މެންބަރުންގެ ޚިޔާލު: މުސީބާތާއި ހިތާމަތަކާއި ބިރުވެރި ކަމުން ފުރިގެންވާ އަހަރެކެވެ!

ފުނަމާ
އަޕްޑޭޓް ކުރީ: ރާމިޒް

2004 ވަނަ އަހަރުގެ ތެރޭގައި ދިވެހި ރާއްޖޭގައި އޮތް ޒަމާންވީ އަނިޔާވެރިކަމާ އިދިކޮޅަށް ދިވެހި މުސްލިމު އަޚުންނާއި އުޚުތުންގެ ތެރެއިން ގިނައަދަދެއްގެ ބަޔަކު ނުކުމެ އަޑުއުފުލަމުން ގެންދިއުމާއި ގުޅިގެން އެއިރު ވެރިކަމުގައި ހުރި ޖައްބާރު އަނިޔާވެރިޔާ، އިސްލާހަށް މަސައްކަތްކޮށް އަޑުއުފުލަމުން ގެންދިޔަ އެންމެން ހިފައި ހައްޔަރު ކުރުމަށް ރޭވުންތައް ރާވައި މުޅިމާލެ އަލިފާނުގެ ތެރެއަށް އެއްލާލުމަށްފަހު އެޖަރީމާތައް އިސްލާހަށް މަސައްކަތް ކުރި މީހުންގެ ބޮލުގައި އަޅުވައި އިސްކޮށް އުޅުނުހައި ބަޔަކު ހިފައި ހައްޔަރުކޮށް އަނިޔާވެރި ވެރިޔާގެ މުށުތެރޭގައިއޮތް ޝަރުޢީ ދާއިރާ މެދުވެރިކޮށް އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ދިޔައީ ތައްޔާރު ވަމުންނެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން އިސްލާހަށް މަސައްކަތް ކުރަމުން ގެންދިޔަ މީސްތަކުންގެ ތެރެއިން މިކަމާ އިދިކޮޅުވީ ގިނަމީހުންނަށްވެސް ޖެހުނީ ޖައްބާރު ވެރިމީހާގެ އަނިޔާވެރި ކަމުގެ ސަބަބުން އަރަކާތް ހުއްޓި ތިބޭށެވެ. ބައިނަލް އަގުވާމީ ދުނިޔެ މިކަމާ އިދިކޮޅަށް އަޑު އުފުލި ނަމަވެސް ” ނޯވަން އިޒް އެބޯވް ދަ ލޯ ” އޭ ފަދަ އަރަތްތައް ކިޔާލަ ކިޔާލަ އެއިރުގެ ޖައްބާރު ވެރިޔާ ކަހާތަން ހިރުވައިވެސް ނުލައި ގެންދިޔައީ އިސްލާހަށް މަސައްކަތް ކުރަމުން ގެންދިޔަ އެންމެހައި މީސްތަކުން ހިފައި ހައްޔަރުކޮށް އޭނާގެ ޖަލުތަކުގައި ވޭންދެނިވި އަޒާބު ދައްކަމުންނެވެ. ފަހަރެއްގައިވެސް ޒާލިމުންނަށް އަނިޔާކުރަމުން ގެންދާއިރު ސާޙިބުލް މިރުސާދުގާ، ޚާލިގުލް ކައުނައިނި ވާކަން ނޭގޭކަމީ ހަގީގަތެކެވެ.

