މެންބަރުންގެ ޚިޔާލު: މިހާރު އެއުޅެނީ ހަމަ ގަންނާ ކުރައްވާ ބިރުންނެވެ!

ފުނަމާ
އަޕްޑޭޓް ކުރީ: ރާމިޒް

ފެބުރުއަރީ މަހު ރާއްޖެއަށް ގެނައި ބަޣާވާތަކީ ބަޣާވާތެއް ނޫންކަމުގައި ބުނާނަމަ ދެން މިގައުމުގައި ކީއްކުރަން ދުނިޔޭގެ އެއްވެސް ގައުމެއްގައި ބަޣާވާތެއް ނުގެނެވޭނެއެވެ. އެހާމެ ސާފުކޮށް އެންމެންނަށް ފެންނާނެހެން އެވަނީ ފުލުހުންނާއި ސިފައިން ނުކުމެ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައީސުލް ޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވައި އެންމެފަހުން މަޖުބޫރުކޮށް އިސްތިއުފާދޭން ޖައްސާފައެވެ. ” އެއްވެސް ޝަރުތަކާ ނުލައި އިސްތިއުފާ ދިނުމަށް ހުށައަޅާފައި އަދި، އެއީ ނޮން ނެގޯޝިއަބަލް ކަމެއް ” ކަމުގައި އެދުވަހު މިހާރުގެ ބާޣީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ބުނިބުނުމާ ރައީސް ނަޝީދު ދެއްވި އިސްތިއުފާއާއި ކިހާވަރެއްގެ ގުޅުމެއް ހުރިތޯ ހަމައެކަނި ބަލާލިޔަސް މިކަމުގައި އިތުރު ސުވާލެއް ނުއުފެދެއެވެ.

ގާނޫނީ ސަރުކާރެއް އޮއްވައި ދައުލަތުގެ މީޑިޔާ ބާޣީންގެ އަތްދަށަށް ގެނެސް ވެރިކަން ކުރާ ޕާޓީގެ މައިޖަގަހަ ފުނޑާލައި ފުލުހުންގެ އިސްވެރީންނަށާ ސްޓޭޓު މިނިސްޓަރުންނަށް ފާޅުގައި ހަމަލާދީ ދުވަސް ދުއްވާލުމަކީ ޢައިރުގާނޫނީ އަމަލަކަށް ނުވެ ހިނގައިދާނެ ކަމުގައި ބުނާނަމަ ދެންމިގައުމުގައި ޢައިރުގާނޫނީ އެއްވެސް ޖަރީމާއެއް ހުހިންގާނެއެވެ. ކޮންމެ ގޮތަކަށް ކޮންމެ ބަޔަކު ކޮންމެ ކަމެއް ކުރިޔަސް އެކަމަކީ ޖާއިޒު ކަމެއް ކަމުގައި ދުށުމުގެ ފުރުސަތު މިއޮތީ ތަނަވަސް ވެފައެވެ. އަދި އެދުވަހަށްފަހު ފާޅުގައި މީހުންމެރުމާއި އިންސާނީ ކަރާމާތަށް އަރައިގަތުން މިވަނީ މިގައުމުގައި ފާޅުގައި ހިންގާން ފަށާފައެވެ.

