ޑިމޮކްރަސީ އެއްގެ ހަގީގީ ބާރުވެރި ފަރާތަކީ ރައްޔިތުންނެވެ.

ލިޔުނީ : ޙަމްދޫން ރަޝީދު / ގދ. ނަޑެއްލާ އެމް.ޑީ.ޕީ މެދުމިން ގޮފީގެ ރަޢީސް
އަޕްޑޭޓްކުރީ: ރާމިޒް

ޑިމޮކްރަސީ މި ޖުމްލައަކީ ރައްޔިތުންގެ ފަރާތުން އުފެދިގެން އަންނަ ބާރަކަށް ކިޔާ ނަމެކެވެ. ޒަމާންވީ ދިވެހި މާޒީގެ ސަފްހާތަކުން މަދު ފަހަރަކު ނަމަވެސް ޑިމޮކުރަސީއެއްގެ ފޮނިމީރުކަން ދިވެހި އަފުރާދުންގެ ކަރުބުޑުގައި ލީނަމަވެސް ދިވެހި ޤައުމު ޑިމޮކުރަސީއަށް ކުރަމުން އަންނަ ދަތުރު ކޮންމެ ފަހަރަކު ވެސް ހުއްޓުވާލައި ސަމުގާ ބަދަލުކޮށްލަނީ ޑިމޮކްރަސީ ގެ އިދި ކޮޅު ނުވަތަ ޑިކްޓޭޓަރޝިޕް ނުވަތަ ހުދުމުހުތާރު އުސޫލުތަކަކީ މާފައިދާ ބޮޑު އުސޫލުތަކެއް ކަމުގައި ދެކޭ މަދުބައެއްގެ ހީލަތާއި އެކުގައެވެ. މުޙައްމަދު އަމީންގެ އަލް މުތަޤައްދިމް ޕާޓީ އުވި ދިޔައީ ވެސް މިފަދަ ސަބަބު ތަކަކާއި އެކުގައި ކަން ތާރީހް ހެކިވެއެވެ. އަދި އިބްރާޙިމް ނާސިރު ރަންނަ ބަނޑޭރި ކިލެގެ ފާނުގެ ވެރިކަން ނިމި ދިޔައީވެސް މިފަދަ ހީލަތުން ފުރިގެންވާ ރޭވުންތަކެއްގެ މަތީގައެވެ. ޒަމާނުއްސުރެ ދިވެހި ވެރިކަމުގެ ޝެހެން ޝާހަކީ ވަކި ބަޔަކު އެބަޔެއްގެ ތަރިކަ މުދާތަކަކަށް ހަދަން އުޅުނު ނަމަވެސް ދިވެހި އަފްރާދުންގެ މިލްކިއްޔާތެކެވެ.

ދިވެހި ޤައުމުގައި މޫލާފައިވި ޤަދީމީ ދިގު 30 އަހަރުގެ ވެރިކަމުގެ ޒަމާން ފެށިގެން އައީ ވަކި އާއިލާއެއްގެ މީހުންނަށް ދިވެހި މާލިއްޔަތާއި ދިވެހި ބައިތުލް މާލު ހުޅުވާލެވިފައިވާ ފަދަ ޖައްވެއްގައެވެ. ދިވެހި ބައިތުލް މާލުން ނުހައްޤު ގޮތުގައި އެތަކެއް ފައިސާތަކެއް ޤަދީމީ ވެރިކަމުގައި ނަގާފައިވާކަމީ ދިވެހިން ދަންނަ ހަޤީގަތެކެވެ. ނަމަވެސް 30 އަހަރުވީ ދިގު މާޒީގައި ވެސް ދިވެހީންގެ ތެރެއިން ގަދަ ހިތްވަރާއެކު މަސައްކަތް ކުރަމުން އައި ޑިމޮކުރަސީގެ އަބްތާލުންތަކެއް ރާއްޖެ އަށް ޑިމޮކުރަސީ ގެނައުމަށް ޓަކައި އެއްގޮތަށް ވުރެ ގިނަ ގޮތްތަކުން ދިވެހި ޤަދީމީ ވެރިކަމާއި ކުރިމަތި ލަމުން އައި ކަން ތާރީހުން ސާބިތުވާން އެބަހުއްޓެވެ. ސިޔާސީ ކުއްވެރިންތަކެއްގެ ގޮތުގައި ޖަލުގެ ތޭރިތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި ޑިމޮކުރަސީއަށް ޓަކައި ޤުރުބާނީތަކެއް ވަމުން އައި ހިތްވަރުގަދަ ފަހުލަވާނުން ތަކެއް ތިބިކަން ހެކިވެއެވެ.