އެންމެފަހުން އިސްލާހީ ބައިވެރީން ނައްތާލުމަށް އެންމެ ފަހުގެ ހަރުފަތްތައް ގިރާކުރަމުން ދަނިކޮށް އެއަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު މުޅިރާއްޖޭގެ އެއްފަރާތުން އަނެއް ފަރާތަށް އަރައި ފައިބައިގެން ދިޔަ ސުނާމީ ހިމެނިގެން ދިޔައީ އެހާތަނަށް ދިވެހި ތާރީޚުގައި ނުލިޔެވޭފަދަ ބިރުވެރި އެހާމެ ގެއްލުންބޮޑު ކާރިސާއެއް ކަމުގައެވެ. އޭރުގެ ދިވެހި ސަރުކާރުގެ ހުރިހައިކަމެއް މުލުން ލުހިގެންދާފަދަ ބޮޑެތި ގެއްލުންތައް ކުރިމަތިވެ ބައިނަލް އަގުވާމީ ދުނިޔޭގެ އެހީތެރިކަން ލިބިގެން މެނުވީ ނޭވާ ވެސް ލެވެން ނެތްކަން އެނގުނު ހިނދުން އެންމެ ފުރަތަމަވެސް ދުނިޔޭގެ ރުހުން ހޯދުމަށް ސަރުކާރުން ކުރިކަމަކީ އެއްވެސް ކުށަކާ ނުލައި ހައްޔަރުކޮށް އަނިޔާދެމުން ގެންދިޔަ އިސްލާހީ ބައިވެރީން މިނިވަން ކުރުމާއެކު އެމީހުންގެ މައްޗަށް ސަރުކާރުން ކުރަން ނިންމި މަކަރުވެރި ދައުވާތައް އަނބުރައި ގެނައުމެވެ.

އޭގެ ފަހުން އިސްލާހީ ބައިވެރީންގެ އަޑުބާރުވެ މިގައުމުގެ ސިޔާސީ ވެށި މުޅީން ބަދަލުވެ އެންމެ ފުރަތަމަ އައި ރިޔާސީ އިންތިޚާބުގައި އެމަކަރުވެރި ނުބައި ނުލަފާ ވެރިމީހާގެ ލުއްޗާކަމުން މިގައުމު ސަލާމަތް ކޮށް ރައްޔިތުންގެ ޙައްގުގައި ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމު ކުރެވުނެވެ. އެހެނަސް އަމާން އޮމާން ކަމާއެކު ރައްޔިތުންގެ ވެރިކަން ކުރިއަށް ގެންދާން ލިބުނީ މަދު ދުވަސްކޮޅެކެވެ.

ވެރިކަން ގެއްލުމުން ގަނޑުވެފައި ތިބި އަނިޔާވެރި ވެރިކަމުގެ މޭސްތިރީންނަށް ހަމަނޭވާ ލެވުނީ އަލަށް ވެރިކަން ކުރާންފެށި ފަރާތުން އެމީހުން ހިފައި ހައްޔަރުކޮށް ވޭންދެނިވި އަޒާބުތައް ދެއްކުމުގެ ބަދަލުގައި އެމީހުންނަށް ވެސް އަމާންކަމާއި އެކުގައި މިގައުމުގައި އުޅުމުގެ ފުރުސަތު ދީފިކަން ޔަގީން ވުމުންނެވެ. އެހައިރުން އެވެރީން އަނެއްކާ ވެސް ތެދުވެ މުޅިގައުމު ފަސާދަކޮށް ރައްޔިތުންނަށް މަގުއޮޅުވައި މުޅިގައުމު ހަމަނުޖެހުމުގެ ތެރެއަށް ގަންބާލުމުގެ މަސައްކަތް ފަށައިގަތެވެ. ސަރުކާރު ހިންގުމަށް ދަތިކޮށް، ސަރުކާރުން ކުރާކޮންމެ ކަމަކަށް ޖޯކުޖަހައި، ވީބަޔަކާއެކު މަގުތަކަށް ނުކުމެ ރައްޔިތުން ރަތަށް އަރައިފި ކަމުގައި ގޮވަމުން ފޫނުބެދޭ އެތަކެއް ދޮގުތައް ހަދަމުން ގެންދާން ފެށިއެވެ. އެމީހުންގެ އަތުގައި އޮތިއްޔާ އޮތް ބާރެއްގެ ބޭނުންކޮށް، ސަރުކާރު ވައްޓާލުމަށް މަސައްކަތް ފަށައިގަތީ ކުރީގެ ވެރިމީހާއަށް އީމާންވާ ޙާލުގައި އޮތް ޝަރުޢީ ދާއިރާގެ ރުހުމާއި އެއްބާރުލުމަކީ އެންމެ ވަރުގަދަ ހަތިޔާރު ކަމުގައި ދެކިގެންމެއެވެ.

