިރުވުމުގެ އަމުރު އެމަނިކުފާނަށް ފޮނުވާފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމާ ބެހޭ ގަވާއިދާއި އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

ހައި ކޯޓުން މިގޮތަށް އަމުރުކޮށްފައިވާއިރު ރައީސް ނަޝީދުގެ މައްސަލައިގެ އަޑު އެހުމެއް މިއަދު ހަވީރު 16:00ގައި ބޭއްވުމަށް ހުޅުމާލޭ ކޯޓޭ ކިޔާތަނުން ވަނީ ތާވަލްކޮށްފައެވެ.