ރައީސް ނަޝީދުގެ އޮފީހުގެ ނޫސް ބަޔާން: ދައުލަތް ހިންގެވުމުގައި ހަމަހަމަކަމާއި ޤާނޫނުތަކަށް އިޙްތިރާމް ކުރެއްވުމާއި އިޚްލާސްތެރިކަމާއެކު އެކަން ކުރެއްވުމަށް ސަރުކާރަށް އިލްތިމާސް ކުރަން

އަޕްޑޭޓްކުރީ: ރާމިޒް

ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުގެ ޚަރަދުތައް ފޯރުކޮށްދެއްވުމުގައި ޤާނޫނުން ދައުލަތައް ލާޒިމްކުރާ ޒިންމާއަށް ދައުލަތުން އިހުމާލުވެފައިވާކަން ހިތާމަޔާ އަދި ކަންބޮޑުވުމާއެކު މިއޮފީހުން ފާހަގަ ކުރަމެވެ.

ޤާނޫން ނަމްބަރ 2009/9 ގެ 8 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން އޮފީސް ހިންގުމުގެ ޚަރަދުތައް ދައުލަތުން ދެއްވަން ވާނެ ކަމަށް ކަޑައަޅުއްވައި ބަޔާން ކޮށްފައިވަނީ “ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖްތަމާއަށް ފައިދާ ހުރި އިޖްތިމާޢީ މަސައްކަތެއް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިދެއްގައި، މަސައަކަތް ކުރާނެ އޮފީހަކާއި، މުއައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށް ޓަކައި، =/175000 (އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) އާއި ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައި ދޭންވާނެއެވެ”.

ރައީސް ނަޝީދުގެ އޮފީހުން ކުރައްވަން ހަމަޖައްސަވައިފައިވާ މުޖްތަމާއަށް ފައިދާހުރި އިޖްތިމާއީ މަސައްކަތް ތަކަކީ ޑިމޮކްރަސީ ކުރިއަރުވާ ތަރައްގީ ކުރުމަށް ކުރައްވާ މަސައްކަތްތަކެވެ.

މިއޮފީސް ހިންގުމުގެ ޚަރަދުތަކާއި އަދި ރައީސް ނަޝީދަށް ލިބިވަޑައިގަންނަވަންޖެހޭ އިނާޔަތްތައް އެންމެ ފުރަތަމަވެސް ދައުލަތުން ދެއްވާފައިވަނީ ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން އިސްތިއުފާ ދެއްވިތާ 4 މަސް ދުވަސް ފާއިތުވީ ފަހުން، އެކަމާމެދު މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީއަށް 30 އޭޕްރީލް 2012 ގައި ސިޓީއަކުން ދަންނަވައިގެންނެވެ. އެއަށްފަހު 4 މަހުގެ ޚަރަދުތައް ދެއްވައި އެޚަރަދުތައް ދެއްވުން މެދުކަނޑާލެއްވީ އޯގަސްޓް މަހު ދެއްވުމަށް ފަހުގައެވެ. މިކަމާމެދު ތަކުރާރުކޮށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީގެ އެކިފެންވަރުގެ މުވައްޒަފުންނާއި ވާހަކަ ދައްކައި މިނިސްޓަރާވެސް ވާހަކަ ދެކެވިފައިވާކަން ފާހަގަ ކުރަމެވެ. އަދި މިނިސްޓްރީން އެދިވަޑައިގެންނެވި އެންމެހައި މަޢުލޫމާތު މިއޮފީހުން 27 އޯގަސްޓް 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜެރީ އަށް ފޮނުވި ސިޓީގައި ފޯރުކޮށްދެވިފައިވާކަން ފާހަގަ ކުރަމެވެ. މިނިސްޓަރާ ވާހަކަ ދެކެވުނުއިރުގައި މިނިސްޓްރީން މިއޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ބޭނުންވެވަޑައިގަންނަވާކަމަށާއި އެކަމާ ގުޅޭ ސިޓީއެއް ފޮނުއްވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް މިނިސްޓްރީގެ ސިޓީ މިއޮފީހަށް ލިބިފައި ނުވެއެވެ. އަދި މިއޮފީސް ހުންނަ ތަން އެގިވަޑައިނުގަންނަވާ ކަމުގައާއި އެކަން އޮޅުން ފިލުއްވުމަށްވެސް މިއޮފީހަށް ސިޓީ ލިޔުއްވި ކަމަށާއި އެކަން ސާފު ނުވަނީސް ޚަރަދުތައް ދޫކުރެވެން ނެތް ކަމުގައި މީޑިޔާގައި މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެޑްރެސް އެގިވަޑައި ނުގަންނަވާ އޮފީހަށްކަށް ސިޓީ ފޮނުއްވިއަސް، އެސިޓީ އެއޮފީހަށް ނުލިބޭނެކަން ޤަބޫލުފުޅުކުރައްވަންޖެހޭނެއެވެ. މީގެ ކުރީގައި ދެއްވަމުން އައި ޚަރަދުތައް ކުއްލިގޮތަކަށް މެދުކަޑާލެއްވި ސަބަބެއް މިއަދާ ހަމައަށްވެސް މިއޮފީހަށް އަންގަވާފައި ނުވާކަން ދަންނަވަމެވެ. އަދި ޤާނޫނަކުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވަންޖެހޭ ޚަރަދުތައް ރައީސް ނަޝީދަށް ދެއްވަމުންގެންދަވާފައި އަދި އެޚަރަދުތައް މެދު ކަނޑާލެއްވީ ރައްޔިތުންގެ މަޖިލިހުން އަންގަވައިގެން ކަމުގައި އަގަބަހުން މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާއިރު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އެފަދައިން އަންގަވާފައި ނުވާކަން ފާހަގަކުރަމެވެ. އަދި މިކަމާމެދު މިނިސްޓަރާ އެކޮމިޓީން ސުވާލު ކުރައްވާފައިވެއެވެ.

އަދި ދަންނަވަމެވެ. ރައީސް ނަޝީދުގެ އެލައުވަންސް އާއި ހުންނެވުމުގެ ޚަރަދާއި އޮފީސް ހިންގެވުމުގެ ޚަރަދުގެ ޢަދަދުތަކަކީ ޤާނޫނުން ކަނޑައަޅާފައިވާ ޢަދަދުތަކަކަށްވާތީ މިޢަދަދުތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜެރީއިން ހަމައަށް ޖަމާ ނުކުރައްވާކަންވެސް ފާހަގަކުރަމެވެ.

މިއޮފީސް ހިންގުމުގެ ޚަރަދުތައް ފަރުވާތެރިކަމާއެކު ފޯރުކޮށްދެވިފައި ނުވާތީ އެކަމާ މެދު އޮފީހުން ކަންބޮޑުވަމެވެ. އަދި ދައުލަތް ހިންގެވުމުގައި ހަމަހަމަކަމާއި ޤާނޫނުތަކަށް އިޙްތިރާމް ކުރެއްވުމާއި އިޚްލާސްތެރިކަމާއެކު އެކަން ކުރެއްވުމަށް ސަރުކާރަށް މިއޮފީހުން އިލްތިމާސް ކުރަމެވެ.

1 ނޮވެމްބަރ 2012