ހިނިހިނގައި ފަރުބަދަ ކަނޑައޭ ބުނާބީދައިން އަނިޔާވެރީންގެ އަޑުތައް ގަދަވެ އެންމެ ފަހުން މިއަހަރުގެ ފެބުރުއަރީމަހު އެވަނީ މިގައުމުގައި ރައްޔިތުންގެ ތާއީދާއިއެކު އެންމެ ފުރަތަމަ ވޯޓުއޮޅުވާ ނުލައި ގާއިމު ކުރެވުނު ވެރިކަން ވައްޓާލާފައެވެ. ކިތަންމެ ވަރަކަށް ބަހަނާ ދެއްކިޔަސް މިއަހަރުގެ ފެބުރުއަރީ މަހު މިގައުމުގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ނޫންކަމުގައި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ގަބޫލެއް ނުކުރާނެއެވެ. އަދި ބައިނަލް އަގުވާމީ ދުނިޔެ ވެސް އެކަން ފުރިހަމަޔަށް ގަބޫލެއް ނުކުރާނެއެވެ. ހަމައެކަނި މިގައުމުގެ ދާޚިލީ ކަމެއްގެ ތެރެއަށް ގަދަބާރުން ނުވަދެ ތިބެދާނެއެވެ.

ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުން ގެންދިޔައިރު ބަޣާވާތުގެ މޭސްތިރީން އެންމެ ހަރުއަޑުން ގޮވަމުން ގެންދިޔައީ އެއިރު ވެރިކަމުގައި ހުންނެވި ރައްޔިތުންގެ ލޯތްބާއި އިޙުތިރާމް އިންތިހާއަށް ލިބިފައިވާ ރައީސް ނަޝީދާއި އޭނާގެ ޕާޓީގައި ހިމެނޭ އެންމެން ހިފައި ހައްޔަރުކޮށް ނައްތާލާނެ ކަމުގައެވެ. ވެރިކަން ބަދަލުކުރުމާއި އެކުގައި މުޅިރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހިންގި އަލިފާނުގެ ހާދިސާތަކަކީ މިކަމަށް މަގުފަހި ކުރުމުގެ ގޮތުން އެމީހުން އަޑީގައި ތިބެގެން އެހެން ބައެއްގެ ބޮލުގައި އެކަން އެޅުވުމަށް ހިންގި ބޮޑު ޖަރީމާއެއް ކަމުގައި މިއަދުވެސް ގިނަބަޔަކު ގަބޫލު ކުރެއެވެ. ފުރިހަމަ ހަތިޔާރާއެކު ތަމްރީނު ލިބިގެންތިބި ފުލުހުންނާއި ސިފައިންނާއި އިދިކޮޅަށް ނުކުމެ މިގައުމުގެ އާންމު ބަޔަކަށް އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި ފަނާކޮށްލެވޭނެ ކަމުގައި ބުނެވޭނީ ކިހިނެއް ހެއްޔެވެ؟ އެތަކެއްހާސް ރައްޔިތުން ކުރަމުން ގެންދާ ސުލްހަވެރި މުޒާހަރާތައް އެނައްތާލަނީ މަދު ފުލުހުން ކޮޅަކާއި ސިފައިން ނުކުމެ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ނަމަވެސް މަންޒަރު ބަދަލުކޮށް މިއަދުވެސް މިހާރު މިއޮތް ބާޣީ ސަރުކާރުން އެގެންދަނީ އާންމު ރައްޔިތުންގެ ތެރެއިން މި އަނިޔާވެރީންނާއި އެއްބައި ނުވާހާ ބަޔަކަށް އެއްކަލަ ޓެރަރިޒަމްގެ ދައުވާ އުފުލަމުންނެވެ. ދެހާސް ހަތަރުވަނަ އަހަރެކޭ އެއްގޮތަށެވެ. މިއަދު ވެރިކަމުގައި ނަގާކިޔާންވެސް އެތިބީ ހަމަ އެއްކަލަ އަނިޔާވެރީންނެވެ. މީގެ އިތުރުން ގައުމުގައި ހިނގާ ކޮންމެ ކަމެއްގެ އިލްޒާމު ރައީސް ނަޝީދާއި އޭނާގެ ޕާޓީގެ ބޮލުގައި އެޅުވޭތޯ ގިނަގުނަ މަސައްކަތް ތަކެއް އެގެންދަނީ ކުރަމުންނެވެ.