އެތަކެއް ގަރުނަށް ފަހު މިގައުމުގައި ހިންގަމުންއައި ޚުދުމުޚުތާރު ވެރީންގެ ވެރިކަން މުލުން ލުހެލައި ޒަމާނީ ޑިމޮކްރަސީއެއް ތަޢާރަފު ކުރުމަށް ފަށައިގަތް ފަށައިގަތުމަކީ މިގައުމުގެ ބަޔަކަށް ހަޖަމު ނުކުރެވުނު ކަމެއް ކަމުގައިވެ އެވެރިކަމުގެ މެދުތެރެއިން ވެރިކަން ވައްޓާލީ އޭގެކުރީން ކުރަމުން ގެންދިޔަ އެތަކެއް މަސައްކަތްތަކުން ބާރުލިބި ޖާގަހޯދައިގެންނެވެ. ބުނެވޭ ގޮތުގައި މިއަދު މިގައުމުގައި ވެރިކަން މިކުރަނީ ތިމަންނާ މެންނޭ ބުނާ ގާނޫނީ ހަމަތަކާއި ޚިލާފަށް އުފައްދައިގެން އެއުޅޭ އިއްތިހާދެއްގެ މުލުގައި ތިބީ ދުނިޔޭގެ ފެންވަރުގެ ޓެރަރިސްޓުން ކަމުގައި މީހުން ބުނެތެވެ. އަދި އެމީހުންނަށް ވާގިދެމުން ގެންދަނީ ބޭރުގެ ޓެރަރިސްޓު ޖަމާއަތް ތަކުން ކަމުގައި ބެލެވޭނެ ކިތަންމެ ކަންތައްތަކެއް މިއަދު މިގައުމުން އެދަނީ ފެނި ، ތަމްސީލު ވަމުންނެވެ. ހައްދުފަހަނަ އަޅާފައިވާ ދީނީ ފިކުރުތައް ކުރިޔަށް ނެރެގެން އެމީހުންގެ ފިކުރާ ތަބާނުވާ ކޮންމެ މީހަކު މަރާލަން ގޮވައި، ލިޔެ ހަދަމުން ގެންދާއިރު އެމީހުންނަށް މަދަދުވެރި ވުމުގައި ދައުލަތުގެ ސަލާމަތީ ބާރުތަކުން ނިދި ނަގާލައި އުޑިއަނބުރާ ކަމުގައި ބުނާމީހުންވެސް މަދެއް ނޫނެވެ.

ފާޅުގައި ނުކުމެ މިގައުމުގެ ފަސްމަތީގައި ހުރި ބައިނަލް އަގުވާމީ އިދާރާތަކުގެ ދިދަތަކުގައި ހުޅުޖަހާއިރު އެކަމަށް ތަރުޙީބުދީ އެއްވާ ސަތޭކައެއްހާ މީހުން ސަލާމަތީ ބާރުތަކުގެ ބާރުގެ ބޭނުން ކޮށްގެން ނުހުއްޓުވޭއިރު ދިހަބާރަހާސް މީހުން އެމީހުންގެ ވޯޓުގެ ޙައްގު ހޯދުމަށް އިހްތިޖާޖު ކުރުމަށް ނުކުތުމުން އެންމެ ދިހަވަރަކަށް މިނެޓުގެ ތެރޭގައި ވިއްސި ވިހާލި ކޮށްލާ މަންޒަރު ފެނުމުން ކުރީން ދެންނެވި އަޑުތަކުގައި ޔަގީންކަމެއް އޮތްކަމުގައި ދެންނެވިދާނެތާއެވެ. ދީނީގޮތުން ތިމާއަށް ފެންނަ ޚިޔާލެއް ޝުޢޫރެއް ހާމަކޮށްފައި އެނބުރި ގެއަށް ނުވަދެވެނީސް އެމީހެއްގެ ފުއްކިބާ ދުއްވާލައި ކަރާއި ބަނޑުގައި ވަޅިއެޅުންފަދަ ކަންކަން މިގައުމުގައި މިދަނީ އާންމު ވަމުންނެވެ. މީގެކުރީންވެސް ދީނީ ޚިލާފުވުމެއްގައި އެތަކެއް ހޫނު ބަހުގެ ހަމަލާތަކަށްފަހު ދިވެހި ނޫސްވެރިޔެއްގެ ގަޔަށްވެސް ވަނީ ވަޅިއަޅައި މަރާލަން އުޅެފައެވެ. މިފަދަ އިންޒާރުތައް ދެނީ ކޮންބައެއް ކަމާ އެކަން އެކުރަނީ ކޮންބައެއްކަން މިކުޑަ މުޖުތަމައުގައި ނޭނގި ފަރުދާ ވެދާކަމީވެސް އަރަތެކެވެ. ގިނަބަޔަކު އެއްބަސްވާ ގޮތުގައި މިފަދަ ކަންކަން މިހާ ރޭވުންތެރި ކަމާއެކު ހިންގޭނީ ދުނިޔޭގެ ފެންވަރުގެ މާފިޔާ ގޭންގުތަކާއި ޓެރަރިސްޓު ޖަމާއަތް ތަކަށެވެ. ނޫނީ އެގައުމެއްގައި އޮންނަ ސަރުކާރެއްގެ ތެރެއިން ރޭވިގެންނެވެ. މިއިން ކޮންމެވެސް ކަމެއް މިގައުމުގައި ގައިމުވެސް މިއަދު އެބައޮތެވެ.

މިއަދު މިގައުމުގައި އެތަކެއް ސުވާލުއުފެދޭ ގޮތެއްގައި އުފައްދައިގެން އެއުޅޭ ވެރިކަން ކޮންމެ ގޮތަކުންވެސް ޙިމާޔަތް ކުރުމުގައި ދުވަހަކު ނޫޅޭ މިންވަރަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުން އެކަމާ އިދިކޮޅުވާހާ ބަޔަކު ތަޅައި ރޯނާ ގަންނުވަމުން ގެންދާއިރު ގާނޫނީ ހަމަތަކުގެ މަތީން މިގައުމުގެ ވެރިކަން ބަދަލު ކުރުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ކުރަމުން ގެންދާ މީހުންނަށް އިންތިހާއަށް ގޯނާކޮށް އެމީހުންގެ ޚިޔާލުތައް ފާޅުކުރުމުގެ ދޮރުތައް ބަންދުކުރަމުން އެގެންދަނީ ކީއްވެގެންކަން ވިސްނާލުމުން ވަރަށް ފަސޭހައިން އެބައެނގެއެވެ. އަލުން އަބުރައި ޑިމޮކްރަސީ މިގައުމަށް ގެނެވިއްޖެނަމަ އަނިޔާވެރީންގެ ޖަރީމާތަކަށް އިންސާފު ކުރެވި އެމީހުންނަށް ގާނޫނުގައި ކަނޑައެޅި ބުނެފައިވާ އަދަބުތައް ލިބިގެން ދާނެކަން އަނިޔާވެރީން ދަނެއެވެ. އެހެން ކަމުން އެމީހުންގެ ހުރިހައިވެސް އަމާޒަކަށް ވެފައިމިވަނީ އަލުން އަނބުރައި މިގައުމު ޑިމޮކްރެޓިކް ވެއްޓަކަށް ނޭވާލިޔަ ނުދިނުމެވެ.

މިއަދު ސިޔާސީ ލީޑަރުންނޭ ކިޔައިގެން މުޅިގައުމުގައި ފިތުނަ އުފައްދަމުން ގެންދާ ގިނަ މީހުން އެންމެ ބިރުގަންނަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި އެޕާޓީގެ ސަޕޯޓަރުން ދެކެއެވެ. ޚާއްސަކޮށް ވަކި ފަރުދަކަށް ބަލާއިރު އެޕާޓީގެ އެންމެ އިސް ލީޑަރު ރައީސް ނަޝީދު ދެކެއެވެ. އެހެނީ ރައީސް ނަޝީދަކީ ޚުދުމުޚުތާރު ވެރިކަން މިގައުމުން ނައްތާލުމަށް އެމަނިކުފާނުންގެ ހަޔާތުގެ ބޮޑުބައެއް ޖަލުގެ ތޭރިތަކުގެ އެތެރޭގައި ހޭދަކުރަށްވަން ޖެހުމުންވެސް ފިސާރި އަޒުމާއި ސާބިތު ކަމާއިއެކުގައި އެކަންވެސް ބަލައިގަނެ، ހަމަ އެންމެ ފުރުސަތެއްވެސް ދޫނުކުރައްވައި ނުކުމެ ވަޑައިގެން ރާއްޖެއަށް ޑިމޮކްރަސީ ގެނެސް ދެއްވި ލީޑަރެވެ. މިއަދު އިދިކޮޅު ފަރާތްތަކުންވެސް މިގޮތަށް ފާޅުގައި އެގެންދަނީ ބުނަމުންނެވެ. އެއްކޮޅު މީހުންނާއި އިދިކޮޅު މީހުންވެސް މިކަމަށް އެއްބަސް އެވަނީ ސަބަބެއް ނެތީމައެއް ނޫނެވެ.

މިއަދު އިއްތިހާދެކޭ ކިޔައިގެން ޢައިރު ގާނޫނީ ޖަމާއަތެއްގެ ގޮތުގައި މިގައުމުގައި ގިނަމީހުން ބުނާގޮތުގައި ހަރަކާތްތެރި ވަމުން އެގެންދަނީ ރާއްޖޭގައި އުފެދިފައިވާ ޓެރަރިސްޓު ޖަމާއަތަކުންނެވެ. އެމީހުން އަބަދުވެސް ގޮވާލަނީ ކޮންމެވެސް ބަޔަކު ހިފައި ހައްޔަރު ކުރާށާ ނައްތާލުމަށެވެ. ރައްޔިތުންނަށް ފައިދާއެއް ލިބިދާނެ އެއްވެސް ކަމެއް ކުރުމަކަށް އެމީހުން މަގެއް ނުކޮށައެވެ. ތަރައްގީގެ މަގުގައި ކަމެއް ކުރިކަމަށް ދަށްކާން ކުރެވޭ ކޮންމެ ކަމަކީ ރައީސް ނަޝީދުގެ ސަރުކާރުން އެތަކެއް މިންނެތް މަސައްކަތް ކޮށްގެން އަޅާފައިވާ އެއަރޕޯޓެއް ހުޅުވުން ނުވަތަ ހަދާފައިވާ ބަނދަރެއް ހުޅުވުމެވެ. ކިތަންމެ ލަދުގެންފައި ނަމަވެސް ރެކިދިޔެގެ މޮހޮދާ އެއިންނަނީ އެންމެންގެ މަލާމާތުގެ ކުރިމަތީގައި ގަބުރެއް ހެންނެވެ.

މިނޫން ކަމެއް މިމީހުންނަށް ކުރެވޭނަމަ ކުރާހާވެސް ކަމަކީ ސަރުކާރު ހިންގުން މިލިޓަރީ ކުރުމެވެ. ދަންވަރު މީހުން މަގުމައްޗަށް ނުކުމެ ނޫޅެވޭނެ ގޮތަށް ވިޔަފާރި ކުރާތަންތަން ވެސް ބަންދު ކުރުމެވެ. ބުންޏަސް ނުބުންޏަސް މިއަދު މިގައުމުގެ ސަރުކާރު ހިންގަމުން ގެންދާ ގޮތަކީ މިލިޓަރީ ވެރިކަމަކާ އެއްގޮތް ގޮތެއް ކަމުގައި ގަބޫލުނުކުރާ މަދުމީހަކު މެނުވީ މިގައުމަކު ނެތެވެ. ފުލުހުންނާއި ސިފައިން ކިތަންމެބޮޑު ޖަރީމާއެއް ހިންގިޔަސް އެއްވެސް އަދަބެއް ނުލިބޭނެ ކަމަށް ފާޅުގައި ވެރިކަމުގެ ފަރާތުން އެގެންދަނީ ކަށަވަރުކޮށް ދެމުންނެވެ. މީގެ އިތުރުން އެމީހުންނަށް ބޮޑެތި އިނާޔަތްތަކާއި އެހެނިހެން މާލީ އެހީތައް އެގެންދަނީ އޮއްސަމުންނެވެ. ފުލެޓުތައް ދެމުންނެވެ.

މިކަންކަމުން އެނގި ޔަގީންވަނީ މިއަދު މިގައުމުގައި މިއޮތް ސަރުކާރުގެ ހާލަތެވެ. އަތުވެދާނެ ބަދަލަކާ ގުޅިގެން މިމީހުން ކޮނެ ފުންކުރި އަނދަވަޅުތަކަށް ވެއްޓި ހަފުސްވާނެކަން އެމީހުންނަށް އެބަޔަގީން ވެއެވެ. އެހެންކަމުން ދެކިދިޔެގެ މޮހޮދާ އޭނާގެ ބައިވެރީން މިހާރު އެއުޅެނީ ހަމަ ގަންނާކުރައްވާ ބިރުން ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެންނެވެ. އެމީހުންނަށް ރައްޔިތުންގެ ތާއީދެއް ނެތެވެ. ތާއީދު ހޯދުމަށް ކުރެވޭނެ އެއްވެސް ކަމެއް ވެސް ނެތެވެ.