މެންބަރުންގެ ޚިޔާލު: އެމީހުން މިއަދު އުފާކުރާނެއެވެ.

ލިޔުނީ: ފުނަމާ
އެޑިޓްކޮށް އަޕްޑޭޓްކުރީ: ރާމިޒް

މިވެރިކަން ފެށުނީއްސުރެ ޢާންމުކޮށް ހުކުރު ޚުތުބާތަކުގައި މުސްލިމުންގެ ތެރެއިން ބަޔަކަށް ޚާއްސަކޮށް ދިވެހީންގެ ބަޔަކަށް މުސީބާތް ޖައްސަވައި ފަނާކުރެއްވުން އެދި ދުޢާކުރެވެމުންދާ އަޑު ތަކުރާރުވަމުން ގޮސްފައިވެއެވެ. މިސްކިތުގައި ތިބޭ މީހުންނަށް ވާނުވާ ނޭނގި މިފަދަ ދުޢާތަކުގައި ބައިވެރިވެވި އާމީން ކިޔޭ ފަހަރު ވެސް އާދެއެވެ.

ގިނަބަޔަކު ބުނާގޮތުން މިފަދަ ދީނާ ޚިލަފު ކަންކަން ތަކުރާރުވުމުގެ ސަބަބުން މިހާރު އެމީހުން ހުކުރު ނަމާދަށް ދިއުމަށް ބިރުގަނެއެވެ. އެހެން ނަމަވެސް ދީނީ ގޮތުން އަދާކުރާން ޖެހޭ ވާޖިބެއް ވީމާ ކޮންމެހެން ވެސް ދާން ޖެހޭނެތާ އެވެ. ގިނަ ބަޔަކު މިފަރުޟު އަދާކުރުމަށް މިހާރު މިސްކިތަށް ދަނީ މީހުން އެބުނާހެން ” ވަލަޒިކުރުﷲ އަކްބަރް ” އަށެވެ. ހާލަކުން ދުވަހަކު މެނުވީ، މިހާރު “ބޮނަކުއާ” ގެ އަމުރަށް ކިޔޭ ޚުތުބާ ތަކުގައި މުސްލިމު އުންމަތަށް ޢާންމުވާގޮތަށް ބަދުދުޢާ ކުރެއެވެ.

މިވެރިކަން ފެށުނު ދުވަހުއްސުރެ ދިވެހީންނަށް ކުރިމަތިވަމުން އަންނަ ބަދުނަސީބު ކަންކަމަކީ ވިސްނާނުލައި ދޫކޮށްލާން ހެޔޮވާ ވަރުގެ ކަންތައް ތަކެއް ނޫނެވެ. “އުންމަތެއްގައި ހެޔޮކަންކަން އާންމުކޮށް މުންކަރާތްތައް ނަހީކުރާ މީހުން ގިނަވެއްޖެނަމަ އެ އުންމަތަކަށް ހެޔޮލަފާ ވެރީން ދެއްވާނެ ކަމަށާއި، ހަމައެފަދައިން ނުބައި ނުލަފާކަން އާންމުވެ، އަދުލު އިންސާފު ނެތިއްޖެނަމަ ނުބައިނުލަފާ ވެރީން ދެއްވާނެ ކަމުގައި”، ޢިލްމުވެރީން ވިދާޅުވަނިކޮށް އަޑުއެހީމެވެ. އެގޮތުން ހުރިހައި ބަހާތަކެއް ހަމަވާގޮތަށް މިއަދު މިގައުމުގައި މިހުރި ވެރިމީހާ އަކީ މިއަދު ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ގައުމަކަށް ވެރިވާނެ އެންމެ ނުބައިނުލަފާ އެކަކު ކަމުގައި ގިނަބަޔަކު އެބުނަނީ ސަބަބުތަކާއި ލައިގެންނެވެ.