ކޮންމެއަކަސް ޒަމާންވީ 30 އަހަރުގެ ވެރިކަމުގައި ވެރިކަމުގެ ނިޒާމަށް ފާޑު ކިޔުމަކީ ދިވެހިންގެ ސަޤާފަތުގައި އެއްގޮތަކަށްވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ވެރި މީހާއަށް ފާޑު ކިޔައިގެން ނުވާނެއެވެ. ސިޔާސަތުތަކަށް ކިތަންމެ ހިންހަމަ ނުޖެހުނަސް ތީމުގެއިން އޭރު ދެމުން އައި 200 ޑޮލަރަކީ ވެސް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހަކަށް ދެވޭ ދައުލަތުގެ ބޮޑު އެހީއަކަށް ވަނީ ވެފައެވެ. ނަމަވެސް ދިވެހި ރައްޔިތުމީހާއަށް ދެވެމުން ދިޔަ 200 ޑޮލަރުގެ ހަޤީގަތް ވެސް ހާމަވެގެން ދިޔައީ ތީމުގޭ އޮޑިޓް ރިޕޯޓާއި ގުޅިގެންނެވެ. ކެޔޮކޭވަރު އެގޭނީ ވެސް ބިތުފަންގި ނެގި ދުވަހުންނޭ ބުނެއުޅެނީ އެއީ ހަމަ އެކަން ހިނގާ އުސޫލް ކަމުގައި ވާތީއެވެ.

ކޮންމެއަކަސް ޒަމަންވީ ވެރިކަމުގެ ފަރުދާގެ ފުރަގަހުގައި ނާޖާއިޒް އެތައް ކަމެއް ހިނގަމުންދިޔަ އިރު ފަރުދާގެ އަނެއް ކަނުގައި ދިވެހި ދަރީންތަކެއް އައީ ޑިމޮކްރަސީއަށް ޓަކައި ގުރުބާނީތަކެއް ވަމުންނެވެ. ޓިނުގޮޅީގައި ހަޔާތުން ބައެއް ދުވާލައި ސުފުރާގެ ގޮތުގައި ފުޅިތޮށި ބައްލަވައި ގެންފައި ވަނީ ވެސް ހަމަ ކެތްތެރި ކަމާއި އެކުގައެވެ. ނަމަވެސް ފޮރުވިފައިވި މި ހަޤީގަތްތައް ހާމަ ކުރި ޤަދީމީ 30 އަހަރުގެ ޙަޤީޤީ މަންޒަރު މުޅި ދުނިޔެ އަށާއި ރާއްޖޭގެ ރައްޔިތުންނަށް ފެނި ދިޔަ ދުވަހަކީ ދިވެހިންގެ މަޝްހޫރު 12، 13 އެވެ. އެ ދުވަހަށް ފަހު ދިވެހި އެތަކެއް ރައްޔިތުންނަށް އޭރުގެ ލޮބުވެތި ރައީސްގެ ފޮރުވިފައިވި އަސްލު ސޫރަ ހާމަވިއެވެ. ދިވެހިން ޑިމޮކުރަސީއަށް ކުރިދަތުރަށް އިތުރު ހިތްވަރެއް ލިބި އާރޯކަމެއް ލިބުނެވެ. ކޮންމެ އަކަސް ކުރިން ފަރުދާގެ ފުރަގަހުގައި ހިގަމުން އައި އިސްލާޙި ހަރަކާތް އާއްމު ވެއްޖެ އެވެ. ދިވެހި ރައްޔިތުން ޤަދީމީ ވެރިކަމަށް ފަސްޖެހުމެއް ނެތި ފާޑު ކިޔަން ފެށިއެވެ. މި ހިތްވަރު ދިވެހީންނަށް ހޯއްދަވައިދެއްވީ ދިވެހި ޤައުމުގެ ޑިމޮކުރަސީގެ ބައްޕަ ގ. ކެނަރީގޭ މުޙައްމަދު ނަޝީދު ( އަންނި ) އެވެ. އެމަނިކުފާނުގެ ހިތްވަރާއި ފަންވަރުން ހިތްވަރު ލިބިގަތް އެތަކެއް ދިވެހި ދަރީންނެއް މިއަދު އެބަ ތިއްބެވެ.

