ހއ. ވަށަފަރު ކައުންސިލް އަދި ރ. އިންނަމާދޫ ކައުންސިލްގެ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ލިޔެ އަޕްޑޭޓް ކުރީ: ރާމިޒް

ހއ. ވަށަފަރު ކައުންސިލް އަދި ރ. އިންނަމާދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 8 ނޮވެމްބަރ 2012 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުމަށް އެމްޑީޕީން މިއަދު ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ. ފެކްސްކުރައްވާނަމަ އެމްޑީޕީގެ މައި ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުމަށާއި، މެއިލް ކުރައްވާނަމަ elections@mdp.org.mv އަށް މެއިލް ކުރެއްވުމަށް އެމްޑީޕީން އެދެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި އެމްޑީޕީ އޮފީހުން ދޫކުރާނެ ކަމަށާއި، އަދި މިފޯމު އެމްޑީޕީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ޑައުންލޯޑްކުރެވޭނޭ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

މީގެ އިތުރުން މި ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް އެއް ކައުންސިލަކަށް، ޝަރުތު ހަމަވާ އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ލޯކަލް ކައުންސިލް އިންތިޚާބުގެ މި ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓުން ކަނޑައަޅާނީ އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން 10 ނޮވެމްބަރ 2012 ވާ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި ވެސް އެމްޑީޕީން ބުނެއެވެ.

ހއ. ވަށަފަރު ކައުންސިލް އަދި ރ. އިންނަމާދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ 16 ޑިސެމްބަރ 2012 ވާ ހޮނިހިރު ދުވަހު އެވެ.