ޑިޒާސްޓާއާ ބެހޭ ކޮމިޓީއެއް ހަދައި ޑިޒާސްޓާ އަށް ވަކި ބަޖެޓެއް ހާއްސަކުރުން މުހިންމު. އެފަދަ ހުށަހެޅުމެއް އަޅުގަނޑު ހުށަހަޅާނަން- އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު

ލިޔުނީ: ރާމިޒް
އަޕްޑޭޓް ކުރީ: ރާމިޒް

ޑިޒާސްޓާއާ ބެހޭ ކޮމިޓީއެއް ހަދަން ޖެހިއްޖެ ކަމަށާއި، ޑިސާސްޓާއަށް ވަކި ބަޖެޓެއް ހާއްސަކުރުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާތީ އެފަދަ ހުށަހެޅުމެއް މަޖިލީހަށް ހުށަހަޅުއްވާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރީކޯ މޫސަ ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ޑިސާސްޓާ އާ ބެހޭ ކޮމިޓީތައް އޮންނަ ކަމަށެވެ. އަދި އެކަމަށް ވަކި ބަޖެޓެއް ޚާއްސަކޮށްގެން އެ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުގެ ބެލުމުގެ ދަށުން ހަރަދުކުރާ ފައިސާ އަށް ހަދަންޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

އިންޑޮނޭޝިޔާ ގައި މި މަހުގެ 22 އިން 26 ގެ ނިޔަލަށް ކުރިޔަށްގެންދިޔަ މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިސާސްޓަރ ރިސްކް ރިޑަކްޝަން ގައި ވެސް މޫސަ ވަނީ 2015 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ޑިސާސްޓަރ އާއި ބެހޭ ޤާނޫނެއް އެކުލަވާލައި، އެ ޤާނޫނު 2015 ވަނަ އަހަރުގެ ކުރިން ފާސްކުރުމަށް ގޮވާލުމާއި، ހުރިހާ ގައުމެއްގެ ވެސް އަހަރީ ބަޖެޓް ފާސްކުރާއިރު، ކާރިސާތަކަށް ހަރަދުކުރާނެ ކޮންމެވެސް އަދަދެއްގެ ފައިސާ ކޮންމެ އަހަރަކު ވެސް ރައްކާ ކުރެވޭ ގޮތަށް ބަޖެޓް ގައި ހިމެނުމަށާއި، އަހަރުން އަހަރަށް އެ ފައިސާ ރައްކާކޮށްފައި ބެހެއްޓޭ ގޮތް ހެދުމަށް ގައުމުތަކުން އެއްބަސްވުމަށް ހުށަހަޅުއްވާފައެވެ.

ޑިސާސްޓާ އާއި ބެހޭ ކޮމިޓީއެއް ހެދުމަށް މޫސަ ގޮވާލައްވާފައިވާ އިރު، ވިއްސާރަވުމުގެ ސަބަބުން މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްރަށަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. އަދި މިގެއްލުންތަކާ ގުޅިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވެސް ވަނީ އެމަނިކުފާނު އެރަށްރަށުގެ ރައްޔިތުންނާއެކުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުގެ ނޭދެވޭ އަސަރާއި އިންތިހާއަށް ކުރިމަތިލުމަށް މަޖުބޫރުވެފައިވާ މިރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ގެއްލުން ކުރިމަތިވެ، ދަތުރުފަތުރާއި މުޢާސަލާތާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ހިންގުންތަކަށް ވަނީ ބުރޫއަރާފައި ކަމަށާއި، މިއެންމެހާ ގެއްލުންތަކަށްވުރެ ބޮޑު ގެއްލުމަކީ ރައްޔިތުންގެ ނަފްސާ ގެދޮރާއި މުދަލަށް މީގެ އަސަރު ނިހާޔަތަށް ފޯރާފައިވުން ކަމަށް ވިދާޅުވެ، އަދި ވަކިން ޚާއްސަކޮށް ހއ. ހޯރަފުއްޓާއި، ބާރަށާއި، ހަނިމާދޫ އާއި އައްޑޫ ސިޓީގެ ހުޅުދޫ އާއި ފޭދޫ އަދި ޏ. ފުވައްމުލަކަށް ލިބުނު ގެއްލުން އެތައް ގުނައަކުން ބޮޑުކަން ރައީސް ނަޝީދު ފާހަގަކުރައްވާފައިވެ އެވެ.

މީގެ އިތުރުން މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ހާލުގައި ޖެހިފައިވާ ރަށްރަށަށް ކޮންޓިންޖެންސީ ބަޖެޓުން އެހީތެރިވުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރ އަބުދުލް ޣަފޫރު މޫސާ ވެސް މިއަދު ވަނީ ގޮވާލައްވާފައެވެ.