ވެރިކަން ބަދަލުކުރި ދުވަހުއްސުރެ މިގައުމުގެ ރައްޔިތުން މިވަނީ ބިރުވެރިކަމާއި ހިތްދަތި ކަމުގެ ތެރޭގައެވެ. ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެހުރީ މެދުކަނޑާލާފައެވެ. ވެރި ކަމަށް އަރައި ހުރި މީހާ ގޮވައި ނަގަނީ މިގައުމުގައި ފައިސާ ފުނިފުންޏަށް ހުރިކަމުގައެވެ. އެކަމަކު ފިނޭންސް މިނިސްޓަރު ރޮއެހޭރެނީ މުސާރައާއި އެހެނިހެން ރިކަރަންޓު ޚަރަދުތައް ކުރެވޭނެ ފަދަ އެއްވެސް ގައުމުގެ ޚަޒާނާގައި ނެތިގެންނެވެ. ކެޕިޓަލް އިންވެސްޓްމެންޓެއް ކުރުމުގެ ޚިޔާލެއް ފިކުރެއްވެސް މިސަރުކާރުގެ ނެތެވެ. މިހާލުގައި ގައުމު އޮތްއިރު މަގުމަތީގެ އަމާންކަމެއް ނެތެވެ. ދެމީހަކު މަގުމައްޗަށް ނުކުންނައިރަށް ފުލުހުންނާއި ސިފައިން އައިސް ތަޅާ މުގުރާލައެވެ. ވެރިކަމަށް އަރައި ހުރި މީހާ އޮފީހަށް ދާއިރު ރައްޔިތުން ތިބެން ޖެހެނީ މަގުހުރަސް ނުކުރެވި ދެކަމު އެއްކޮށް ހާޖަތައް ދެވުނަސް ގުޑާނުލެވިފައެވެ. އިދިކޮޅަށް އެއްޗެއް ބުނާ ކޮންމެ މީހަކީ ސިޔާސީ ކުށްވެރިއެކެވެ. ނޫނީ އަމަން ނަގާލަން އުޅުނީޔޯލައެވެ. މާލެއާއި ރާއްޖެތެރޭގެ ހާލަކީ މިއެވެ. މިއަދު ރޭގަނޑުގެ ދަންވަރު ހޫނުވެގެންވެސް މީހަކަށް މަގުމައްޗަށް ނުކުމެވޭކަށް ނެތެވެ. ފުލުހުންނާއި ސިފައިން ގޭގެއަށްވަދެ ފޭރޭވާހަކަ އިވެއެވެ. މަގުމަތީގައި އެއްޖިންސުން ގުޅުން ހިންގާވާހަކަ އާންމުވެއްޖެއެވެ. ވެރިކަމަށް އަށްމަސްވީއިރު 9 ގަތުލު މިގައުމުގައި ހިންގައިފިއެވެ. މަރުވާފަދަ ހާލަތަށް ޒަޙަމުކޮށްލި ކިތަންމެ ބައެކެވެ.