މުސްލިމު ގައުމެއްގެ ވެރިއެއްގެ ގޮތުގައި ހުރިމީހާގެ ތަސައްރަފު ފުދިފައިވާ ދަރިޔަކު ބޮޑުޖަމާއަތެއްގެ މެދުގައިހުރެ ބުދުދީނުގެ މީހުން ކަލާނގެއެއް ކަމުގައި ގަބޫލުކުރާ “ކާލީމާއަށް” ސަނާކިއުމަކީ އެދަރިއަށް ތަރުބިއްޔަތުދިން މައިން ބަފައިންގެ ފަތިފުށް ހާމަވެގެން ދާނެ ކަމެއް ކަމުގައި ގަބޫލުކުރާން ޖެހެއެވެ. އަދި މިފަދަ ނުބައި ނުލަފާ ކަމެއް ކުރި ދަރީގެ ބަފާ ހުރީ މުސްލިމު ގައުމެއްގެ ވެރިއެއްގެ ގޮތުގައި ކަމުގައި ވީއިރު އެކަމާ ބިރުވެތިވެ، ލަދުގަނެ، ރައްޔިތުންގެ ކުރިމަތީގައި މާފަށް އެދި، ތިމާގެ ދަރީގެ އެބުނުމަށް ރައްދެއްވެސް ދީފައި ނުވާކަމީ އެދަރި އެބުނި ބަހުގެ މައްޗަށް ބާރުދިނުމެއް ކަމުގައި ބަލާނެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން ބޭރު ގައުމަކަށް ކުރި ދަތުރެއްގައި އަޅުކަންކުރެވޭ ބުދެއް ހަދިޔާއެއްގެ ގޮތުގައި ލިބިގަތުމާއި، އުތުރު ކަރައިގެ މުޝްރިކުންގެ ބަޔަކު އެންމެ މުގައްދަސް ކަމުގައި ދެކޭ ފައްޅިއަކަށް އިހުތިރާމު އަދާކުރުމުގައި ” ރެކިދިޔެގެ މޮހޮދާއާއި، އޭނާގެ އަންހެނުން ” ފިސާރި ހެދިގެން ތިބިމަންޒަރު ފެނުމުން އެދެމީހުންގެ މެދުން އުފަންވި ދަރީގެ ބަސްމަގާއި މިމީހުންގެ އަމަލާއި ކިހާވަރެއްގެ ދިމާވުންތަކެއް ހުރިތޯ ވިސްނާލަން ޖެހެއެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ ފައްޅިއެއްގައި ހިނގަމުންދިޔަ އަޅުކަމެއްގައި މީނާ ބައިވެރިވެ އިންދައި ދުނިޔޭގެ ފެންވަރުގެ ނިއުސް ޗެނަލުތަކުން ވަގުތުން ވަނީ ދުރަށް ދައްކާފައެވެ.

2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ގެނެވުނު ހެޔޮ ބަދަލާއެކު ރައްޔިތުންނަށް އެވެރިކަމުން ދެމުން ގެންދިޔަ ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ވެރިކަމާމެދު އުފެދުނު ލޯތްބާއި ޔަގީންކަން، ބަދަލުކޮށް ތިމާގެ އަތްމައްޗަށް އެވެރިކަން ފުރޮޅާލުމަށް މިއަދު ވެރިކަމުގައި އެހެރަ މީހާ ކުރި މަސައްކަތުގައި އެންމެ ބޮޑަށް އެހީތެރިވެ ރައްޔިތުން މަގުފުރެއްދޭތޯ މަސައްކަތް ކޮށްދިނީ މިގައުމުގައި ޝޭޚުންނޭ ބުނެ ދައުވާ ކުރަމުން ގެންދިޔަ، އެމީހުންގެ ކިބައިގައި ނިފާގުގެ ބަލިހުރި، ކިބުރުވެރި ބޮޑާ އެހާމެ ޣީރަތްތެރި ހައެއްކަ މީހުން ކަމުގައި ގިނަމީހުން ގަބޫލުކުރެއެވެ. މިމީހުންނަކީ ޝޭޚުންގެ މޭކަޕުކޮށްގެން ތިބި ދުނިޔޭގެ ފެންވަރުގެ ޓެރަރިސްޓުންނަށް ވާގިދޭ އަދި، މިގައުމުގައި ޓެރަރިޒަމް އަށަގަންނުވަން މަސައްކަތްކުރާ ވިއުގައެއްގެ މީހުން ކަމުގައިވެސް ގިނަބަޔަކު ބުނާތީ އަޑުއިވެއެވެ.

ވެރިކަން ބަދަލުވުމަށްފަހު ކުރީންވެސް ދެންނެވި ފަދައިން މިވެރީންގެ ކަމަކީ އެއްވާ ކޮންމެ އެއްވުމެއްގައި މުސްލިމު އުންމަތައް ބަދުދުޢާ ކުރުމެވެ. މިކަމާ ގައިމުވެސް މިގައުމުގެ ދީނީ ޢިލްމުވެރީންގެ ބަޔަކު ހިންހަމަ ނުޖެހި ލިޔުންތައް ލިޔެ ޝުޢޫރު ފާޅުކޮށްފައި ވަނިކޮށްވެސް ދެކި، އަޑުއެހީމެވެ. އަޅުގަނޑަކީ އެބުނާވަރުގެ ދީނީ ޢިލްމު ވެރިއެއް ނޫން ނަމަ ވެސް ޙިއްސުތައް ސަލާމަތުން ހުރިކަމުގައި ދެކޭ މީހަކީމެވެ. “މިއުންމަތުގެ މީހުންނަކީ ލިޔާންކިޔާން ނުދަތަސް، ބަނީ އިސްރާއީލް ބާގައިގެ ޢިލްމުވެރީންނަށްވުރެ ކުރިއަރާފައިވާ މީހެއް ކަމުގައި ވާނެ ކަމުގެ” ހެޔޮބަސްފުޅު މަފްހޫމްވާ ހެޔޮ އުންމަތެއްގެ އަހުލު ވެރިއަކީމެވެ. އިބްރާހިމީ މިއްލަތުން، މުޙަންމަދިއްޔަ އުންމަތަށް ނިސްބަތްވެ އިސްލާމްދީންގެ ހިދާޔަތު ލިބިގަނެވޭތޯ ތާއަބަދު މަސައްކަތް ކުރާމީހަކީމެވެ. ﷲގެ ވާގިފުޅާއެކު ކޮންމެ އަޖަލެއް ޖެހުނަސް ހެޔޮބަސް ބުނުމުގައި ފަސްނުޖެހޭނެ މީހަކީމެވެ.

މިއަދު މިގައުމުގައި އެތިބަ ހައްދު ފަހަނަ އަޅާފައިވާ ދީނީ އިލްމުވެރީންނޭ ކިޔާ ޓެރަރިސްޓުންނާއި ޚިލާފަށް ބަހެއް ބުނުމަކީ ބިރުހުރި ކަމެއްކަން މިދަނީ އެނގި ސާބިތު ވަމުންނެވެ. އެމީހުން ގަބޫލުކުރާ ހަމަޔާއި އިދިކޮޅަށް އެއްޗެއް ބުނެފި މީހެއްގެ ފުއްކިބާ ބޮލުން ވަކިކޮށް އެއްލާލުމަކީ މިއަދަކު މިގައުމުގައި ނުވެދާނެ ކަމެކޭ ބުނެވޭކަށް ނެތެވެ. މިފަދަ ކޮންމެ ކަމެއް އަނެކުންގެ ބޮލުގައި އަޅުވާފައި ރެކިގަނެގެން ތިބުމަށް ނިވާފަތް ގަނޑެއްގެ ގޮތުގައި ވެރިކަން އެމީހުންނަށް އެބައޮތް ކަމުގައި ގިނަމީހުން ބުނެއެވެ. މަސްތުވާތަކެތީގެ ވަބާގައި އެމީހުން ޖެހި މިގައުމުގައި އެކަން އާންމު ކުރުމުގައި އެމީހުންގެ އަތެއް ވާނެކަމުގައި ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ.

މީހުންގެ ކުރިމަތީގައި ހިލޭ އަންހެނުންނާއި އަތުގައި ބީހި ސަލާމް ކުރުމަކީ ހަރާމް ކަމެއް ކަމުގައި ދައްކައިގެން އުޅޭއިރު ވަންހަނާގައި ހިލޭ އަންހެނުންގެ ގަޔަށް ބޮލަށް އަރައި އުޅޭ މީހުންނަކީ ހަމަ “މުނާފިގުން” ނޫން ބަޔަކަށް ނުވާނެއެވެ. މިފަދަ މީހަކު އިސްލާމީ ކަންކަން ބެލެހެއްޓުމާ ހަވާލުވެއްޖެނަމަ ދެން މިދިވެހި އުންމަތުގެ ހާލާއިމެދު އޮންނާނީ ފިކުރު ކޮއްލުންތާއެވެ. ވިސްނާލާށެވެ. އެންމެ އަށެއްކަ މަސްދުވަހުގެ ތެރޭގައި މިގައުމު ސޮއްސާލައި އިގްތިސާދީގޮތުން އިނދަ ޖެހިފައި މިންވަރު ދެކިބަލާށެވެ. މިއަދު މިގައުމާއި ރައްޔަތުންނަށް ކުރިމަތިވެފައިވާ، ވަމުންދާ މުސީބާތްތަކާމެދު އެންމެ ފަހަރަކުވެސް ވިސްނާލަ ބަލާށެވެ.

ކޮންމެއަކަސް މިއުޅޭ ފަހަރި ޝޭޚުންގެ ނުރުހުމާއި ގުޅިގެން އެމީހުންގެ ލިސްޓުގައި، ނައްތާލަން ބޭނުންވާ އެކެއް ކަމުގައި އަހުރެން ވެދާނެތީވެ ކުޑަކޮށްވެސް ބިރެއްނުގަނެއެވެ. ކިތަންމެ ފަހަރަކު މިމީހުންގެ ހޫނުފެން އަހުރެންގެ ބޮލަށް ވިއްސާފައި އެބަހުރިވެސް މެއެވެ. އެކަމަކު ހަމަހިލާ އެމީހުންގެ މަޅީގައި ޖެހި އަމިއްލަ ނަފުސާއި ޒަމީރާއި ދީން، އެމީހުން ފަދައިން ކުޑަ އަގެއް ގައި ވިއްކާލާކަށް ނެތީމެވެ. ގޮނޑު ހޮވައިގެން ކައިގެން ނަމަވެސް ހައްގުބަސް ބުނުމުގައި ދެމިހުރެވޭތޯ ބަލާނަމެވެ.

އެމީހުންގެ މަލްޢޫނު ދޫތަކުން މިގައުމުގެ މައްޗަށް ކުރަމުން ގެންދިޔަ ބަދުދުޢާތަކާއި އެކުއެކުގައި މިގައުމުގެ ރައްޔިތުންނަށް މިއަދު މިޖެހި، އިތުރު ވަމުންދާ މުސީބާތްތައް އެމީހުން މިއަދު ދެކޭނެތާއެވެ. އަދި އެކަމާ އެމީހުން ނުހަނު އުފާކުރާނެ ތާއެވެ. ނަމަވެސް މިގައުމަކީ އެތަކެއް ގަރުނު ވަންދެން ސުލްހަ މަސަލަސްކަންމަތީ އިސްލާމީ ވަޙުދަތުގައި ސީދާ ތެދުމަގުގައި މީސްތަކުން ދިރިއުޅުނު ގައުމެއްކަމާއި، މުސްލިމުންނަށް އަބަދުވެސް ނަސްރު ދެއްވުމުގައި ﷲ ތަޢާލާ ކުއްތަންވެ ވޮޑިގެން ވާކަން، ފާސިގުވެ ވެރިކަން ފިޔަވައި އެހެން އެއްޗެއް ނުފެންނަވަރަށް ދެލޯ ކަނުވެފައިވާ އެއުރެން ދަންނާން ޖެހޭނެއެވެ.

ﷲގެ ރަޙުމަތް ފުޅުން އެމީހުންގެ ދޫތަކުން އެކުރާ ބަދުދުޢާ ތަކުގެ އަސަރުން މިގައުމު ސަލާމަތް ކުރައްވައި އެމީހުންގެ ނުބައި ނިޔަތުގެ ޖަޒާ އެމީހުންނަށް ލިބި ކަށަވަރުވެގެން ދިއުން ނުވަތަ އެއިލާހުގެ ފަޟްލުވަންތަ ކަމުން އެއުރެންނަށްވެސް ހެޔޮވިސްނުން ދެއްވައި ތެދުމަގަށް ރުޖޫއަވުމަށް ތައުބާވުމުގެ ވިސްނުން ދެއްވުންއެދި ދުޢާކުރަމެވެ. އާމީން .