ޤަދީމީ ވެރިކަމުގެ ފަރާތުން ރިފޯމިސްޓުންނަށް ތަފާތު ގޯނާތައްކޮށް އަނިޔާތައް ދެމުން ދިޔައެވެ. ޙާއްސަކޮށް މިހާރު އެމް.ޑީ.ޕީ ގެ ލީޑަރ ޝިޕްގައި ހިމެނޭ އިސް ފަރާތް ތަކަށާއި އެމް.ޑީ.ޕީ ގެ ކުރީގެ ރަޢީސުން ކަމުގައި ވާ މުނައްވަރާއި، އިބްރާޙިމް އިސްމާއިލް ފާހަގަ ކޮށްލެވެއެވެ. ގ. ކެނަރީގޭ މުޙައްމަދު ނަޝީދުގެ ނަން ފޮހެލުމަށްޓަކައި ޤަދީމީ ވެރިކަމުގެ ފަރާތުން ރޭއްވި ހާ ރޭވުންތަކެއް ފެނަށްވިއެވެ. ޓިނު ގޮޅިއަކަށް ލިޔަސް ފުޅިތޮށި ކާން ދިނަސް ﷲ ސުބުޙާނަހޫ ވަތަޢާލާ ދިރި ލަހައްޓަވާފައިވާ ފުރާނަފުޅެއް އެ ފުރާނައެއްގެ އަޖަލު ޖެހެންދެން ހުންނާނެ ކަމީ އިލާހީ ޤާނޫންކަން ކަށަވަރެވެ.

މި ލާއިންސާނީ އަނިޔާތަކާއި އެކު މި ރިފޯމިސްޓުންނަށް ސިޔާސީ ހިޔާވަހި ކަމަކަށް ބޭނުން ވުމާއިއެކު މޯލްޑިވިޔަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ ވުޖޫދު ވިއެވެ. މޯލްޑިވިޔަން ޑިމޮކުރަޓިކް ޕާޓީ ( އެމް.ޑީ.ޕީ ) އަކީ ހަޤީގަތުގައި އިސްލާހީ ހަރަކާތަކަށް ކިޔުނު ނަމެކެވެ. އެމް.ޑީ.ޕީ އަކީ ރިފޯމިސްޓުންގެ ޕާޓީއެވެ. ރާއްޖެ ރިފޯމް ކުރުމަށް ހާލަތު މަޖުބޫރު ކުރުވި ހިތަވަރުގަދަ ބަތަލުންގެ ޕާޓީ އެވެ. އެއަށް ފަހު ޤަދީމީ 30 އަހަރުގެ ވެރިކަމުގެ ހިމާޔަތުގައި ދިވެހި ރައްޔިތުންގެ ޕާޓީ އުފެދުނެވެ. ކޮންމެއަކަސް ޤަދީމީ ވެރިކަމަށް ބޭރުގެ ފިއްތުންތަކާއި ދާޙިލީ ހަމަނުޖެހުމުގެ ސަބަބުން ޤާނޫން އަސާސީ އިސްލާޙުކުރަން މަޖުބޫރު ވިއެވެ. އިސާހިތަކު ރައްޔިތުންގެ ޙާއްސަ މަޖިލިސް އެއްކުރެވި ޤާނޫން އަސާސީ އިސްލާޙު ކުރެވި ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްޤާއި ބަސްބުނުމުގެ ހައްޤާއި ހިޔާލް ފާޅު ކުރުމުގެ ހައްޤު ދިވެހިންނަށް ލިބިއްޖެއެވެ. ދިވެޙިން ކަސްތަޅުތަކުން މިނިވަންވެ ސިޔާސީ މިނިވަންކަން ލިބިގެން ދިޔައީ ހަޤީގަތުގައި 07 އޮގަސްޓް 2008 ގައެވެ.

ދެންނެވުނު ދުވަހަކީ ދިވެހިން މިއަދު މިދެކޭ ޤާނޫން އަސާސީ ތަސްދީޤު ކުރެވުނު ދުވަހެވެ. މާކަ ގިނަ ދުވަސްތަކެއް ނުވަނީސް އިސާހިތަކު ރިޔާސީ އިންތިޙާބު އިޢުލާން ކުރެވިއްޖެއެވެ. އިސްލާޙު ކުރެވުނު ޤާނޫން އަސާސީގައި އެތަކެއް ހައްޤުތަކެއް ލިބިދީފައިވީ ނަމަވެސް ޤާނޫން އަސާސީ ތަސްދީގު ވީތާ މާކަގިނަ ދުވަސްތަކެއް ނުވަނީސް ޤާނޫން އަސާސީ އާއި ހިލާފަށް ބޮޑު ނިންމުމެއް ނިންމާލީ އަނެއްކާވެސް ޤަދީމީ ވެރިކަމުގެ ދިފާޢުގައެވެ. ޤާނޫން އަސާސީ ގެ ހަތަރު ވަނަ ބާބުގެ 107 ވަނަ މާއްދާ އާއި ހިލާފަށް ރަޢީސް މައުމޫން އަށް އަނެއްކާވެސް ވެރިކަމަށް ކުރިމަތި ލެވޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ހަޤީގަތުގައި އަޅުގަނޑުގެ ނަޒަރުގައި ފުރަތަމަ ފަހަރަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީ ނުވަތަ ފެހި ޤާނުން އަސާސީ އުލު ބޭންދުމެވެ. 07 އޮގަސްޓް 2008 ގައި ތަސްދީޤު ކުރެވުނު ޤާނޫން އަސާސީ އަކީ ކުރީގައިވެސް ރާއްޖޭގައި އަމަލު ކުރެވެމުން އާއި ޤާނޫން އަސާސީއެވެ. ހަމައެކަނި ޤާނޫން އަސާސީ އަށް ގެނެވުނު ބަދަލަކީ ޤާނޫން އަސާސީ އިސްލާޙު ކުރުމެވެ. އެހެން ކަމުން ޤާނޫން އަސާސީގެ 107 ވަނަ މާއްދާގައި ދެންނެވިފައި ވާ އުސޫލް ތަކުގެ ބޭރުން ޤަދީމީ 30 އަހަރުގެ ވެރިޔާ މައުމޫން އަބްދުލް ޤައްޔޫމް އަނެއްކާވެސް އާދައުރަކަށް ކުރިމަތި ލެއްވުމަށް ސްޕްރީމް ކޯޓުން ކުރެއްވި ހުކުމަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވުނު މިނިވަންކަން ނެތިކޮށްލުން ފަދަ ކަމެކެވެ.

ކޮންމެއަކަސް ވާދަވެރި ރިޔާސީ އިންތިޙާބުން ﷲ ގެ ވާގިފުޅާއެކު މަޢުމޫން އަބްދުލް ޤައްޔޫމް ބަލިވެ ދިޔަ ކަމުގައި ވީނަމަވެސް ޤަދީމީ ވެރިކަމުގެ މޫތައް ސަރުކާރުގެ ހުރިހާދިމާލެއްގައި ވަކިހިއްޕާފައި ވުމުގެ ސަބަބުން ރާއްޖޭގައި 11 ނޮވެމްބަރ 2008 (އަންގާރަ) ދުވަހު އުފެދުނު އެމް.ޑީ.ޕީ އިއްތިހާދުގެ ވެރިކަން ދަމަހައްޓަން ތަފާތު އުދަގޫތައް އެކި ދިމަދިމާލުން އައީ ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ތެރެއިން ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ތިބޭ ސިވިލް ސާވިސް މުވައްޒަފުންނާއި ކޯޕަރޭޝަންތަކާއި ޔުޓިލިޓީޒް ތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ޤަދީމީ 30 އަހަރުގެ ފިކުރުގެ މުވައްޒަފުންގެ ބަރުހެލި މަސައްކަތުގެ ސްޕީޑުގެ ސަބަބުން ސަރުކާރުން ބޭނުންވާ ސްޕީޑްގައި ރައްޔިތުންނަށް ހިދުމަތް ކުރަން އުދަގޫވި ކަމީ އަމަލީ ގޮތުން ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރަން އުޅުނު ކޮންމެ މުވައްޒަފަކަށްމެ އެނގި ހާމަވާ ކަމެކެވެ. ޙުދު އަޅުގަނޑު ވެސް މިކަން ތަޖުރިބާ ކުރީ ނުހަނު ކަންބޮޑުވުމާއި އެކުގައެވެ. ސަރުކާރު ހިންގުމަށް ކުރިމަތި ކުރުވި އަނެއް ނުރައްކަލަކީ ދައުލަތުގެ 3 ބާރު ހިމެނޭއިރު ޤާނޫން ހަދާ ބާރުގެ އަޤުލަބިއްޔަތު ރައްޔިތުން އިދިކޮޅު ފަރާތްތަކަށް ދިނުމާއި ދައުލަތުގެ އަނެއް ބާރު ކަމުގައި ވާ ޖުޑިޝަރީ ގަދީމީ 30 އަހަރުގެ ފިކުރުގެ ހާއްޔަކަށް ވުމެވެ. ޤާނުން ހަދާ ބާރުގެ ފަރާތުން ހަދަންޖެހޭ ޤާނުންތައް ހެދުމުގެ ބަދަލުގައި ފެންނަމުން ދިޔައީ ސަރުކާރު ހުއްޓުވުމަކަށް ގެނައި މަންޒަރެވެ. ދައުލަތުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތަކުގައި 3 އަހަރު ދުއްވާލި ތަނެވެ.

ރާއްޖޭގެ ނިސްބަތުން އެންމެ ތަޢުލީމީ ޤާބިލް ވަޒީރުން މިހާތަނަށް ތިއްބެވީ ރައީސް ނަޝީދުގެ ކެބިނެޓުގައި ކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. މުޅި ކެބިނެޓުގައި ގިނައީ ޕީ.އެޗް.ޑީ ނުވަތަ މާސްޓަރސް މީހުންނެވެ. ނަމަވެސް 3 އަހަރު ނިމިދިޔަ އިރު އަޅުގަނޑުމެންނަށް ފެންމުން ދިޔައީ ފަހަރަކު މީހެއް ފަހަރަކު މީހެއް އިތުބާރު ނެތްކަމަށް ފާސްކޮށް މުޅި ވަޒީރުންގެ މަޖިލިސް އެގޮތް މިގޮތަށް އަނބުރާލާ ސަރުކާރުގެ މަސައްކަތްތައް ހުއްޓުވާލި މަންޒަރެވެ. ނުވަތަ ނިޒާމީ ނުކުތާއެއްގައި ޖަލްސާ ނިމިދާ މަންޒަރެވެ. ނުވަތަ ކޮންމެވެސް މާރާމާރީއެއްގައި މަޖިލިހުގެ ފުލޯ ހޫނުވެ ޖަލްސާ ނިންމާލާ މަންޒަރެވެ. ޤާނުން ހަދާ ބާރުން މި މޭރުމުން ކަން ކުރްއްވަމުން ގެންދެވި އިރު ދެން ފެންނަމުން ދިޔައީ އަދުލު އިންސާފް ޤާއިމް ކުރުމުގެ ބާރުން ސަރުކާރަށް ޖެއްސުން ކުރަމުންދިޔަ މަންޒަރެވެ. ހެލްތު މިނިސްޓަރު ޒިންމާދާރު ކުރުމަށް ކަމަށް ބުނެ ކުއްވެރިޔަކު ދޫކޮށްލުމުގެ އިތުރުން މުޖުތަމަޢުގައި ބޮޑެތި ޖަރީމާތައް ހިންގަމުން ދިޔަ ކުއްވެރިން ހެކި ސާބިތު ނުވާ ކަމުގައި ބުނެ ދޫކުރަމުން ދިޔައިރު ޤަދީމީ 30 އަހަރުގެ ވެރިކަމުގައި ރައްޔިތުންގެ ބައިތުލްމާލު ދަވާލި މުޖުރިމުންގެ މައްސަލަތައް ދިގުދަންމަވަމުން ދިޔަ ކަމީ ފެންނާންހުރި ހަޤީގަތެކެވެ. މި ކަންކަމުގެ ތެރޭގައި ހިގައި ދިޔަ އަނެއް ކަމަކީ ޖުޑިޝަލް ސާވިސް ކަމިޝަނުން ފަނޑިޔާރުން އެއްވެސް ތަޢުލީމީ ފެންވަރަކާއި ނުލައި އުމުރަށް ދާއިމީ ކުރުމެވެ. ޤާނޫން އަސާސީ ގައި ރައްޔތުންނަށް ލިބިދެވެންޖެހޭ މިނިވަން އިންސާފުވެރި ފަންޑިޔާރު ގޭގެ ބަދަލުގައި ގަދީމީ ފަންޑިޔާރުގެއެއް ޤާއިމް ކުރެވުނެވެ. 18 ވަނަ ގަރުނުގެ އުސޫލް ތަކުގެ މަތީގައި 21 ވަނަ ގަރުނުގެ ކަން ކަނ ހިގައި ދާނެ ބާވައެވެ. ފަނޑިޔާރު ގޭގޭ ހަޤީގަތަކީ ފަންޑިޔާރު ކައިރިޔަށް ހާޒިރުކުރެވޭ ކުއްވެރިޔާގެ ވަކީލަކީ މާސްޓަރސް ނުވަތަ ޕީ.އެޗް.ޑީ ބޭފޫލަކަށް ވާއިރު ފަނޑިޔާރު މަނިކުފާނުގެ ތަޢުލީމީ ފެންވަރކީ ގުރޭޑް 7 ނިންމައި ޤާނޫނީ ވަކީލު ކަމުގެ ސަނަދު އެކަންޏެވެ. މި އީ މި ޤައުމުގެ ޖުޑިޝަރީގެ ހާލަތެވެ. އިންސާނީ ވަސީލަތް ތަރައްޤީވަމުން އަންނަ މިންވަރަށް ޤައުމުގެ އިންސާނީ ވަސީލަތް ތަރައްޤީ ނުކުރެވުމުގެ ސަބަބުން ޤައުމު ހިންގުމުގެ 3 ބާރުގެ ތެރެއިން 1 ބާރު ފެއިލް ވީއެވެ. މި ކަމަކީ ބަޔަކު ގަސްތުގައި ހިންގާފައިވާ ޖަރީމާއެކެވެ. ކޮޓަރިއެއްގެ ތެރޭގައި ރޭގަޑެއްގެ އިރު އޮސެމުން ދިޔަ ވަގުތު މަޢުރިބް ނަމާދާއި އިޝާ ނަމާދާއި ދެމެދު ހުވާ ކުރައްވާފައިވާ މި ފަނޑިޔާރުން ހަޤީގަތުގައި ހުވާ ކުރައްވާފައިވަނީ ޤާނޫން އަސާސީ އާއި ހިލާފަސެވެ. މި ޖަރީމާއަކީ ރައްޖޭގައި 07 އޮގަސްޓް 2008 ގައި ތަސްދީގު ކުރެވުނު ޤާނޫނު އަސާސީ 2 ވަނަ ފަހަރަށް އުލު ބޭންދުން ކަމުގައި އަޅުގަނޑަށް ދަންނަވަން ކެރި ދާނެއެވެ. ރާއްޖޭގެ ޑިމޮކުރަސީ ނެތި ކޮށްލުމަށް އެޅުނު 2 ވަނަ ފިޔަވަޅެވެ. ބަޢާވާތުގެ ހަޤީޤީ ބަޢާވާތެވެ.

ދިވެހި ރާއްޖޭގެ ރައްޔިތުން އިންތިޙާބު ކުރި ވެރިކަން ނިމިދިޔުމަށް މެދުވެރިވި މައިގަނޑު ސަބަބެއް ކަމުގައި އާޢްމުންގެ ލޮލުގެ ކުރިމައަޗަށް ފެންނާން އޮތް ހަޤީގަތަކީ ކުރިމިނަލް ކޯޓުގެ އިސްޤާޒީ އަބްދުﷲ މުޙައްމަދެވެ. އަބްދުﷲ މުހައްމަދަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ފުލުހުންގެ ފޮރެންސިކް ޑިޕާޓުމަންޓުން ސަރުކާރުގެ ސަމާލު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ފަހު ޤައުމީ ދިފާޢީ ބާރުތަކުން އަބްދުﷲ މުހައްމަދު މުޖުތަމަޢު އިން އެކަހެރި ކުރިއެވެ. ނަމަވެސް ސިޔާސީ ބޭނުމަކަށްޓަކައި އަބްދުﷲ މުޙައްމަދުގެ ހިމާޔަތުގައި ކަމުގައި ބުނެ އެހެން ނަމަވެސް އަބްދުﷲ މުޙައްމަދަކީ އެފަދަ ބޭފުޅެއްކަން ޤަބޫލް ކުރައްވާ ޑރ. ހަސަން ސަޢީދު ފަދަ ބޭބޭ ފުޅުން ނިކުމެ ވަޑައިގެން ފަރުދާގެ ފުރަގަހުގައި ޤަދީމީ 30 އަހަރުގެ ޑިކްޓޭޓަރ މައުމޫން ހުންނަވައި ކޮމާންޑް ސެންޓަރުގައި އުމަރު ނަސީރު އިންނަވައި ބަޤާވާތުގެ މޭސްތިރިން ސީދާ ހަރަކާތުގައި ތިއްބަވައިގެން ދީނީ ކުރުތާ ތުރުކުރައްވައިގެން އެހެން ނަމަވެސް ދީން ސިޔާސީ އައްޑަނައަކަށް ބޭނުން ކުރައްވާ ލާރިއަށް ވިކޭ ޝޭޚުން އިސްކޮށް ހަރަކާތްތެރިވެ ދީނުގެ ނަމުގައި ސިޔާސީ ލީޑަރުން ބައިވެރިވެގެން ފަރުދާގެ ފުރަގަހުގައި ޚުދުމުޚްތާރު ވެރިޔާ ހުންނަވައި ރާޢްޖޭގެ ރައްޔިތުން އިންތިޙާބު ކުރި ވެރިކަން 07 ފެބުރުއަރީ 2012 ގައި ފިރުކާލި އެވެ.

ދީނީ ހަމަތަކުން ޝާފިޢި މަޒުހަބުގެ އުސޫލުތަކުން ބަލާ ނަމަ 07 ފެބުރުރުއަރީ 2012 ގައި ހިގައި ދިޔައީ ބަޢާވާތެއް ކަމުގައި ދީނީ ގިނަ ދަންނަ ބޭކަލުން އިއްތިފާޤު ވެއެވެ. ޤާނޫނުއަސާސީގެ ބާރު މަޑުމަޑުން ކަނޑުވާލަމުން އައިސް މިއަދު މިވަނީ ޤާނޫނީ ފުސްކަމެއްގެ ތެރެއަށް ޤައުމު ވެއްޓިފައެވެ. ޑިމޮކުރަޓިކް ޤާނޫން އަސާސީ އެއްގެ ދަށުން ބާރު ވެރި ވާނީ ރައްޔިތު މީހާތޯ ޚުދުމުޚްތާރު ގޮތުގައި ވެރިކަންކުރި މީހާތޯ މިއަދު ސުވާލު އުފެދެއެވެ. ނޫނީ ރައްޔިތުންގެ މެޖޯރިޓީ އަށް ވުރެ ބަޢާވާތް ކުރަން ބޭނުންވާ ބައެއްގެ ބާރުގަދަ ވެދާނެ ކަމާއި މެދު ސުވާލު އެފެދެއެވެ. 07 ފެބުރުރުއަރީ 2012 އަށް ފަހު ހިނގާމިދަނީ ޑިމޮކުރަޓިކް ވެރިކަމެއްތޯ ސުވާލު އުފައްދާ ރައްޔިތުން އެބަ ތިއްބެވެ. ޑިމޮކުރަޓިކް ވެރިކަން އުފެދި އަންނަ ގޮތް އޮޅުންފިލުވާލަން ބޭނުންވާ ރައްޔިތުން މަދެއް ނޫނެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި ޑިމޮކްރަޓިކް ވެރިކަމެއް އުފެދިގެން އަންނާނީ ރައްޔިތުންލާ ވޯޓު ކަރުދާހަކުންނެވެ.