ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ރޭ ވެސް ހިމޭން މުޒާހަރާއެއް ކޮށްފި

ލިޔުނީ: ރާމިޒް
އަޕްޑޭޓްކުރީ: ރާމިޒް

ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ރޭ ވެސް މާލޭގެ މަގުތަކުގައި ހިމޭން މުޒާހަރާއެއް ކޮށްފިއެވެ.

“ފަނޑިޔާރުގެ ވެސް މިނިވަން ކުރެވޭނެ! މަޖިލީހަށް އެންމެ ވެސް ހާޒިރުކުރެވޭނެ!” މި ޝިއާރުގެ ދަށުން އަންގާރަ ދުވަހުގެރޭ އެމްޑީޕީން، އެޕާޓީގެ މައި ސެކްރެޓޭރިއަޓް ކުރިމަތިން ފެށި ހިމޭން މުޒާހަރާ ރޭ ވެސް ފަށާފައިވަނީ ހަމަ އެސަރަހައްދުންނެވެ. މި މުޒާހަރާ ހިނގަމުންދިޔަ އިރު ފުލުހުން ވަނީ ކުރީރެއެކޭ އެއް ގޮތަށް، މުޒާހަރާގެ ބައިވެރިންނަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބައެއް މަގުތައް ބްލޮކްކޮށްފައެވެ.

ރޭ 9 ޖެހިއިރު ފެށި މި މުޒާހަރާ ގައި އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނާއި، އެ ޕާޓީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ގިނަ ފަރާތްތަކުން ބައިވެރިވެފައިއެވެ.

އެމްޑީޕީ ސަރުކާރުގެ ބައެއް ކެބިނެޓް މިނިސްޓަރުންނާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވެސް ބައިވެރިވި މި މުޒާހަރާގެ ބައިވެރިން ވަނީ ސިޔާސީ ފައިދާއަށް އަދުލު އިންސާފް ނައްތާނުލުމަށް ގޮވާލާފައެވެ. އަދި ފަނޑިޔާރުގެ ޚަރާބުކޮށްގެން އެކަކަށް ވެސް ފައިދާއެއް ނެތް ކަމަށާއި، އެކަމުން މުޅި ގައުމަށް އޮތީ ގެއްލުން ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައެވެ. މީގެ އިތުރުން ފަނޑިޔާރުގެ ހިސާރުކޮށް ފަނޑިޔާރުން ލައްވާ ގޯނާކުރުން ހުއްޓާލުމަށާއި، ހުޅުމާލެ ކޯޓު ކަމަށް ބުނާ ތަނަކީ ޣައިރު ގާނޫނީ ކޯޓެއް ކަމަށާއި އެ ކޯޓު ވަގުތުން އުވާލުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.