އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލާފައިވާ އެމްޑީޕީ މެންބަރުން ތައާރަފްކުރުމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ބާއްވާ ޖަލްސާ މިރޭ ދަރުބާރުގޭގައި އޮންނާނެ

ލިޔުނީ: ރާމިޒް
އަޕްޑޭޓްކުރީ: ރާމިޒް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލާފައިވާ އެމްޑީޕީ މެންބަރުން ތައާރަފްކުރުމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ބާއްވާ ޖަލްސާ މިރޭ ދަރުބާރުގޭގައި އޮންނާނެ އެވެ.

މިރޭ 8.30 ގައި ދަރުބާރުގޭ ދޮށިމޭނާ މާލަމް ގައި ފަށާ މި ޖަލްސާ ގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހުމަދު އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު އަދި އެޕާޓީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމދު ޢަބްދުލް ޣަފޫރާއި، އެމްޑީޕީ ސަރުކާރުގެ ހެލްތު މިނިސްޓަރ ޑރ.އާމިނަތު ޖަމީލްގެ އިތުރުން އެމްޑީޕީ ސަރުކާރުގެ މެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ ވާހަކަފުޅުދައްކަވާނެއެވެ. އަދި މާލެ ދާއިރާތަކަށް ކުރިމަތިލާފައިވާ އެމްޑީޕީގެ އަންހެން މެންބަރުން ތައާރަފްކުރުން ވެސް މިރޭގެ ޖަލްސާ ގައި އޮންނާނެއެވެ.

“މިރޭގެ ޖަލްސާ އަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ދާއިރާތަކަށް ކުރިމަތިލާފައިވާ އެމްޑީޕީގެ އަންހެން މެންބަރުން ތައާރަފްކުރުމަށާއި، އައްޑޫ ސިޓީ އާއި އެހެނިހެން ދާއިރާތަކުގެ އަތޮޅުތަކާއި ރަށްތަކުގެ އަންހެނުންގެ ކޮމިޓީތަކަށް ކުރިމަތިލާފައިވާ އެމްޑީޕީ ފިކުރުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބާއްވާ ޖަލްސާއެއް. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕީ ފިކުރުގެ 533 ކެންޑިޑޭޓުން ކުރިމަތިލާފައި ވާތީ، އަޅުގަނޑު ދާއިރާގެ ރައީސުންގެ ކިބައިން ވަރަށް ބޮޑަށް އެދެން މިހާރަށްވުރެ ވެސް ބޮޑަށް އަޅުގަނޑުމެންނަށް އެއްބާރުލުންދީ މި ކޮމިޓީތަކަށް އެމްޑީޕީގެ މެންބަރުން ހޮވައިދިނުމަށް މަސައްކަތްކުރުމަށް.” އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހުމަދު ވިދާޅުވިއެވެ.

ޝިޔާމާ އިތުރަށް ވިދާޅުވީ 28 ސެޕްޓެމްބަރުން ފެށިގެން 9 އޮކްޓޯބަރުގެ ނިޔަލަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މާލޭގެ 6 ދާއިރާއަކާ އެކު އެމްޑީޕީގެ 46 މެންބަރުން އިންތިޚާބަކާ ނުލައި، ހޮވިފައިވާ ކަމަށެވެ. އަދި 46 ރަށަކުން އެއިންތިޚާބަށް ކުރިމަތިލާފައި ނުވާތީ އަލުން އެރަށްތަކުގެ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެހެން ކަމުން އެރަށްރަށުގެ ކޮމިޓީތަކަށް ވެސް އެމްޑީޕީގެ މެންބަރުން ލައްވާ ކުރިމަތިލުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ.

މި ޖަލްސާ ރާއްޖެޓީވީން ވަގުތުން ދުރަށްދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 7ގަ އެވެ.