ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ހިމޭން މުޒާހަރާއެއް ކޮށްފި

ލިޔުނީ: ރާމިޒް
އަޕްޑޭޓް ކުރީ: ރާމިޒް

ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ރޭ ހިމޭން މުޒާހަރާއެއް ކޮށްފިއެވެ.

“ފަނޑިޔާރުގެ ވެސް މިނިވަން ކުރެވޭނެ! މަޖިލީހަށް އެންމެ ވެސް ހާޒިރުކުރެވޭނެ!” މި ޝިއާރުގެ ދަށުން ރޭ އެމްޑީޕީން ބޭއްވި ހިމޭން މުޒާހަރާ ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ މައި ސެކްރެޓޭރިއަޓް ކުރިމަތިން ފަށައިގެން ގޮސް ހިނގާލުމެއް ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ބާއްވާފައެވެ.

ރޭ 9 ޖެހިއިރު ފެށި މި މުޒާހަރާ ގައި އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނާއި، އެ ޕާޓީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ގިނަ ފަރާތްތަކުން ބައިވެރިވެފައިއެވެ.

އެމްޑީޕީ ސަރުކާރުގެ ބައެއް ކެބިނެޓް މިނިސްޓަރުންނާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވެސް ބައިވެރިވި މި މުޒާހަރާގެ ބައިވެރިން ވަނީ ސިޔާސީ ފައިދާއަށް އަދުލު އިންސާފް ނައްތާނުލުމަށާއި، ފަނޑިޔާރުގެ ޚަރާބުކޮށްގެން އެކަކަށް ވެސް ފައިދާއެއް ނެތް ކަމަށާއި، އެކަމުން މުޅި ގައުމަށް އޮތީ ގެއްލުން ކަމަށާއި، ފަނޑިޔާރުގެ ހިސާރުކޮށް ފަނޑިޔާރުން ލައްވާ ގޯނާކުރުން ހުއްޓާލުމަށާއި، ހުޅުމާލެ ކޯޓު ކަމަށް ބުނާ ތަނަކީ ޣައިރު ގާނޫނީ ކޯޓެއް ކަމަށާއި އެ ކޯޓު ވަގުތުން އުވާލުމަށް ގޮވާލާފައެވެ.

ފަނޑިޔާރުގެ މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީން ރޭ ހިމޭން މުޒާހަރާއެއް ކުރިއިރު، އެމްޑީޕީ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ވެސް އެޕާޓީން ވަނީ އަދުލުގެ އިންސާފުގެ ދާއިރާ މިނިވަން ކުރުމަށް “އިންސާފުގެ ދަތުރު”ގެ ނަމުގައި ބޮޑު ކެމްޕެއިނެއް ކުރިޔަށް ގެންގޮސްފައެވެ.

މި މުޒާހަރާ މިރޭ ވެސް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.