ދ.ކުޑަހުވަދޫ ގައި ސުލްހަވެރި ކަމާއެކު އިހުތިޖާޖުކުރަމުންދިޔަ ފަރާތްތައް ހިފައި ހައްޔަރުކޮށްފައި ވާތީ އެކަން ކުއްވެރިކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 124
ތާރީޚް: 28 އޮކްޓޯބަރ 2012 (އާދީއްތަ)

ދ.ކުޑަހުވަދޫ ގައި ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރަމުންދިޔަ ފަރާތްތައް ހިފައިހައްޔަރުކޮށްފައިވާތީ އެކަން ކުއްވެރިކުރުން

ރާއްޖޭގެ ރައީސް ކަމާއި މިހާރު ހަވާލުވެވަޑައިގެން ހުންނެވި ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު މިއަދު ދ.ކުޑަހުވަދޫ އަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް އެރަށު ރައްޔިތުން ކުރަމުން ގެންދިޔަ އިހުތިޖާޖުގައި ބައިވެރިވެ ސުލްހަވެރި ކަމާ އެކު އިހުތިޖާޖު ކުރަމުން ގެންދިޔަ ފަރާތްތައް، އުމުރުން ދުވަސްވީ މީހަކަށް، އަންހެނަކަށް، ކުޑަކުއްޖަކަށް ބެލުމެއް ނެތި އަދި އެއްވެސް އިންޒާރެއް ދިނުމެއް ނެތި އަނިޔާވެރިކަމާއެކު ހިފައި ހައްޔަރުކޮށްފައިވާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

މި އަހަރުގެ ފެބްރުއަރީ 7 ގެ ފަހުން ގައުމުގެ ހާލަތު އެތައްތަނަކުން ދަށަށް ގޮސް ރަށްރަށުން ތެޔޮ ހުސްވެ، މާލެ އާއި ރަށްރަށުން ޒަރޫރީ ބޭސް ހުސްވެ، ތަކެތީގެ އަގު ބޮޑުވަމުން ދިއުމުގެ އިތުރުން، އެމްޑީޕީ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ބޭސްފަރުވާއަށް ސަލާން ޖަހަންޖެހި، ދަތުރުފަތުރުގެ ނިޒާމް އޮޔާ ގޮސް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން ފެށި ފްލެޓާއި ރޯ ހައުސް އެޅުމުގެ މަސައްކަތް ހުއްޓި، މަސްތުވާތަކެއްޗަށް އިތުރު ދޮރުތަކެއް ހުޅުވި، މާރާމާރީ އާއި ވައްކަމާއި ފޭރުން އިތުރުވެ، 24 ގަޑިއިރުގެ ވިޔަފާރީގެ ޚިދުމަތް ބަންދުކުރުމުގެ ސަބަބުން ވިޔަފާރިތަކުން ލިބޭ ނަފާ ދަށްވެ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން އެތައް ތަކްލީފެއް އުފުލަން ޖެހި، އެމްޑީޕީ ސަރުކާރުން ފަށާފައިވާ ބަނދަރުތަކާއި، ނަރުދަމާ އާއި ސާފު ބޯފެން ފޯރުކޮށް ދިނުމުގެ މަޝްރޫއުތައް ހުއްޓިފައި ވުމާއި މި ނޫނަސް އެކި ދާއިރާތަކުން ގައުމު އެތައް ފިޔަވަޅެއް ސޮއްސާލާފައި ވާތީ ގައުމުގެ ވަލިއްޔުލް އަމުރު ކަމާއި ހަވާލުވެވަޑައިގެން ހުންނެވި ފަރާތަށް ރައްޔިތުންގެ ޝުއޫރުތައް އިއްވުމަށް ކުޑަހުވަދޫ އެމްޑީޕީ މެންބަރުންގެ އިސްނެގުމުގެ މަތިން މިއަދު އެރަށު ބަނދަރު ސަރަހައްދުގައި ކުރި އިހުތިޖާޖާ ގުޅިގެން ވަރަށް އަނިޔާވެރިކަމާ އެކު 6 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން 2 މީހަކު އަދިވެސް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިވާ ކަން މި ޕާޓީން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. އަދި މި ފަރާތްތައް ހައްޔަރުކުރި އިރު، މީހުން ހައްޔަރު ކުރުމުގައި ޕެޕަރސްޕްރޭ ޖަހައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ބޭއަދަބީ ބަހުރުވައިން މުޚާޠަބުކޮށް، ފުލުހުން ވަރަށް އަނިޔާވެރިކޮށް އަމަލުކޮށްފައިވާކަން ވެސް މި ޕާޓީން ނުހަނު ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ.

އެހެން ކަމުން ގާނޫނުތައް ނެގެހެއްޓުމުގެ ޒިންމާއަދާކުރަންޖެހޭ ފަރާތްތަކުން ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރުމަށާއި، ސުލްހަވެރިކަމާ އެކު އިހުތިޖާޖުކުރާ ފަރާތްތައް ހައްޔަރުނުކުރުމަށާއި، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ފުލުހުން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށާއި، މި އިޙްތިޖާޖާއި ގުޅިގެން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށާއި، މިގޮތަށް ގާނޫނާއި ޚިލާފަށް މީހުން ހިފައިހައްޔަކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ފުލުހުންކުރާ މަސައްކަތްތައް ބަލައި، ގާނޫނީ ފިޔަވަޅުއަޅައިދިނުމަށް ހިއުމަންރައިޓްސް ކޮމިޝަނަށާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް