އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ހޯރަފުއްޓަށް ވަޑައިގެންފި

ލިޔުނީ: ރާމިޒް
އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ހއ.ހޯރަފުއްޓަށް ވަޑައިގެންފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވެފައިވާ ހއ. ހޯރަފުށީގެ އާންމު ހާލަތު ބައްލަވާލެއްވުމަށާއި، އެރަށު ރައްޔިތުންނަށް އެމްޑީޕީން އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތަކީ ކޮބައިތޯ ބައްލަވާލެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ ޚާއްސަ މަންދޫބެއްގެ ގޮތުން މޫސަ މިއަދު ހެނދުނު ހޯރަފުއްޓަށް ވަޑައިގެން އެރަށުން އެންމެ ބޮޑަށް ގެއްލުންވެފައިވާ ގޭގެއަށް ޒިޔާރަތް ކުރައްވައި އެ އާއިލާތަކާއި ބައްދަލުކުރައްވައި ހާލަތު ބައްލަވާލެއްވިއެވެ.

ހޯރަފުށީގައި ހުންނަވައިގެން މޫސަ “އެމްޑީޕީ ވެބްސައިޓަށް” ވިދާޅުވީ ހޯރަފުއްޓާއި، މި ވިއްސާރައިގައި ގެއްލުން ލިބުނު އެހެން ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭރުގެ އެހީ އަވަސް ކުރުމަށް މިހާރު ވެސް އެމްޑީޕީން މަސައްކަތް ފަށާފައިވާ ކަމަށެވެ.

މޫސަ ހޯރަފުއްޓަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެމްޑީޕީގެ އަމީންއާންމުގެ ނައިބު އަހުމަދު އަކުރަމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ވިއްސާރައިގައި ހޯރަފުށީގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ވުރެ ބޮޑަށް ފެންބޮޑުވެ 100 އަށް ވުރެ ގިނަ ގޭގެއަށް ފެންވަދެ އެ ގެތަކުގައި ހިފާގެންގުޅޭ ސާމާނާއި، އިލެކްޓްރިކް ސާމާނާއި ފަރުނީޗަރުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ އޭގެ ތެރެއިން ގިނަ ގޭގޭގައި ދިރިނޫޅެވޭވަރަށް ވަނީ ގެއްލުންވެފައެވެ.