ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ބާއްވާ ހިމޭން މުޒާހަރާ މިރޭ 8.15 ގައި އެމްޑީޕީ އޮފީސް ކުރިމަތިން ފެށޭނެ

ލިޔުނީ: ރާމިޒް
އަޕްޑޭޓްކުރީ: ރާމިޒް

ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ބާއްވާ ހިމޭން މުޒާހަރާ މިރޭ 8.15 ގައި އެމްޑީޕީ އޮފީސް ކުރިމަތިން ފެށޭނެއެވެ.

ސޯސަން މަގުގައި ހުންނަ އެމްޑީޕީ މައި އޮފީސް ކުރިމަތިން ފެށޭ މި މުޒާހަރާ ގައި އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވެދެއްވުމަށް އެމްޑީޕީން އެދެއެވެ.

“ފަނޑިޔާރުގެ ވެސް މިނިވަން ކުރެވޭނެ! މަޖިލީހަށް އެންމެ ވެސް ހާޒިރުކުރެވޭނެ!” މި ޝިއާރުގެ ދަށުން މިރޭ އެމްޑީޕީން ބާއްވާ މުޒާހަރާއަށް ހާޒިރުވާ ފަރާތްތަކުން، މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވާތީ ކުޑަ އާއި ވިއްސާރަ ކޯޓު ގެންދިއުމަށް އެމްޑީޕީން އިލްތިމާސްކުރެއެވެ.

ފަނޑިޔާރުގެ މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީން މިރޭ މުޒާހަރާކުރާއިރު ރޭ ވެސް އެމްޑީޕީން ވަނީ ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލައި މާލޭގެ ބޮޑެތި މަގުތަކުގައި ހިމޭން މުޒާހަރާއެއް ކޮށްފައެވެ.

އެމްޑީޕީ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ވެސް އެޕާޓީން ވަނީ އަދުލުގެ އިންސާފުގެ ދާއިރާ މިނިވަން ކުރުމަށް “އިންސާފުގެ ދަތުރު”ގެ ނަމުގައި ބޮޑު ކެމްޕެއިނެއް ކުރިޔަށް ގެންގޮސްފައެވެ.