މުޅިގައުމުގެ ކަންކޮޅުތަކަށް ލަގުވަމުން ދިޔަކަމުގައި އަޑުފެތުރުނު ހުދަންބަރުތަކާއި، މާވަހަރުތައް ފެންނާން ފެށިއަޑާއެކުގައި އަނިޔާވެރީން ގޮވަމުންދިޔައީ އެއީ ތިމަންނާމެންގެ މޮޅުކަމުން ރައްޔިތުންނަށް ލިބެމުންދިޔަ ޚަޒާނާތަކެއް ކަމުގައެވެ. އާޚިރުގައި އުފާވެރިކަމުގައި މޮޔަވަމުންދިޔަ އެތަކެއް ރައްޔިތުންގެ ހިތްތައް ކަތިލެވިގެން ދިޔައީ އެތަކެއްޗަކީ ޖަނަވާރުގެ ސަރުބީކަމުގައި ވެގެން ދިއުމުންނެވެ. މާވަހަރު ސަރުކާރު ސަރުބީ ސަރުކާރަކަށް ބަދަލު ކުރެއްވުމަށް ރުއްސެވި ކަލާނގެ ކުޅަދުން ވަންތަކަމާއެވެ.

މުޅިގައުމުގައި ސަރުކާރު ބަދަލުވުމާއެކު، މިއަދުވެސް އޭގެ އަޑިނޭނގޭ ހުޅުގެ ސަބަބުން އަނދާދިޔަ ތަންތަނާއި ތަކެތީގެ އަގު އެތައް ސަތޭކަ މިލިޔަނަށް އަރައެވެ. ރާއްޖޭގައި މަޝްހޫރު ސިޔާސީގޮތުން ކުރީގައި ޖެހި ބޮޑުހުޅުގައި އެނދީ ފަންފުޅަށްތަކާއި ލަކުޑި އިމާރާތް ކޮޅެކެވެ. އަގުމަގު ގުނޭނީ ހާހުން ކަމުގައި ހީވެއެވެ. މާރާމާރީ އާންމުވެ ގަތުލުތައް ގިނަވެއްޖެއެވެ. މަގުމަތީގެ މިނިވަންކަމެއް ނެތެވެ. ބަސްބުނުމުގެ ހައްގު ނިގުޅައި ގަނެފިއެވެ. އިންސާނީ ކަރާމާތެއް އަމުދުން ނެތެވެ. ވެރިކަމުގައި ތިބި މީހުންނާއި ފުލުހުންނާއި، ސިފައިން ތިބީ ޖަޒުބާތުގައި ޖެހި ރައްޔިތުންގެ ލެޔަށް ދަހިވެތިވެފައެވެ.

މިއަދު އަހަރު ނިމެމުން ދާއިރު މީންޒަމާނަކު ރާއްޖެއަށް ނުކުރާފަދަ ވިއްސާރަކޮށް ފެންބޮޑުވެ، ރަށްރަށަށް ނަގޫރޯޅިއަރައި ރައްޔިތުންގެ ގެދޮރު ގެއްލި ދަނޑު ފަނގު ހަލާކުވެ ރައްޔިތުންގެ މުދާތައް ފަނާވެ ދަނީއެވެ. މިހާލަތުގައިވެސް ގައުމާއި މެދު ވިސްނާލާނެ ހަމައެކަކުވެސް ވެރިކަމުގައި ނެތެވެ. އަދިވެސް އެދަނީ ސިޔާސީގޮތުން ވަކިބަޔަކު ނައްތާލުމަށް ހަރުއަޑުން ގޮވަމުންނެވެ.

ހަގީގަތަކީ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް މިއަހަރަކީ ދިވެހީންނަށް މުސީބާތާއި، ހިތާމަތަކާއި ބިރުވެރިކަމުން ފުރިގެންވާ އަހަރެއް ކަމެވެ. ކީރިތި ﷲ މިގައުމު މިއަދު އެތިބަ އަނިޔާވެރި ވެރީންގެ ކިބައިން ސަލާމަތް ކުރައްވައި ރައްޔިތުންނަށް އަމާން ތަނެއް ކަމުގައި ލެއްވުންއެދި ދުޢާ ދަންނަވަމެވެ. ހިތާމަޔާއި ބިރުވެރިކަން ލިބިފައިވާ ދިވެހި މުސްލިމު އަޚުންނާއި އުޚުތުންނަށް ހާއުފާވެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން.